އެޗްޑީސީން ދިން ތިންވަނަ މުއްދަތު ފަހަނައަޅައިދިޔައިރު ވެސް ހިޔާގެ 16 ޓަވަރުގައި ލިފްޓު ހަރުކޮށް ނުނިމުނު! އެޗްޑީސީން ދިން ތިންވަނަ މުއްދަތު ފަހަނައަޅައިދިޔައިރު ވެސް ހިޔާގެ 16 ޓަވަރުގައި ލިފްޓު ހަރުކޮށް ނުނިމުނު!

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމަނައިގެން ފެށި ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކުރުމުގެ މަޝްރޫއުގެ މަސައްކަތް ބަޔަކާ ހަވާލުކުރިތާ 22 މަސްދުވަސް ފާއިތުވީއިރު ވެސް އެއްކޮށް ނިންމައިލަން ނުކުޅެދިއްޖެ އެވެ.
ހިޔާގެ 16 ޓަވަރުގައި 32 ލިފްޓު ހަރުކުރަން ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑާ ހަވާލު ކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ 12، ގަ އެވެ. އޭރު އެއްބަސްވީ މަސައްކަތް ނިންމަން ފުރަތަމަ އެއްބަސްވި ތާރީހަކީ މި އަހަރުގެ ޖެނުއަރީ 30، އެވެ.
ނަމަވެސް އެ މުއްދަތަށް އެ ތަނުގެ މަސައްކަތް ނުނިމުމުން މަސައްކަތް ނިންމަން ދެން ކަނޑައެޅި ތާރީހަކީ މިދިޔަ އޭޕްރިލް 15، އެވެ. އެ މުއްދަތަށް ވެސް ލިފްޓުތައް ބަހައްޓައި ނުނިންމޭނެނެކަން ކަށަވަރުވުމުން އޭޕްރިލް 9، ގައި ހިޔާ ސަރަހައްދަށް ނޫސްވެރިން ގެންގޮސް، ނޮވެމްބަރު މަހުގެ ނިިޔަލަށް ލިފްޓުތައް ބަހައްޓައި ނިންމާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުންޏެވެ.
އެހެންނަމަވެސް، މިހައިތަނަށް ލިފްޓު ހަރުކޮށް ނިންމައި ބޭނުން ކުރަމުން ދަނީ އެންމެ ހަ ޓަވަރުގަ އެވެ. އެއީ އެޗް1 އިން ފެށިގެން ގޮސް އެޗް6 އާ ހަމައަށެވެ.
އެޗްޑީސީގެ ޕަބްލިކް ރިލޭޝަންސްގެ އެސިސްޓެންޓު މެނޭޖަރު، މުހައްމަދު ސިރާޖު ވިދާޅުވީ ހިޔާގެ އެހެން ޓަވަރުތަކުގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ.
"އެހެން ޓަވަރުތަކުގެ މަސައްކަތް ވެސް އެބަ ކުރިއަށްދޭ، 12 ވަނަ ޓަވަރާ ހަމައަށް ލިފްޓު ހަރުކޮށްފައި މިހާރު ހުރީ، ދެން ކޮމިޝަން ކުރަމުން އެ ދަނީ، ކޮމިޝަންކޮށް ނިމުނީމާ ބޭނުން ކުރަން ފެށޭނެ،" ސިރާޖު ވިދާޅުވި އެވެ.
އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ލިފްޓުތައް ބޭނުންކުރަން ފެށޭވަރު ކުރުން ކަމަށް ސިރާޖު ވިދާޅުވި އެވެ.
ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓުތައް ހަރުކުރުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމަނައިގެން މިދިޔަ އަހަރަށް ފާސްކުރި ބަޖެޓުގައި އަދަދުތައް ޖަހައިގެން ކުރަން ފެށި މަސައްކަތެކެވެ.
އޭރު ބަޖެޓުގައި އޮތީ މި މަސައްކަތަށް 200 މިލިއަން ރުފިޔާ ހަރަދުކުރާ ގޮތަށެވެ. ނަމަވެސް މި އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި އޮތީ މަޝްރޫއުގެ އަގު ރިވައިސްކޮށް ދައުލަތުގެ ބަޖެޓުން ހަރަދު ކުރާ ވަރު 108 މިލިއަން ރުފިޔާއަށް ކުޑަކޮށްފަ އެވެ. ބާކީ ފައިސާ ހަރަދުކުރަނީ ބެލެވޭ ގޮތުގައި އެޗްޑީސީންނެވެ.
ހިޔާގައި ލިފްޓު ހަރުކުރަން ޗައިނާ ކުންފުންޏާ ހަވާލު ކުރީ ލިފްޓަކަށް 8.8 މިލިއަން ރުފިޔާގެ މަގުންނެވެ. އެހެންކަމުން ކޮންމެ ޓަވަރެއްގައި ލިފްޓު ހަރުކުރަން 17.6 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.
ހިޔާ ފްލެޓުތަކަށް އިތުރުކުރާ ލިފްޓުތަކުގެ ތެރޭގައި ހިމެނެނީ ސްޓެރަޗަރު އުފުލޭ ވަރުގެ ލިފްޓަކާއި މީހުން އުފުލާ ލިފްޓެކެވެ. މީހުން އުފުލާ ލިފްޓިގައި ފަހަރަކު 16 މީހުން އުފުލޭނެ ކަމަށް އެޗްޑީސީން ބުންޏެވެ. ލިފްޓު ހަރުކުރުމުގެ އިތުރުން ލިފްޓުތައް ހަރުކުރަން ބޭނުންވާ ސްޓްރަކްޗާ ގާއިމުކުރުން ވެސް މަސައްކަތުގެ ތެރޭގައި ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ