ފުލައިމީގެ ބޯޓަށް ލިބުނު ފަދަ އިންޒާރުތައް ތަކުރާރުވާނަމަ ޓުއަރިޒަމަށް ގެއްލުންވާނެ : ގާސިމް

ފުލައިމީގެ ބޯޓަށް ލިބުނު ފަދަ އިންޒާރުގެ މެސެޖުތައް ލިބުން ތަކުރާރު ވާނަމަ އެކަމުގެ ސަބަބުން ޓުއަރިޒަމަށް ވަރަށް ބޮޑަށް ގެއްލުންވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދިވެހިރާއްޖޭގެ ޓުއަރިޒަމާއި ބެހޭ ގާނޫނަށް އިސްލާހު ގެންުމުގެ ބިލަށް ބަހުސްކުރައްވަމުން ގާސިމް އިބްރާހީމް ވިދާޅުވީ ދިވެހިރާއްޖެއަށް އެންމެ ބޮޑު ފައިދާއެއް ލިބެނީ ޓުއަރިޒަމް ދާއިރާއިން ކަމަށާއި އެހެންކަމުން ޓުއަރިޒަމް ހިމާޔަތްކުރުމަށް އިންޒާރުގެ މިފަދަ މެސެޖުތައް ދޭ ފަރާތްތައް ހޯދައި ތަހުގީގު ކުރަންޖެހޭ ކަމަށެވެ.
މީގެ އެއް އަހަރު ކުރިން ފުލައިމީގެ ބޯޓަކަށް ހަމަ މިފަދަ މޭރުމަކުން އިންޒާރު ދީފައިވާކަން ފާހގަކުރައްވާ ގާސިމް ވިދާޅުވީ އެމައްސަލަވެސް ތަހުގީގު ކުރެވިފައި ނުވާ ކަމަށާއި މިފަހަރުގެ މައްސަލަވެސް އަދި ތަހުގީގު ނުކުރެވޭ ކަމަށެވެ. އެހެންކަމުން މިއީ ވަރަށް ހިތާމަ ހުރި ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިފަދަ އިންޒާރުގެ މެސެޖުތައް ފޮނުވާ ފަރާތްތައް ނުބެލޭކަމީ ވަރަށް ދެރަކަމެއް" ގާސިމް ވިދާޅުވިއެވެ.
ފުލައިމީގެ ބޯޓަށް ދިން އިޒާރުގެ މެސެޖުގެ ނުރައްކާތެރިކަން ފާހަގަކުރައްވާ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ތޮއްޑޫދާއިރާގެ މެންބަރު އިބްރާހިމް ހަސަން (އެވިލާ) ވިދާޅުވީ ފުލައިމީ އަށް ދިން އިންޒާރަކީ ނުރައްކާތެރި އިންޒާރެއްކަމަށާއި، އެކަން ހަރުކަށި އިބާރާތުން ކުއްވެރި ކުރައްވާ ކަމަށެވެ.
އަދި މި ބާވަތުގެ ކަންކަން ތަހުގީގުކޮށް، މިކަމުގެ ހަގީގަތް ރައްޔިތުންނަށް އަންގައި ދިނުމަކީ ދައުލަތުން ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމަށް ދާޅުވިއެވެ.
"އަޅުގަނޑު ސަރުކާރަށް އިލްތިމާސްކުރަން ފުލައިމީގައި އިންޒާރުގެ ނޯޓު ބޭއްވި މައްސަލަ ތަހުގީގު ކުރުމަށް" އެވިލާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ކޮމަންޑޫ ދާއިރާގެ މެންބަރު އަހުމަދު ނާޝިދު ވިދާޅުވީ، ދިވެހިރާއްޖެއަކީ "ލަގްޒަރީ ކެޕިޓަލް އޮފްދި ވޯލްޑް" ކަން ދުނިޔޭގެ ހުރިހާއެންމެންވެސް ގަބޫލުކުރާކަމަށާއި އެހެންނަމަވެސް "ކްރައިމް ކެޕިޓަލް އޮފްދި ވޯލްޑަށް" ބަދަލުވެގެން އަންނަ މަންޒަރު ފެންނަމުންދާ ކަމަށެވެ.
އަދި މިއީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމުގައި ނާޝިދު ވަނީ ފާހަގަކުރައްވާފައެވެ.
"ހުރިހާ ދިމާލަކުންވެސް ނުރައްކާގެ ރަގަބީލުގެ އަޑު އިވެންފަށައިފި" ނާޝިދު ވިދާޅުވިއެވެ.
މަތިންދާ ބޯޓުތަކަށް ނުރައްކާތެރި ނޯޓުތައް، އަޅައި ގޮއްވާލާނެ ކަމުގެ އިންޒާރު ދެމުން އަންނަ ކަންފާހަގަކުރައްވާ ނާޝިދު ވިދާޅުވީ މިއީ ވިސްނާލަން ޖެހޭ ކަމެއް ކަމަށެވެ.
ނާޝިދު ވިދާޅުވީ ދިވެހިރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެ ކަމަށް ދެކެމުން ދާއިރު، މާރާމާރީ އާއި ބޮޑެތި ޖަރީމާތައް ހިންގުން އިތުރު ވެފައި ވާކަމަށެވެ.
މިފަދަ ބޮޑެތި ޖަރީމާތައް ހިނގަން މެދުވެރި ވަނީ ކީއްވެގެންތޯ ބަލައި، ހުރިހާ މެންބަރުން އެކަމާއި މެދު ވިސްނުމަށް ނާޝިދު ވަނީ މިއަދުގެ ޖަލްސާގައި ގޮވާލައްވާފައެވެ.
މީގެ އިތުރުން މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ދިވެހިރާއްޖޭގެ އެއާޕޯޓުގެ 100 އިންސައްތަ ދިވެހިންގެ އަތްދަށުގައި އޮތުމަކީ އުފާ ކުރައްވާ ކަމެއް ކަމަށާއި އެއާޕޯޓަށް ދިވެހިންގެ ފުރިހަމަ ބާރު ގެނެސްދިނުމަށް ކުރީގެ ރައީސް ޑރ. ވަހީދުގެ ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކަށާއި އަދި މިހާރުގެ ރައީސް ޔާމީންގެ ސަރުކާރުން ކުރާ މަސައްކަތަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އެއާޕޯޓު ދިވެހިންގެ އަތްދަށުގައި އޮތުމަކީ ދިވެހިންގެ އިގުތިސާދާއި އިޖުތިމާއީ ހަމަޖެހުން ގައުމަށް ގެނެސްދިނުމަށް ލިބޭ އެންމެ ބޮޑު އެއް ބާރުކަން ގާސިމް ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ޓުއަރިޒަމް ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް ތާއިދުކުރައްވާ ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ގުރީންޓެކްސް ނެގުމަކީ ރާއްޖޭގެ އިގުތިސާދަށް ފައިދާކުރާނެ ކަމެއް ކަމަށާއި އޭގެ ސަބަބުން ޓުއަރިސްޓުން ޒިޔާރަތްކުރާ މިންވަރު މަދުވެ ޓުއަރިޒަމަށް ގެއްލުއްވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. ނަމަވެސް އިމްޕޯޓު ޑިއުޓީ އިތުރުކޮށް ބެޑްޓެކްސް އަދި ޓުއަރިޒަމް ޓެކްސް ނަގާނަމަ ޓުއަރިޒަމަށް ބުރޫއަރާނެ ކަމަށް ބެލެވޭ ކަމަށް ގާސިމް ވިދާޅިވިއެވެ.
"ހުރިހާ ފައިދާއެއް ހޯދަން އުޅެގެން، އެއްވެސް އެއްޗެއް ނުލިބުނީމަ މާ ދެރަކަމަކަށް ވާނީ" ގާސިމް ވިދާޅުވިއެވެ.
ދިވެހިންނަކީ އެއްބައެއްވަންތަ، އެއްދީނަކަށް އުޅޭ، އެއް ނަސްލެއްގެ ބައެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ގާސިމް ވަނީ މިއަދުގެ ޖަލްސާގައި ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ