އެންމެ މުހިންމު ވަގުތު, އިތުރު 50 މިލިއަން ޑޮލަރު ދެއްކުން އިންޑިއާއިން ފަސްކޮށްދީފި

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އަށް މިމަހު ދައްކަން އޮތް 50 މިލިއަން ޑޮލަރުގެ ޓީބިލް ދެއްކުން އެ ގައުމުން ފަސްކޮށްދީފިއެވެ. އެޓީބިލް ދައްކަން ޖެހެނީ މިއަދުގެ ނިޔަލަށް ކަމަށްވާއިރު، އެކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ރާއްޖެއަށް ކަނޑައަޅާފައިވާ ހުންނަވާ އިންޑިއާގެ ސަފީރު ޖީ. ބާލަސުބްރަމާނިއަން އިއްޔެ ވަނީ ބައްދަލުކޮށްފައެވެ. ޓީބިލް ދެއްކުން ފަސްކޮށްދީފައި މި ވަނީ ރާއްޖޭގެ އިގްތިސާދު ވަރަށް ނާޒުކު ދަނޑިވަޅެއްގައި އޮއްވައެވެ. އެ ބައްދަލުވުމުގައި އިންޑިއާއަށް ދައްކަން އޮތް 50 މިލިއަން ޑޮލަރުގެ ޓީބިލެއް ފަސްކޮށްދިން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އެކަމުން ހާމަވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެމުންދާ ދެމެހެއްޓެނިވި އިތުބާރާއި އެހީތެރިކަން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: އިންޑިއާއިން ވަނީ އެގައުމަށް ދައްކަން އޮތް 50 މިލިއަން ޑޮލަރުގެ ޓީބިލެއް ފަސްކޮށްދީފައި ---- ފޮޓޯ/ ފިނޭންސް މިނިސްޓްރީ ފިނޭންސް މިނިސްޓްރީން ބުނީ، އިންޑިއާ ސަރުކާރުގެ ލައިންސް އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ފައިނޭންސްކުރެވޭ މުހިންމު ތަރައްޤީގެ މަޝްރޫޢުތަކުގެ ޕޯޓްފޯލިއޯއާ ގުޅޭ ގޮތުން އެބައްދަލުވުމުގައި މަޝްވަރާކުރި ކަމަށެވެ. މިގޮތުން، އެކަން ތަންފީޒުކުރުމުގައި ދިމާވާ މައިގަނޑު ގޮންޖެހުންތަކާއި ދިވެހި ރައްޔިތުންގެ މަންފާއަށްޓަކައި އެ މަޝްރޫޢުތައް ނިންމުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމާ ގުޅޭ ގޮތުން މަޝްވަރާކުރި ކަމަށް މިނިސްޓްރީން ބުނެއެވެ. ހަމައެއާއެކު، މިބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އޮތް ފުރުޞަތުތަކާ މެދު މަޝްވަރާކުރިއިރު، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދުގައި ހިންގޭ ވިޔަފާރީގެ މިންވަރު އިތުރުކުރުމަށް މަސައްކަތްކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ. އިންޑިއާއަށް ދައްކަން ޓީބިލެއް ފަސްކޮށްދިންއިރު، މިދިޔަ މެއި 12ގައި ވެސް ވަނީ، އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދެއްކުން އިތުރު އެއް އަހަރަށް ފަސްކޮށްދޭން އެ ގައުމުން ވަނީ ނިންމާފައެވެ. https://sun.mv/205901 ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ވަނީ 50 މިލިއަން ޑޮލަރުގެ ތިން ޓީބިލު އެސްބީއައިއިން ނަގައިފައެވެ. އޭގެ ތެރެއިން އެއް ޓީބިލަށް ވީ ފައިސާ ޖަނަވަރީ 2024ގައި މި ސަރުކާރުން ވަނީ ދައްކައިފައެވެ. މި އަހަރަކީ ރާއްޖެއަށް ދަރަންޏަށް ގިނަ އަދަދެއްގެ ފައިސާ ދައްކަންޖެހޭ އަހަރެކެވެ. އެ ގޮތުން، މި އަހަރު އެކަނި 500 މިލިއަނެއްހައި ޑޮލަރު ދަރަންޏަށް ދައްކަންޖެހޭއިރު އަންނަ އަހަރު އެއް ބިލިއަން ޑޮލަރު ދަރަންޏަށް ދައްކަންޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ