އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ބެޑްމިންޓަން އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ 15 ވަނަ އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ، މިމުބާރާތުގެ ޓީމް އިވެންޓުގައި ބައިވެރިވާން ބޭނުންވާ އެންމެހާ ސްކޫލް ތަކާއި މަދަރުސާތަކުން މުބާރާތާ ބެހޭ އެންމެހާ ކަންކަމުގައި މުއާމަލާތް ކުރާނެ ފޯކަލް ޕޮއިންޓެއް ކަނޑައަޅުއްވާ އެފަރާތެއްގެ ނަމާއި މަގާމް އަދި ގުޅޭނެ ނަންބަރު އަންނަ މަހުގެ 15 ކުރިން ލިޔުމަކުން އެކަން އެއެސޯސިއޭޝަނަށް އަންގަން ޖެހޭނެ ކަމަށެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ، މިމުބާރާތުގެ ޓީމް އިވެންޓު ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ އަންހެން ފިރިހެން ވަކިން ތިން އުމުރު ފުރައަކަށް ބަހާލައިގެން ކަމަށާއި އެގޮތުން އެ އުމުރު ފުރާތަކަކީ 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރު ފުރާ ކަމަށެވެ.
މީގެ އިތުރުން މުބާރާތުގެ އަމިއްލަ އިވެންޓުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފަިއ ވަނީ، ހަތަރު އުމުރު ފުރައަކަށް ބަހާލައިގެން ކަމަށާއި އެއީ 12 އަހަރުން ދަށާއި 14 އަހަރުން ދަށާއި 16 އަހަރުން ދަށުގެ އިތުރުން 19 އަހަރުން ދަށުގެ އުމުރު ފުރާކަށެވެ. އަދި 12 އަހަރުން ދަށުގެ އުމުރު ފުރާ ކުރިއަށް ދާނީ ސިންގަލްކޮށް ކަމަށާއި 14 އަހަރުން ދަށުގެ ބައި ކުރިއަށް ދާނީ ސިންގަލްސް އާއި ޑަބަލްސް ކޮށް ކަމަށެވެ.
އަމިއްލަ އިވެންޓުގެ 16 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ބައިތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ސިންގަލްސް، ޑަބަލްސް އަދި މިކްސްޑަބަލްސް ކޮށް ކަމަށްވެސް ބެޑްމިންޓަން އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ މާޗް މަހުގެ 20 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ