ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވައިފި އެވެ.
ރިޔާޒު ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވީ މިއަދު ހެނދުނު މާފަންނު ކުނޫޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ހާޒިރުގަ އެވެ.
ޖުމުހޫރީ ޕާޓީއަށް ސޮއިކުރައްވައި ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއި މެމްބަޝިޕް ފޯމު ހަވާލުކުރެއްވުމަށްފަހު ރިޔާޒް ވިދާޅުވީ ފުލުހުންގެ މަގާމުން ރިޓަޔަ ކުރެއްވުމާއި ގުޅިގެން ސަރުކާރުގެ އެކި މަގާމުތަކުގެ ހުށައެޅުންތައް ލިބުނު ކަމަށެވެ. އެގޮތުން ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަގާމްތަކުންވެސް ފުރުސަތު ލިބިވަޑައިގެންނެވި ކަމަށާއި ނަމަވެސް އެމަނިކުފާނުގެ އަޒުމާއި އުންމީދަކީ ސިޔާސީ ދާއީރާގައި ރައްޔިތުންނަށް ހިދުމަތް ކުރުންކަމުގައިވާތީ އެގޮތަށް ނުކުންނެވީ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ދާއިރާތަކުގެ ތެރެއިން ކިނބިދޫ ދާއިރާ ހިޔާރުކުރެއްވީ އެމަނިކުފާނާއި އެއްމެގާތް އަދި އެންމެ ބޮޑަށް ދެނެވަޑައިގަންނަވާ ދާއިރާއަކީ އެއީ ކަމުގައިވާތީ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާތަނަށް އެއްވެސް ޕާޓީއަކާއި ގުޅިވަޑައިނުގެން މަޑު ކުރެއްވީ ކޯލިޝަންގެ ތެރެއިން ކިނބިދޫ ދާއިރާގެ ސްލޮޓް ލިބޭ ޕާޓީއަކާއި ގުޅިވަޑައިގަތުމަށްޓަކައި ކޯލިޝަން ތެރޭގައި އެކަމުގެ މަޝްވަރާތައް ނިމެންދެން ކަމަށެވެ. ކޯލިޝަންގެ ތެރެއިން އެމްޑީއޭއަށް ކިނބިދޫ ދާއިރާ ލިބުނު ނަމަ އެމަނިކުފާނު ގުޅިވަޑައިގަންނަވާނީ އެޕާޓީއާއި ކަމަށް ވެސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދާއިރާތައް ކޯލިޝަންގެ ތެރެއިން ބެހިއިރު ކިނބިދޫ ދާއިރާ ދީފައިވަނީ ޖުމުހޫރީ ޕާޓީއަށް ކަމުގައި ވާތީ ޕްރައިމަރީއަކާ ނުލާ އެދާއިރާގެ ޓިކެޓް ވަނީ ރިޔާޒަށް ކަށަވަރުވެފަ އެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ ކުރީގެ ސީޕީ އަބުދުﷲ ރިޔާޒް އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަހުމަދު ސަމީރު ޖުމުހޫރީ ޕާޓީއާ ގުޅީވަޑައިގަތުމަކީ އެމަނިކުފާނު ނުހަނު އުފާފުޅުކުރައްވާ ކަމެއް ކަމަށެވެ. އަދި ސަމީރަކީ ޖުމުހޫރީ ޕާޓީ އުފެއްދެވުމުގައިވެސް އިހްލާސްތެރި މަސައްކަތްޕުޅުތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަހުމަދު ސަމީރު ޖުމުހޫރީ ޕާޓިއަށް ސޮއިކުރައްވާފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.
ސަމީރު މިއަދު ވިދާޅުވީ ރައްޔިތންގެ މަޖިލީހުގެ ދިއްދޫ ދާއިރާއަށް އެމަނިކުފާނު ނުކުމެވަޑައިގަންނަވާނީ ކޯލިޝަންގެ ތާއިދާއި އެކުގައި ކަމަށާއި ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދެވޭނީ އެއިރަކު އޮންނަ ސަރުކާރަކާއި ގުޅިގެން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ޓިކެޓް އަހުމަދު ސަމީރަށް ދިނުމަށް ޖުމުހޫރީ ޕާޓީން ވަނީ ނިންމާފަ އެވެ. ސަމީރު ޖުމުހޫރީ ޕާޓީއާއި ގުޅިވަޑައިގެންނެވުމާއި އެކު ރައްޔިތުންގެ މަޖިލީހުގައި މިހާރު ޖުމުހޫރީ ޕާޓީ ތަމްސީލްކުރައްވާ ނުވަ މެމްބަރުން އެބަ ތިއްބެވި އެވެ.
ކުރީގެ ސީޕީ ރިޔާޒު ޖޭޕީއަށް ސޮއިކުރައްވާ ކިނބިދޫ ދާއިރާގެ ޓިކެޓް ކަށަވަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ