އަހާންއަށް ބިރުވެރި ފިލްމެއް، ފިލްމުގެ ވާހަކަ ވަރަށް ޚާއްސަ

ފިލްމު "ތަޅަޕް"އިން ބޮލީވުޑަށް ތައާރަފުވި، ކުރީގެ އެކްޓަރު ސުނިލް ޝެޓީގެ ހަގު ދަރިފުޅު އަހާން ޝެޓީ ބިރުވެރި ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށާއި މިއީ ވަރަށް ތާރީޚީ ފިލްމެއް ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މި ފިލްމަކީ އިންޑިއާގެ މަޝްހޫރު ފިލްމު ޕްރޮޑިއުސަރު ހިޔާތީ މަދާންގެ ފިލްމު ކުންފުނި ނޮޓް އައުޓް އެންޓަޓެއިންމަންޓް އާއި ޕްރަޝާންތު ގުންޖަލްކަރު ގުޅިގެން ގެނެސްދޭ ފިލްމެކެވެ. ހިޔާތީ އަކީ މަޝްހޫރު ފިލްމު ޕްރޮޑަކްޝަން ކުންފުނިތައް ކަމަށްވާ ރެޑް ޗިލީސް އެންޓަޓެއިންމަންޓް، ޑިޒްނީ އިންޑިއާ އަދި މެޑްޑޮކް ފިލްމްސްއާ އެކު ޕްރޮޑިއުސަރެއްގެ ގޮތުގައި ކުރިން މަސައްކަތްކޮށްފައިވާ މީހެކެވެ. އަންނަ އަހަރުގެ ކުރީކޮޅު މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ މި ފިލްމު އުފައްދަނީ އިންޑިއާގައި ހިނގާފައިވާ ވަރަށް ތާރީޚީ ބިރުވެރި ހާދިސާއެއްގެ މައްޗަށް ކަމަށް ބޮލީވުޑްހަންގާމާގައި ވަނީ ބުނެފައެވެ. ހަމައެއާއެކު މި ހާދިސާ އަކީ އިންޑިއާގެ ގިނަ ބައެއްގެ ސަމާލުކަން ލިބުނު ޤައުމީ ފެންވަރުގެ ތާރީޚީ ހާދިސާއެއް ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ. އަހާން އަދި ފިލްމު "ތަޅަޕް"ގެ ބަތަލާ ތާރާ ސުތާރިއާ--ފޮޓޯ/ވިކިޕީޑިއާ މި ފިލްމުގެ ޓައިޓްލް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ބުނެފައިވާއިރު ފިލްމުގެ ޕްލޮޓް އަދި ފިލްމުގެ ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ މީހެއްގެ މައުލޫމާތު ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިހާރު މަސައްކަތް ފަށާފައިވާ ފިލްމު "ބޯޑަރު 2"ގެ ލީޑު އެކްޓަރުންގެތެރޭ ވެސް އަހާން ހިމެނެއެވެ. ފިލްމު "ތަޅަޕް"އަށް ފަހު މިހާތަނަށް އަހާންގެ އިތުރު ފިލްމެއް ބެލުންތެރިންނަށް ގެނެސްދީފައިނުވާއިރު 2023 ވަނަ އަހަރު "ސާންކީ"ގެ ނަމުގައި ވެސް އަހާންގެ ފިލްމެއް އިއުލާނު ކުރިއެވެ. ނަމަވެސް އެ ފިލްމުގެ މަސައްކަތް އަދިވެސް އޮތީ ނުފެށިފައެވެ. އަހާން މަސައްކަތް ފަށާފައިވާ ފިލްމު "ބޯޑާ 2" ބެލުންތެރިންނަށް ގެނެސްދޭން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 22ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ