ފީފާ ވޯލްޑްކަޕް 2026 ގަދަ 16: އާޖެންޓީނާ - މިޞްރު

ދެކުނު އެމެރިކާ އެންމެ ކާމިޔާބު ޓީމު ފީފާ ވޯލްޑް ކަޕް 2026 ގެ ކުއާޓަރ ފައިނަލުގެ ޖާގައަކަށް މިރޭ ނިކުންނާނީ އެފްރިކާގެ ފުޓުބޯޅައިގެ އެންމެ ކާމިޔާބު ޓީމާ ދެކޮޅަށެވެ.
މިއީ ކޮޕާ އެމެރިކާގެ ޗެމްޕިއަންކަން 16 ފަހަރު ހޯދާފައިވާ އާޖެންޓީނާ އާއި އެފްރިކާ ކަޕް އޮފް ނޭޝަންސް 7 ފަހަރު ކާމިޔާބުކޮށްފައިވާ މިޞްރުގެ ކުރިމަތިލުމެވެ.
އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ނޮކައުޓް ބުރަށް ދަތުރުކުރިީ ގްރޫޕް 'ކޭ' ގެ އެއްވަނަ ޓީމުގެ ގޮތުގައި، ކުޅުނު ތިން މެޗުންވެސް މޮޅުވެގެންނެވެ.
ނަމަވެސް، ގަދަ 32 ޓީމު ވާދަކުރި ބުރުގައި އަލަށް ވާދަކުރި ކޭޕް ވާޑެ އަތުން ސަލާމަތްނުވެވި، ވޯލްޑް ކަޕް ތާރީޚުގައި ފެންނާނެ އެންމެ ހައިރާންކުރުވަނިވި ނަތީޖާއާއި އާޖެންޓީނާ ގާތްވިއެވެ. އެ މެޗުގެ އިތުރު ވަގުތުގެ ފަހުކޮޅު ބައިކޮޅަށް ވަން ލަނޑަކާއެކު 3-2 އިން މޮޅުވެ، އާޖެންޓީނާ ސަލާމަތްވީ ހަނިގޮތަކަށެވެ.
އަނެއްކޮޅުން މިޞްރުން ގަދަ 16 ގެ ޖާގައެއް ފުރަތަމަ ފަހަރަށް ކަށަވަރުކުރީ، އޮސްޓްރޭލިއާއާ ބައްދަލުކޮށް 1-1 އިން އެއްވަރުވުމުން ޖެހި ޕެނަލްޓީގައި 4-2 އިން ކުރިހޯދައިގެންނެވެ.
މި ބުރަށް ދަތުރުކުރުމަށް ދެ ޓީމަށްވެސް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، މިފަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން މި ދެ ގައުމު ބަލިވެފައެއް ނުވެއެވެ.
އާޖެންޓީނާއަކީ 2002 ވަނަ އަހަރަށްފަހު ބޭއްވި ކޮންމެ ވޯލްޑް ކަޕެއްގެ ގަދަ 16 އަށް ދަތުރުކޮށްފައިވާ، މި މަރުހަލާއަށް ފަރިތަ ޓީމެކެވެ.
އެހެންނަމަވެސް، މިޞްރަށް މިއީ ތާރީޚީ ކުރިއެރުމެކެވެ. އެގައުމުން ވަނީ މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ވޯލްޑް ކަޕް ތާރީޚުގައި އެގައުމުގެ ފުރަތަމަ މޮޅު ހޯދާފައެވެ.
ބައިނަލްއަގުވާމީ މައިދާނުގައި މީގެ ކުރިން މި ދެ ގައުމު ބައްދަލުކޮށްފައިވަނީ އެންމެ ދެ ފަހަރެވެ. އެއީ 2008 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗަކުން ސާޖިއޯ އަގުއޭރޯ އާއި ނިކޮލަސްގެ ލަނޑުތަކުން 2-0 އިން އާޖެންޓީނާ މޮޅުވި މެޗާއި، 1928 ވަނަ އަހަރުގެ އޮލިމްޕިކްސްގައި 6-0 އިން އާޖެންޓީނާ ކުރިހޯދި މެޗެވެ.
މި މެޗުން މޮޅުވާ ޓީމެއް ކުއާޓަރ ފައިނަލުގައި ބައްދަލުކުރަން ޖެހޭނީ ސްވިޒަލޭންޑާއި ކޮލޮމްބިއާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ