ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ރައީސް އަބްދުﷲ ޔާމީނަށް ފާޑުވިދާޅުވާ ކަމަށް ބުނާ އޯޑިއޯއިން ކޯލިޝަނުގައި އެ މަނިކުފާނު ބައިވެރިވެ ވަޑައިގެންނެވީ ބިރުވެރިކަމާއި ސިޔާސީ ނުފޫޒުންކަން އެނގޭ ކަމަށް ބުނެ އެމްޑީޕީން ބަޔާނެއް އާންމުކޮށްފި އެވެ.
އެ ޕާޓީން މިރޭ ނެރުނު ބަޔާނެއްގައި ބުނަނީ ކޯލިޝަން ސަރުކާރުގެ އެކުވެރިކަން ނެތްކަމަށާއި ލީޑަރުންގެ މެދުގައި އިތުބާރު ނެތް ކަމަށް އެ އޯޑިއޯއިން ހާމަވާ ކަމަށެވެ. އަދި އެއީ ރައްޔިތުންގެ މަންފާއަށް އުފެދިފައިވާ ސަރުކާރެއް ނޫން ކަމާއި ކޯލިޝަން ސަރުކާރުގެ ތެރޭގައި ހަމަނުޖެހުން ގިނަ ކަމަށެވެ.
"އެމްޑީޕީން އަބަދުވެސް ވަކާލާތުކުރަމުން އައީ ރިޔާސީ ނިޒާމެއްގައި ކޯލިޝަން ސަރުކާރަކުން ރައްޔިތުންނަށް ފައިދާ ނުވާނެކަމުގަ އެވެ. މިފަދަ މުހިއްމު ދަނޑިވަޅެއްގައި ސަރުކާރުގެ ކޯލިޝަން ރޫޅިފައިވާ މިންވަރު މިކޯލުން ވެސް ހާމަވެ އެވެ." އެ ނޫސް ބަޔާނުގައި ބުނެފައި ވެ އެވެ.
އެމްޑީޕީން ބުނީ ސަރުކާރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރީ ރައްޔިތުންނަށް ބޭނުންވާ ތަރައްގީ ހޯދައި ދޭނެ ކަމަށް ބުނެ ސުޕްރީމް ކޯޓުގެ ބާރުގައި އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރުވައިގެން "ގުޅިގެން" ކަމަށް ބުނެ ކަމަށެވެ. އެކަމަކު ކޯލިޝަން ސަރުކާރުގައި ހިމެނޭ ސިޔާސީ ލީޑަރުންގެ މެދުގައި އިތުބާރު ނެތި، އެއްބަޔަކު އަނެއް ބަޔަކަށް ސިޔާސީ ގޮތުން ބާރުފޯރުވުމަށް މަސައްކަތް ކުރމުން އަންނަ ކަމަށް ތުހުމަތު ކޮށްފައި ވެއެވެ.
އެމްޑީޕީން ބުނާ އޯޑޯއާ ގުޅިގެން ގާސިމްގެ ތަރުޖަމާން އިބްރާހިމް ހަލީލް މިއަދު ވިދާޅުވެފައި ވަނީ އިޝާރާތް ކުރާ އެ އޯޑިއޯއަކީ ސިޔާސީ ވާދަވެރި ބަޔަކު ހަދާފައިވާ އޯޑިއޯއެއް ކަމަށެވެ. ހަލީލް ވިދާޅުވީ ސިޔާސީ ވާދަވެރިން މިފަދަ ދަނޑިވަޅުތަކުގައި އަބަދުވެސް ގާސިމާ ދެކޮޅަށް އެ ބާވަތުގެ ކަންކަން ކޮށް ވާހަކަތައް ފަތުރާ އެފަދަ ކަންކަމަކީ ކުރިން ވެސް މިހާރުވެސް ހައިރާންވާ އަދި ސިޔާސީ މަސްރަހު ދިރާސާ ކުރާ އެހެން ބަޔަކުވެސް އެކަމާ ހައިރާވާންޖެހޭ ސަބަބެއް އޮތް ކަމެއް ނޫން ކަމަށެވެ.
ހަލީލް ވިދާޅުވީ ރާއްޖޭގެ ސިޔާސީ ހަގީގަތްތަކުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގަ އާއި ސިޔާސީ އެކި އެކި ޖަލްސާތަކުގައި ގާސިމް ދެކެވަޑައިގަންނަވާ ގޮތް ފޮރުވުމެއް ނެތި ހާމަ ކުރައްވާފައިވާ ކަމަށާއި އެކަން އެ މަގުން ކުރައްވާތާ އެތަކެއް އަހަރުވެއްޖެ އެވެ.
"ސިޔާސީ ގޮތުން ގޮތް ނިންމުމުގަ އާއި ބަސް ބުނުމުގައި ގާސިމަކީ ދެފަހަރު ދެ ގޮތަށް ވާހަކަތައް ދައްކަވާ ބޭފުޅެއް ނޫން. ދިވެހި ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެކަން ސާފުވެ ވަޑައިގަންނަވާނެ،" ހަލީލް ވިދާޅުވި އެވެ.
ކޯލިޝަނަށް ގާސިމް ގެންދިޔައީ ނުފޫޒުން ކަމަށް އެމްޑީޕީން ތުހުމަތުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ