ސުއަރޭޒް އިތުރު އެއް އަހަރަށް މިއާމީގައި މަޑުކުރަން ނިންމައިފި ސުއަރޭޒް އިތުރު އެއް އަހަރަށް މިއާމީގައި މަޑުކުރަން ނިންމައިފި

މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (ޑިސެމްބަރު 18) - އެމެރިކާ ފުޓްބޯޅަ ލީގުގެ އެމްއެލްއެސް ކަޕްގެ ޗެމްޕިއަންކަން ހޯދި އިންޓަ މިއާމީ ޓީމަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް، ލުއިސް ސުއަރޭޒް އިތުރު އެއް އަހަރަށް އެ ޓީމުގައި މަޑުކުރަން ނިންމައިފި އެވެ.
އަންނަ މަހު 39 އަހަރު ފުރޭ ސުއަރޭޒް މި ވަނީ، އިންޓަ މިއާމީގެ ކެޕްޓަން، ލިއޮނަލް މެސީ އާއި އެ ޓީމަށް ދާއިމީ ކޮންޓްރެކްޓެއްގައި ދާދި ފަހުން ބަދަލުވި، ރޮޑްރީގޯ ޑެ ޕޯލްއާ އެކު، އިތުރު އެއް ސީޒަނުގައި ކުޅެން މިއާމީއާ އެކު، ކޮންޓްރެކްޓް އާ ކޮށްފަ އެވެ.
މިދިޔަ ސީޒަނުގައި، މިއާމީ އަށް ހުރިހާ މުބާރާތެއްގައި ކުޅުނު 50 މެޗުގައި ސުއަރޭޒް ވަނީ 17 ލަނޑު ޖަހައި، 17 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ސުއަރޭޒް އެންމެ ފުރަތަމަ މިއާމީ އަށް ބަދަލުވީ، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ. އެއީ، 2024 ވަނަ އަހަރުގެ ސީޒަން ފެށުމުގެ ކުރިންނެވެ. އެ ގޮތުން، މިއާމީއާ އެކު ފުރަތަމަ ސީޒަނުގައި، ސުއަރޭޒް ވަނީ ސަޕޯޓާސް ޝީލްޑް ކާމިޔާބުކޮށްފަ އެވެ.
މިދިޔަ އޮގަސްޓް މަހު، މިއާމީ ލީގު ކަޕް ފައިނަލުގައި ސިއޭޓަލް ސައުންޑާސްގެ ސްޓާފެއް ގަޔަށް ކުޅު ޖެހުމުން ސުއަރޭޒަށް ނުވަ މެޗުގެ ސަސްޕެންޝަނެއް އައިސްފައިވެ އެވެ. އޭގެ ތެރެއިން، ހަ މެޗުގެ ސަސްޕެންޝަން ތަންފީޒުކުރަން ސުއަރޭޒް ޖެހޭނީ، ކުރިއަށް އޮތްތަނުގައި، އެ ފަދަ ކުޅުމުގެ ރޫހާ ހިލާފު އަމަލެއް ތަކުރާރުކޮށްފިނަމަ އެވެ.
ކުރިން އަޔަކްސް، ލިވަޕޫލް، ބާސެލޯނާ އަދި އެތުލެޓިކޯ މެޑްރިޑަށް ކުޅެފައިވާ، ސުއަރޭޒް ވަނީ މިހާތަނަށް މިއާމީ އަށް ކުޅުނު 87 މެޗުން 42 ލަނޑު ޖަހައި، 29 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
މިއާމީން ވަނީ ހިލޭ ޓްރާންސްފާއެއްގައި، ކުރިން ރެއާލް މެޑްރިޑާއި މެންޗެސްޓާ ޔުނައިޓެޑް އަދި ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅެފައިވާ ވާތުބެކް، ސާޖް ރެގީއޯންގެ ސޮއި ހޯދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ