ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) މާދަމާވެސް ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޗިޓު ހަވާލުކޮށްފި އެވެ.
މާދަމާ ހަވީރު 16:00 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް މުހައްމަދު އަބްދުﷲ އާއި ޗިޓް ހަވާލު ކުރީ މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުވުމުން ނެވެ.
މާދަމާ ފުލުހުންގެ އިދާރާއަށް މުހައްމަދު އަބްދުﷲ ހާޒިރު ކުރަނީ ސުޕްރީމް ކޯޓުން މިދިޔަ މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރާ ގުޅިގެން ދައުލަތުގެ އެކި އިދާރާތަކުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް އެ އިދާރާތަކުގެ މުވައްޒަފުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ހުށަހަޅާ އެމުވައްޒަފުންގެ ރަސްމީ ހައިސިއްޔަތުން އަދާކުރަންޖެހޭ ކަންތައްތަކަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވާފައިވާ ކަމަށް ފުލުހުން ތުހުމަތުކުރާ މައްސަލަ އާއި ގުޅިގެން ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށް ޗިޓްގައި ބުނެފައިވެއެވެ.
މުހައްމަދު އަބްދުﷲ މާދަމާ ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓް ހަވާލުކޮށްފައި މިއަދާ އިއްޔެވެސް އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށް ފަހުގައެވެ.
މުހައްމަދު އަބްދުﷲ ވިދާޅުވީ ފުލުހުން ކުރަމުންދާ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް ނެތް ސިޔާސީ ތުހުމަތުތަކެއް ކަމަށެވެ. ކިތަންމެ ވަރަކަށް ހައްޔަރުކޮށް މަޖިލީހުގެ ގޮނޑި ގެއްލުވާލި ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގާނޫނާ ހިލާފަށް ކުރަމުންދާ ކަންކަމާ ދެކޮޅަށް އަޑުއުފުލުން ހުއްޓާނުލައްވާނެ ކަމަށްވެސް މުހައްމާ ވަނީ ވިދާޅުވެފަ އެވެ.
މުހައްމަދު އަބްދުﷲ ފުލުހުންގެ އިދާރާއަށް މާދަމާ އަނެއްކާވެސް ހާޒިރު ކުރާއިރު މިދިޔަ އާދިއްތަ ދުވަހު އޭނާ ހައްޔަރުކޮށް ފުލުހުންވަނީ ފޯނު އަތުލައިފައެވެ.
މެންބަރު މުހައްމަދު އަބްދުﷲ މިދިޔަ އާދިއްތަ ދުވަހު ހައްޔަރުކުރީ ބުރުޒުމަގުން، ކުލަ ހެދުމުގައި ތިބި ފުލުހުންތަކެއް ކަމުގައި މުހައްމާ ވަނީ ވިދާޅުވެފަ އެވެ. އަދި އެމީހުން މުހައްމާ ފުލުހުންގެ މަރުކަޒަށް ގެންދިޔައީ ޕްރައިވެޓް ކާރެއްގައި ކަމަށާއި އެހެންކަމުން އެއީ ފުލުހުން ކަމާ ދޭތެރޭ ސުވާލު އުފެދޭ ކަމަށްވެސް މުހައްމާ ވަނީ ވިދާޅުވެފަ އެވެ.
މުހައްމާ އަކީ އިދިކޮޅު ފަރާތްތަކާއި އެކު އިސްލާހީ މަސައްކަތުގައި ވަރަށް ހަރަކާތްތެރިކޮށް މަސައްކަތް ކުރައްވާ މެމްބަރެކެވެ. މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ފުލުހުން ވަނީ މުހައްމާ ހައްޔަރުކޮށްފަ އެވެ.
މެމްބަރު މުހައްމަދު އަބްދުﷲ މާދަމާވެސް ފުލުހަށް ހާޒިރު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ