ފީފާ ވޯލްޑްކަޕް 2026 ގަދަ 16: ސްވިޒަލޭންޑް - ކޮލަމްބިއާ

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ބީގެ އެއްވަނަ ހޯދުމަށްފަހު، ގަދަ 32 ގެ ބުރުގައި އަލްޖީރިއާ އަތުން 2-0 އިން ހޯދި މޮޅާއެކު ސްވިޒަލޭންޑް ޓީމުގެ އިތުބާރު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.
1934، 1938 އަދި 1954 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓަރ ފައިނަލާ ހަމައަށް ދަތުރުކޮށްފައިވާ ސްވިޒަލޭންޑަކީ ފަހަކަށް އައިސް މުބާރާތުގެ ނޮކްއައުޓް މަރުހަލާތަކުގައި އެއްވަރެއްގައި ކުޅުން ހިފަހައްޓަން އުނދަގޫތަކެއް ތަހައްމަލުކުރި ޓީމެކެވެ.
ނަމަވެސް، އުތުރު އެމެރިކާގައި ކުރިއަށްދާ މި މުބާރާތުގައި އެ ގައުމުގެ ކުޅުން މިހާރު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. ކޯޗު މުރާތު ޔާކިންގެ ވަރުގަދަ ޓީމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ކުޅުންތެރިއަކީ އުމުރުން 20 އަހަރުގެ މިޑްފީލްޑަރު ޖޯހަން މަންޒަމްބީއެވެ. ފްރައިބާގަށް ކުޅޭ މި ތަރި ވަނީ މިހާތަނަށް ތިން ގޯލު ޖަހައި ދެ އެސިސްޓް ހަދާފައެވެ.
ސްވިޒަލޭންޑެކޭ އެއްފަދައިން، ކޮލަމްބިއާ ވެސް ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިނުވެ ސަލާމަތްވެފައެވެ. އުޒްބެކިސްތާނާއި ކޮންގޯ ބަލިކުރުމަށްފަހު، ގްރޫޕް ކޭގެ އެއްވަނަ އެ ޓީމަށް ލިބުނީ ޕޯޗުގަލްއާ ވާދަކޮށް ލަނޑެއް ނުޖެހި އެއްވަރުވި މެޗުންނެވެ.
މިއީ މި މުބާރާތުގައި އެ ޓީމަށް މޮޅެއް ނުހޯދި ނުވަތަ ލަނޑެއް ނުޖެހި ނިންމާލަން ޖެހުނު ހަމައެކަނި މެޗެވެ. އޭގެ ފަހުން ގަދަ 32 ގެ ބުރުގައި ގާނާ އަތުން 1-0 އިން މޮޅުވެ، ކޮލަމްބިއާއަކީ މުބާރާތުގެ ތަށި ނެގުމުގެ ފުރުސަތު އޮތް ބާރެއްކަން ވަނީ ސާބިތުކޮށްދީފައެވެ.
ނެސްޓޯ ލޮރެންޒޯގެ އިރުޝާދުގެ ދަށުން ކުޅޭ ކޮލަމްބިއާ ކޮޅަށް މިހާތަނަށް ވަދެފައިވަނީ އެންމެ ލަނޑެކެވެ. އެހެންކަމުން އެ ޓީމުގެ ޑިފެންސް ފޫއަޅުވާލުމަކީ އިދިކޮޅު ޓީމުތަކަށް އޮތް ބޮޑު ގޮންޖެހުމެކެވެ. އެޓޭކަށް ބަލާއިރު ލުއިސް ޑިއާޒް އާއި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގޯލްޑަން ބޯލް ހޯދި ހަމޭސް ރޮޑްރިގޭޒް އަކީ ކޮންމެ ވަގުތެއްގައި ވެސް މެޗުގެ ނަތީޖާ ބަދަލުކޮށްލުމުގެ ގާބިލުކަން ލިބިފައިވާ ކުޅުންތެރިންނެވެ.
ކޮލަމްބިއާ އާއި ސްވިޒަލޭންޑް ފުރަތަމަ ފަހަރަށް ބައްދަލުކުރީ 1994 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައެވެ. އެ މެޗުން ކޮލަމްބިއާ 2-0 އިން މޮޅުވި ނަމަވެސް، ގްރޫޕްގެ ފުލަށް ދިއުމުގެ ސަބަބުން އެ ފަހަރު އެ ޓީމު މުބާރާތުން ކަޓައިގެން ދިޔައެވެ.
އެ މެޗުން ބަލިވި ނަމަވެސް، ސްވިޒަލޭންޑް ވަނީ ރޫމޭނިއާގެ ފަހަތުން ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ނޮކްއައުޓް ބުރަށް ދަތުރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ