ރައްޔިތުން ނުކުމެ އެއް ނަމްބަރު ކުނި ކޮށި ހުސްކުރަން ކެޕްސްއިން ގޮވާލައިފި

ގައުމީ މަސައްކަތެއްގެ ގޮތުގައި ދެކިގެން ރައްޔިތުން ނުކުމެ އެއް ނަމްބަރު ކުނިކޮށި ހުސްކުރަން ކެޕްސްއިން ގޮވާލައިފި އެވެ.
ޗައިލްޑް އެބިއުސިން ޕްރިވެންޝަން ސޮސައިޓީ (ކެޕްސް) އިން ބުނީ މިދިޔަ ހަފްތާ ތެރޭ މާލޭގެ އެއް ނަމްބަރު ކުނިކޮށީގައި ރޯކޮށްލުމާ ގުޅިގެން އެ ހިސާބުގައި ދިރިއުޅޭ މީހުންނާއި އިމާދުއްދީން ސްކޫލްގެ ކިޔަވާ ކުދިންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމުގެ ޝަކުވާކުރަމުންދާ ކަމަށެވެ. އަދި ކުނިކޮށީގައި ރޯކޮށްލާ ކޮންމެ ފަހަރަކު އެ ކުދިންނަށް ދިމާވާ މައްސަލަ ހައްލު ކުރުމަށް ސްކޫލުން ކޮށްފައިވާ މަސައްކަތަށް އެދެވޭ ނަތީޖާއެއް ނުލިބި އެކަމަކީ މާބޮޑު މައްސަލައަކަށް ނުދެކޭތީ ކެޕްސް އިން ހިތާމަކުރާ ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެ އެވެ.
ކުނިގޮނޑު ހުސްކުރުމުގެ މަސައްކަތް ހުރިހާ ފަރާތްތަކުން ވެސް ކުރުމަށް ގޮވާލާ ކެޕްސް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެ މައްސަލައަކީ ކުށްވެރިކުރުމުން ހައްލުވާނެ މައްސަލައެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި އެ ކުދިންނަށް ދިމާވާ ސިއްހީ މައްސަލަތަކުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކަކީ ތަހައްމަލް ކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށް ވެސް ކެޕްސް އިން ބުނެ އެވެ. އެގޮތުން ބޮޑެތި މައްސަލަތަކުގައި ނުކުންނަ ފަދައިން ސިޔާސީ ޕާޓީތަކުން މަޖިލީހުގެ މެމްބަރުންނާއި އާންމު ރައްޔިތުން ނުކުމެ ކުނިގޮނޑު ހުސްކުރުމުގެ އަމަލީ މަސައްކަތް ކުރުމަށް އެ ޖަމިއްޔާ އިން ވަނީ ގޮވާލާފަ އެވެ. އަދި އެ މަސައްކަތުގައި ބޮޑެތި ވިޔަފާރިވެރިންގެ އެހީތެރިކަން ދިނުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ.
ކެޕްސް އިން ބުނީ ކުނިގޮނޑުގެ މައްސަލަ ހައްލު ކުރުމަށް ފައިސާ ލިބުނުހާ އަވަހަށް އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށް ކަމާ ގުޅޭ އިދާރާތަކުން ވިދާޅުވަމުން ގެންދާ އިރު، އެފައިސާ ލިބެންގެން އިމާދުއްދީން ސްކޫލްގެ ކުދިންނަށް ލިބެމުންދާ ގެއްލުންތަކަށް ޒިންމާވާ ފަރާތްތަކާ މެދު ވަނީ ސުވާލު އުފެދިފަ ކަމަށެވެ.
ކުނިޑޮނޑުން އަރާ ދުމުގެ ސަބަބުން ދަރިވަރުންގެ ބޯ އަނބުރާ ހޮޑުލާ ހަދާތީ މިހަފްތާ ތެރޭ ވަނީ ދެތިން ފަހަރެއްގެ މަތިން އިމާދުއްދީން ސްކޫލްގެ ކިޔެވުން ކެންސަލް ކުރަން ޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ