ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓު ނުލިބުނު ކަމުގައިވިޔަސް އެއްވެސް ބޭފުޅަކު އަމިއްލަ ގޮތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެއްވުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް އެދިވަޑައިގަންނަވައިފި އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ތައާރަފްކުރުމަށާއި ކެމްޕެއިން ރަސްމީކޮށް ފެށުމަށް ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މައުމޫން ވިދާޅުވީ އަމިއްލަ ގޮތުން ވާދަކުރައްވައިފިނަމަ ކޯލިޝަނަށް ލިބޭ ވޯޓުތައް ބައިބައިވާނެ ކަމަށާއި އޭރުން ކޯލިޝަންގެ ކެންޑިޑޭޓަށް ކާމިޔާބުވުމުގެ ބަދަލުގައި ވާނީ ނާކާމިޔާބު ކަމަށެވެ. އަދި އެންމެ ފަހުން އެގޮނޑި ލިބޭނީ އެމްޑީޕީއަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"އެހެންވީމަ އަޅުގަނޑު މިދަންނަވަނީ އެއްވެސް ސަބަބަކާއިހުރެ އަޅުގަނޑުމެންގެ ޓިކެޓުގައި ވާދަކުރައްވާ ބޭފުޅަކާއި ދެކޮޅަށް، އަޅުގަނޑުމެން ޕާޓީގެ އެއްވެސް މެންބަރަކު، އަދި ޕާޓީން ވަކިވެވަޑައިގެން ނަމަވެސް، އަމިއްލަ ގޮތުން ނަމަވެސް ވާދަނުކުރައްވައްޗޭ، ވާދަކުރައްވައިފިނަމަ އެކަމުގެ ހިތި ތަޖުރިބާ އަޅުގަނޑުމެން ކުރަންޖެހޭނެ،" ރައީސް މައުމޫން ވިދާޅުވި އެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ގަބޫލުކުރާ ފިކުރުތަކަކީ ވަރަށް ހަރުދަނާ ވަރަށް މާތް އުސޫލުތަކަކާއި ފިކުރުތަކެއް ކަމަށާއި ކޯލިޝަނުން ގަބޫލުކުރާ އުސޫލުތަކަކީ ވަރަށް މަތިވެރި އުސޫލުތަކެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. އޭގެ ތެރޭގައި މާތްވެގެންވާ އިސްލާމް ދީން ހިމާޔަތްކުރުމާއި އިސްލާމީ ވަހްދަތު ރާއްޖޭގައި ގާއިމުކުރުމާއި މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމާއި ޑިމޮކްރަސީ ހަރުދަނާކުރުމާއި ރައްޔިތުންގެ ހައްގުތައް ރައްޔިތުންނަށް ފުރިހަމައަށް ލިބިދިނުމާއި ރައްޔިތުން އެދޭ ގޮތަށް އިގްތިސާދީ އަދި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމާއި ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށްދިނުން ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ 85 ކެންޑިޑޭޓުން ޓިކެޓާއި ހަވާލުވެވަޑައިގެންފައިވާއިރު އެކަން ނިމިގެން ގޮސްފައިވަނީ ޕާޓީތަކުގެ ގަވައިދާއި އެއްގޮތަށް ވަރަށް ރީތި އުސޫލަކުން ކަމަށާއި އޭގެ ތެރެއިން ބައެއް ކެންޑިޑޭޓުން ޓިކެޓު ކަށަވަރުކުރައްވާފައިވަނީ ވަރަށް ވާދަވެރި އިންތިހާބަކުން ކަމަށެވެ. ކޯލިޝަނުން ނެރެފައިވަނީ އެދާއިރާއަކުން ނެރެވޭނެ އެންމެ މޮޅު އަދި އެންމެ ގާބިލް ކެންޑިޑޭޓުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އަދި ޕްރައިމަރީތަކުގައި ކާމިޔާބު ލިބިވަޑައިނުގަން ބޭފުޅުން ވެސް އެ ކޮށްދެއްވި މަސައްކަތް ފާހަގަކުރައްވާ ކަމަށާއި ޓިކެޓު ކަށަވަރުކުރެއްވި ފަރާތަކަށް ޝުކުރު ދަންނަވާ ފަދައިން ޓިކެޓު ލިބިވަޑައިނުގެންނެވި ފަރާތްތަކުން ކުރެއްވި މަސައްކަތަށް ވެސް ޝުކުރު ދަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ޕްރައިމަރީގައި ކާމިޔާބުވިޔަސް ނުވިޔަސް އެއީ މައްސަލައެއް ނޫން، އެންމެން ވެސް ތިބެން ޖެހޭނީ އެކަތިގަނޑަކަށް ވެގެން، އެކަތިގަނޑަކަށްވެގެން މަސައްކަތްކޮށްގެން މިކަން އަޅުގަނޑުމެންނަށް ކާމިޔާބު ލިބޭނީ." ރައީސް މައުމޫން ވިދާޅުވި އެވެ.
ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕީޕީއެމާއި ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭއިން ގުޅިގެން މަސައްކަތްކުރާކަން ފާހަގަކުރައްވާ ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށް ޖުމްހޫރީ ޕާޓީންނާއި އެމްޑީއޭއިން ތާއީދުކުރާނެ ކަމަށާއި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށް ޕީޕީއެމާއި އެމްޑީއޭއިން ތާއީދުކުރާނެ ކަމަށެވެ. އަދި އެމްޑީއޭ ޓިކެޓުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށް ޕީޕީއެމާއި ޖުމްހޫރީ ޕާޓީން ތާއީދުކުރާނެ ކަމަށެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބު ވެސް ކާމިޔާބުކުރީ ގުޅިގެން ކަމަށާއި އެހެންކަމުން ގުޅިގެން މަސައްކަތްކޮށްފިނަމަ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބު ވެސް ކާމިޔާބު ކުރެވޭނެ ކަމާއި މެދު އެއްވެސް ޝައްކެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މައުމޫން ވިދާޅުވި ގޮތުގައި ކާމިޔާބީއަކީ ހަމައެކަނި ތަނެއްގައި ތިބެލައިގެން ލިބޭނެ އެއްޗެއް ނޫނެވެ. ކާމިޔާބީއަށްޓަކައި މަސައްކަތްކުރަން ޖެހޭނެ ކަމަށާއި މިކަން ކާމިޔާބުވާނީ ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް ހީވާގި، ވަރަށް ބުރަ މަސައްކަތްތަކެއް ޕާޓީތަކުންނާއި ކެންޑިޑޭޓުންނާއި އާންމު މެންބަރުން ކުރަން ޖެހޭ ކަމަށް މައުމޫން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ ކާމިޔާބުކުރަން ފަސޭހަ އިންތިހާބެއް ނޫންކަން ފާހަގަކުރައްވާ ރައީސް މައުމޫން ވިދާޅުވީ ކޯލިޝަނުން ވާދަކުރަން ޖެހޭ ޕާޓީގައި ވަރަށް ގިނަ ވަސީލަތްތަކަކާއި ރޭވުންތަކެއް އެބަހުރި ކަމަށާއި އެމީހުން މިކަން ކުރާ ގޮތް މީގެކުރިން އެނގިފައިވާ ކަމަށެވެ. އެހެންކަމުން ކޯލިޝަނުން ދަތިތަތަކަކާއި ކުރިމަތިލާން ޖެހޭނެ ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"އެހެންނަމަވެސް އަޅުގަނޑުމެން ހިތްވަރާއި އަޒުމާއިއެކީގައި، އިހްލާސްތެރިކަމާއިއެކީގައި މަސައްކަތްކޮށްފިއްޔާ މާތް ﷲ އަޅުގަނޑުމެންނަށް ކާމިޔާބުދެއްވާނެ ކަމާއި މެދަކު އެއްވެސް ޝައްކެއް ނެތް." މައުމޫން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކޯލިޝަން ކެންޑިޑޭޓުންނަށް ވޯޓުދޭންޖެހެނީ މެނިފެސްޓޯގައި ހުރި ކަންކަން ހާސިލްކުރުމަށްޓަކައި ކަމަށާއި ރައްޔިތުންގެ މަޖިލީހުން އާމްދަނީ ލިބެން ހުރި ބިލްތަކާއި ބަޖެޓު ފާސްކޮށްގެން ނޫނީ ކަންކަން ހާސިލްނުވާނެ ކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް ކޯލިޝަނަށް ވޯޓުދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.
ޓިކެޓު ނުލިބުނަސް އެއްވެސް ބޭފުޅަކު އަމިއްލަ ގޮތުން ވާދަނުކުރެއްވުމަށް މައުމޫން އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ