ސަރުކާރުގެ މުޅި ކެބިނެޓަށް ބެލިޔަސް ޑޮލަރުގެ މައްސަލަ ހައްލުކުރެވޭނެ ބޭފުޅެއް ނެތް: ނަޝީދު

އަދުގެ ސަރުކާރުގެ ކެބިނެޓުގައި ތިއްބެވި ކޮންމެ ބޭފުޅަކަށް ވަކިވަކިން ބެއްލެވި ނަމަވެސް ރާއްޖެ އޮތް ހާލަތުން އަރައި ގަނެވޭނެ ގޮތެއް ނެތްކަން ސާފުވާކަމަށް އެމްޑީޕީގެ ޗެއާޕާސަން ކުރީގެ ރައިސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ގަލޮޅު އުތުރުގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ މި ސަރުކާރު އުފެދުނު ފަހުން، ބޮންޑެއް ވިއްކައިގެން ވިޔަސް، ދަރަންޏެއް އުފައްދައިގެންވެސް ބޭރުން ހޯދިފައި ނެތް ކަމަށާއި ލިބިފައިވަނީ އާމްދަނީ ގޮތުގައި ހަމަ ލިބުނު މިންވަރު ކަމަށެވެ. އާމްދަނީގެ މިންވަރުވެސް ހަނގުރާމައާއި ހެދި ދަށްވެގެން ދިޔަ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނަޝީދު ވިދާޅުވީ، ދަރަނި އަދާކުރުމުގެ މަސައްކަތް މިއަހަރު ކުރެވުމާއެކު ރާއްޖޭގައި މިހާރު ޑޮލަރު ނެތް ކަމަށާއި އެއްކޮށް ހުސްވެފައިވާ ކަމަށެވެ. ޑޮލަރު ނެތީމާ ނެތުނު ސަބަބާ ގުޅިގެން ކިތަންމެ ވާހަކައެއްވެސް ދެކެވިދާނެ ކަމަށާއި، އެހެންނަމަވެސް މިކަމަށް ހައްލެއް ހޯދަން އުޅުމަކީ މިވަގުތު އެންމެ މުހިންމު ކަން ކަމަށް ނަޝީދު ވިދާޅުވިއެވެ.
”ދަރަނި ދައްކަން އޮތް ކަން އިނގޭ. އިންޓްރެސްޓް ކުޑަކުރާނެ ގޮތެއް ނުހޯދާ. ރައްޔިތުން އަތުން ލާރި ނަގައިގެން 1 ބިލިއަން އެ ދެއްކީ“
މިހާރު ރާއްޖެ ބަލައިގެންފައިވާ ޑިމޮކްރެޓިކް އުސޫލުގައި ސަރުކާރެއް ބަދަލުވަނީ ކުރީ ސަރުކާރާއި، ރައްޔިތުންނާއި އޮންނަ ހިންހަމަޖެހުން ނެތި، ކުރީ ސަރުކާރެއްގައި ކަން ކޮށްފައި އޮންނަ ގޮތެއް އަނބުރާލާނެ ކަމަށް ވައުދުވުމުން ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، އަދުގެ ސަރުކާރުގެ ކެބިނެޓުގައި ތިއްބެވި ކޮންމެ ބޭފުޅަކަށް ވަކިވަކިން ބެއްލެވި ނަމަވެސް ރާއްޖެ އޮތް ހާލަތުން އަރައިގަނެވޭނެ އިލްމެއް ހުނަރެއް ހުރި ބޭފުޅެއް ނެތް ކަމަށެވެ. 1 ބިލިއަން ޑޮލަރު އެއްފަހަރާ ދެއްކުން އެއީ ހެދި އެންމެ ބޮޑު ގޯސް ކަމަށާއި މިއަހަރުގެ ތެރޭގައި 1 ބިލިއަން ޑޮލަރު ދޫކޮށްލީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ