ލ. ފޮނަދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން މުހައްމަދު ފާއިގު ވަކިކުރަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނިންމީ އަދުލުވެރިކޮށް ނޫން ކަމަށް ކަނޑައަޅައި އޭނާއަށް ބަދަލުގެ ގޮތުގައި ފަސް ލައްކަ ރުފިޔާ ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން އަމުރުކޮށްފި އެވެ.
ސީއެސްސީ އިން ފާއިގު ވަކިކުރަން ނިންމީ އެކަމަށް ފޮނަދޫ ކައުންސިލުން އެދުމުން، އެ މައްސަލަ ބެލުމަށްފަހު އޮގަސްޓު 1، 2026 ގަ އެވެ. ފޮނަދޫ ކައުންސިލްގެ ގެ 19 ވަނަ އާންމު ޖަލްސާގައި ފާއިގު މަގާމުން ވަކިކުރަން ނިންމީ އެސްޖީ މަގާމުގެ ޒިންމާތަކާއި މަސްއޫލިއްޔަތު އެކަށީގެންވާ މިންވަރަށް އަދާކުރަމުން ނުގެންދާ ކަމަށް ބުނެ އެވެ.
މިކަމާއި ގުޅިގެން ފާއިގު ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލް އަށް ހުށަހެޅި މައްސަލަ ބަލައި ނިންމީ މިއަދު އެވެ. އެ މައްސަލައިގެ ނިންމުމުގައި ބުނެފައިވަނީ ފާއިގު މަގާމުން ވަކިކުރަން ސީއެސްސީ އިން ނިންމީ ވަޒީފާ އާއި ބެހޭ ގާނޫނުގައި ވަޒީފާއިން ވަކިކުރާއިރު ގާއިމުކުރަން ބުނާ މައުލޫއީ އަދުލުވެރިކަން ގާއިމުކުރުމެއް ނެތި ކަމަށެވެ.
މިހެން ކަމުން، ފާއިގު އާއެކު ފޮނަދޫ ކައުންސިލުން ވަޒީފާގެ އެގްރީމެންޓު ހަދާފައި އޮތް މުއްދަތުގެ ނިޔަލަށްވާ މުސާރަ ދޭން ޖެހޭނެ ކަމަށް ވެސް ޓްރައިބިއުނަލް އިން ނިންމާފައިވެ އެވެ. ފާއިގު މަގާމުން ވަކިކުރިއިރު، އެގްރީމެންޓުގައި ބާކީ ދެ އަހަރާއި ހަތަރު މަހާއި 10 ދުވަސް އޮތެވެ. އެ މުއްދަތަށް ވާ މުސާރަ އާއި އިނާޔަތްތަކުގެ ޖުމްލަ އަކީ 548،391ރ. އެވެ.
މި ފައިސާ ބަންދު ނޫން 30 ދުވަހުގެ ތެރޭ ފާއިގު އަށް ދީ އެކަން އެންގުމަށް ވެސް ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލް އިން އަންގާފައިވެ އެވެ. ނަމަވެސް، މި މައްސަލަ ކޯޓުގައި އިސްތިއުނާފު ކުރުމުގެ ހައްގު ސީއެސްސީ އަށް ލިބޭނެ އެވެ.
ފާއިގު ވަކިކުރަން ކައުންސިލުން ނިންމި ޖަލްސާގައި އޭނާ މަގާމުގެ ޒިންމާތަކާއި މަސްއޫލިއްޔަތު އަދާ ނުކުރާ ކަމަށް ބުނެ ގިނަ ސަބަބުތަކެއް ފާހަގަކުރި އެވެ
އޭގެ ތެރޭގައި, ކައުންސިލުގެ ނިންމުންތައް ތަންފީޒު ކުރުމުގައި އެއްބާރުލުން ނުދިނުމާއި, އަތޮޅު ކައުންސިލަށް ފޮނުވަންޖެހޭ ރިޕޯޓުތައް ނުފޮނުވުމާއި, ހާލުބެލުން ޕޯޓަލްގެ މަސައްކަތް ނުކުރުމާއި, މަސައްކަތް ހޭންޑްއޯވާ ނުކޮށް ޗުއްޓީއަށް ދިއުމާއި, ހެނދުނުގެ ބްރީފިންތަކަށް ހާޒިރުނުވުން ހިމެނެ އެވެ.
މިކަމާ ގުޅޭ ގޮތުން ފާއިގު އޭރު އަދަދު އާއި ވާހަކަދައްކަވަމުން ވިދާޅުވީ އޭނާ މަގާމުން ވަކިކުރަން ނިންމީ ޒިންމާ އާއި މަސްއޫލިއްޔަތު އަދާ ނުކޮށްގެން ނޫން ކަމަށާއި، އެކަމުގައި އޮތީ ސިޔާސީ މަގުސަދެއް ކަމަށެވެ.
އެ ސަބަބަކީ އޭނާ ވިދާޅުވި ގޮތުގައި ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި، ޕީއެންސީގެ ކެންޑިޑޭޓު، އަބްދުއްރަހީމް އަބްދުﷲ އަށް ތާއިދު ނުކޮށް، އެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރި އިބްރާހިމް އަނީސް އަށް އޭނާ ތާއިދު ކުރުމެވެ.
"އަޅުގަނޑު ޗުއްޓީގައި މިވަގުތު މިހިރީ, ޗުއްޓީން އަންނަން ވާއިރަށް ނިންމާފައި އޮތް ނިންމުމެއް އެއީ, ބޮޑަށް ބެލެވެނީ ސިޔާސީ ގޮތުން މިހާރު ތިބި ކައުންސިލަރުންނާ ހިޔާލު ތަފާތުވުން ހުރި ގޮތުންހެން. އެއީ ޕީއެންސީ ބައެއް. އެ ބޭފުޅުން ބޭނުންވަނީ އަޅުގަނޑު ބޭރު ކުރަންކަން ގަބޫލުކުރެވެނީ," ފާއިގު އޭރު ވިދާޅުވި އެވެ.
ފޮނަދޫ ކައުންސިލުގެ އެސްޖީ ވަކިކުރަން ނިންމީ އަދުލުވެރިކޮށެއް ނޫން، ބަދަލުގެ ގޮތުގައި ފަސް ލައްކަ ރުފިޔާ ދޭން އަމުރުކޮށްފި ފޮނަދޫ ކައުންސިލުގެ އެސްޖީ ވަކިކުރަން ނިންމީ އަދުލުވެރިކޮށެއް ނޫން، ބަދަލުގެ ގޮތުގައި ފަސް ލައްކަ ރުފިޔާ ދޭން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ