ހަތަރު ފަހަރަށް ވޯޓަށް އަހައި މާފަރު އިންޖީނުގެ ޔުޓިލިޓީސް އާ ހަވާލުކުރަން ނިންމައިފި

ތިން ފަހަރަށް ވޯޓަށް އަހައިގެން ރައްޔިތުންގެ ރުހުން ނުލިބުމުން ހަތަރު ވަނަ ފަހަރަށް ވޯޓަށް އަހައި ނ. މާފަރު ރައްޔިތުންގެ އިންޖީނުގެ ނޯދަން ޔުޓިލިޓިސް ކުންފުންޏާ ހަވާލުކުރުމަށް ނިންމައިފި އެވެ.މާފަރު ކައުންސިލަރު އިބްރާހިމް އަބޫބަކުރު ސަން އެފްއެމް އޮންލައިނަށް މިއަދު ވިދާޅުވި ގޮތުގައި ތިން ބުރަށް ނެގި ވޯޓުގައި އިންޖީނުގެ ޔުޓިލިޓީސްގެ ދަށަށް ގެންދިއުމަށް ރައްޔިތުންގެ ރުހުން ލިބިފައި ނުވާކަމަށާއި ނަމަވެސް މިދިޔަ އާދީއްތަ ދުވަހުގެ ރޭ ބޭއްވުނު ޖަލްސާއެއްގައި އެ މައްސަލައިގައި ހަތަރު ވަނަ ފަހަރަށް ނެގި ވޯޓުގައި ރައްޔިތުންގެ ރުހުން ދީފައިވާ ކަމަށެވެ.އިންޖީނުގެ ބެލެހެއްޓުމާ ރައްޔިތުންގެ ފަރާތުން ހަވާލުވެގެން ހުންނެވި އާތިފު އައްބާސް މިއަދު ވިދާޅުވީ އެ ރަށު އިންޖީނުގެ ޔުޓިލިޓީސް އާ ހަވާލުކުރުމަށް ނެގި ވޯޓުގައި ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އަތް އުފުއްލައިގެން ނެގި ވޯޓު ގުނުމުގައި މައްސަލަތަކެއް ދިމާވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ތިން ފަހަރަށް ވޯޓަށް އަހައިގެން ވެސް ރައްޔިތުންގެ ރުހުން ލިބިފައި ނުވުމުން އެއީ އެކަމުގައި ރައްޔިތުންގެ އަގުލަބިއްޔަތު ނެތުން ރަމްޒް ކޮށްދޭ ކަމެއްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.ނަމަވެސް ކައުންސިލަރު ވިދާޅުވީ އޭނާގެ މަސައްކަތަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުން ކަމަށާއި އިންޖީނުގެ ޔުޓިލިޓީސް އާ ހަވާލުކުރުމަށް މަސައްކަތް ކުރެއްވީ އެހެންވެ ކަމަށެވެ.އެ މައްސަލަ އާ ގުޅިގެން އިދިކޮޅު ޑީ.އާރު.ޕީގެ މާފަރު ގޮފިން ވަނީ ބަޔާނެއް ނެރެފަ އެވެ. އެބަޔާނުގައި ބުނެފައި ވަނީ ކުރިން އެންގުމަކާއި ނުލައި ކުއްލި ގޮތަކަށް އެހި ވޯޓުގައި ތުހުމަތުގެ އިނގިލި ދިއްކުރެވޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި އެއީ "ގޮށްމުށުގެ ބާރުން" ރައްޔިތުންގެ "ތަރިކަ މުދާތައް ފޭރިގަތުން" ކަމަށް ސިފަކުރަމުން އޭގެ ބަދަލުގައި ލޯކަލް ކައުންސިލް އިންތިހާބުގައި ބޮޑު ބައްޔަކުން އެމްޑީޕީގެ ކެންޑިޑޭޓުން ބަލިކޮށްލާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.ރައްޔިތުންގެ އިންޖީނުގެ ޔުޓިލިޓީސް އާ ހަވާލުކުރުމަށް ނިންމި ނިންމުމާ ގުޅިގެން ރަށުގެ ރައްޔިތުންގެ މެދުގައި ވަނީ ހިޔާލުތަފާތުވުން އުފެދިފަ އެވެ. މާފަރު އިންޖީނުގެއަކީ ސުނާމީ ހާދިސާއާ ގުޅިގެން އޭޑީބީގެ އެހީގައި ބިނާކޮށްފައިވާ އިންޖީނުގެއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ