މި ސަރަޙައްދުން ކަރަންޓުގެ އަގު އެންމެ ބޮޑު ޤައުމުތަކުގެ ތެރޭގައި ރާއްޖެ

ސަރަޙައްދީ ޤައުމުތަކުގެ ތެރެއިން ކަރަންޓުގެ ޚިދުމަތުގެ އަގު އެންމެ ބޮޑު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.
ވޯލްޑް ބޭންކުން މިކަން ހާމަކޮށްފައި ވަނީ، ރާއްޖޭގެ އިޤްތިސާދު ކުރިޔަށް ލަފާކޮށް، "މޯލްޑިވްސް ޑިވެލޮޕްމެންޓް އަޕްޑޭޓް: އިން ސްޓޯމީ ސީސް" ގެ ނަމުގައި ނެރެފައިވާ ރިޕޯޓެއްގައެވެ. ވޯލްޑް ބޭންކުން މިހާރު ވަނީ މި ރިޕޯޓް އާންމުކޮށްފައެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުން ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގައި ކަރަންޓަށް އޮތް ޑިމާންޑުވެސް ދަށްވެގެން ދިޔަ ކަމަށެވެ. މިގޮތުން މި ބަލިމަޑުމަކާއެކު އިޤްތިސާދީ ގިނަ ކަންކަން ހުއްޓިގެން ދިއުމުން، މި ޚިދުމަތުން ލިބެމުންދިޔަ އާމްދަނީ 50 އިންސައްތަ އާއި 70 އިންސައްތަ އާއި ދެމެދަށް ކުޑަވެފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ރާއްޖޭގައި ކަރަންޓުގެ ޚަރަދު ބޮޑުވެފައި ވަނީ ޑީސެލް ޖެނެރޭޓަރު ބޭނުންކޮށްގެން ކޮންމެ ރަށެއްގައި ވަކިވަކީން ކަރަންޓުގެ ޚިދުމަތް ދޭން ޖެހިފައިވާތީ ކަމަށެވެ. ނަމަވެސް ޚިދުމަތް ދެމުން އަންނަ ގޮތަށް ބަދަލު ގެނެސް، ކަރަންޓު އުފެއްދުމަށް ޑީސެލް ބޭނުންކުރާ މިންވަރު ދަށްކުރެވިއްޖެ ޚިދުމަތުގެ އަގު ދަށްވެ، ތިމާވެއްޓަށް ލިބޭ ގެއްލުން ވެސް ކުޑަވެގެންދާނެ ކަމަށް ބުނެފައި ވެއެވެ.
ވޯލްޑް ބޭންކުން ބުނެފައި ވަނީ، ކޮވިޑް-19 އިން އަރައިގަންނައިރު ރާއްޖޭގެ ހާލަތު ރަނގަޅު ކުރުމަށް ކަރަންޓުގެ ޚިދުމަތްދެމުން އަންނަ ގޮތަށްވެސް ބަދަލު ގެންނަން ޖެހިފައިވާ ކަމަށާއި، އެގޮތުން ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކޮށްފިނަމަ އޭގެ މަންފާ ގިނަ ބަޔަކަށް ކުރާނެ ކަމަށެވެ.
ރިޕޯޓުގައި ރާއްޖޭގެ އިޤްތިސާދަށް އަލި އަޅުވާލައި ވޯލްޑް ބޭންކުން ބުނެފައި ވަނީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ އަސަރު ދެކުނު އޭޝިއާ ސަރަޙައްދުން އެންމެ ބޮޑަށް ކުރި ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ.
ނަމަވެސް ސަރުކާރުން މި ބަލި ފެތުރެން ފެށުމާއެކު، ފެބްރުއަރީ މަހުން ފެށިގެން އަވަސް ފިޔަވަޅުތަކެއް އަޅަން ފެށިއިރު އިޤްތިސާދަށް އެންމެ ބޮޑު ލޮޅުމެއް އައިސްފައި ވަނީ މާރިޗު 27 ވަނަ ދުވަހު ބޯޑަރުތައް ބަންދު ކުރުމާއެކު ކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ.
ވޯލްޑް ބޭންކުން ވަނީ ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލެވުމުން ކުރިޔަށް އޮތް ދުވަސްތަކުގައި އިޤްތިސާދަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ލަފާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ