އަންނަ ޖުލައިގެ ކުރިން 55 ކައުންސިލް އިމާރާތް ނިމޭނެ: މިނިސްޓްރީ
އަންނަ ޖުލައި މަސް ނިމުމުގެ ކުރިން 55 ރަށެއްގައި އިމާރާތްކުރާ ކައުންސިލް އިދާރާތަކުގެ އިމާރާތްތަކުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް، ލޯކަލް ގަވަމަންޓް މިނިސްޓްރީން މިއަދު ބުނެފިއެވެ. އެ މިނިސްޓްރީން 'އެކްސް'ގައި ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން 18 އަތޮޅެއްގައި އިމާރާތްކުރާ 55 ރަށުގެ ކައުންސިލް އިދާރާތަކުގެ އިމާރާތުގެ ތެރެއިން 38 ރަށަކަށް، މަސައްކަތަށް ބޭނުންވާ ތަކެތި ވަނީ ފޮނުވާފައެވެ. އަދި 42 ރަށެއްގައި މިހާރު ވަނީ އަމަލީ މަސައްކަތް ފަށާފައެވެ. ރާއްޖޭގެ 55 ރަށެއްގެ ކައުންސިލް އިދާރާތައް އިމާރާތްކުރުމަށް އެންމެ ފުރަތަމަ ހަވާލުކުރީ މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް ކުންފުންޏާ، މިއަހަރުގެ ޖެނުއަރީ މަހުގެ 20ވަނަ ދުވަހުގައެވެ. https://x.com/moclpmv/status/1988576367773200477 ނަމަވެސް މި އެއްބަސްވުމުގެ ދަށުން ކައުންސިލް އިދާރާތަކުގެ އިމާރާތްތަކުގެ އަމަލީ މަސައްކަތް ނުފެށި އޮއްވައި، އެ ކުންފުންޏާއެކު ވީ އެއްބަސްވުން ވަނީ އޭގެ ގާތްގަނޑަކަށް ހަ މަސް ފަހުން ޖުލައި މަހުގެ ހަވަނަ ދުވަހު ބާތިލްކޮށްފައެވެ. އެއްބަސްވުން ބާތިލްކުރިކަން ހާމަކުރައްވައި ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެދުވަހު 'އެކްސް'ގައި ލިޔުއްވިގޮތުގައި ހެކްސްޓާއާއެކު ވީ އެއްބަސްވުން ބާތިލްކުރީ ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެ ކުންފުނިން ބަލައިގެންފައި ނުވާތީއެވެ. މިނިސްޓްރީން އޭރު ބުނީ، މި މަޝްރޫއުގެ އަމަލީ މަސައްކަތް ހަމަ އެ މަހު ފަށައި، އެއް އަހަރު ތެރޭ 55 ކައުންސިލް އިދާރާގެ އިމާރާތްތަކުގެ މަޝްރޫއު ނިންމާލާނެ ކަމަށެވެ. އެއްބަސްވުން ބާތިލްކުރިތާ އެއް މަސް ދުވަސް ފަހުން އޮގަސްޓް މަހުގެ 16ވަނަ ދުވަހު، ކައުންސިލްތަކުގެ އިމާރާތްތަކުގެ މަޝްރޫއު ސަރުކާރުން ހަވާލުކުރީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އަށެވެ. ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގެ ކައުންސިލް އިމާރާތްތައް ބާވެ، ވީރާނާވަމުން އަންނަކަމަށް ބުނެ، ރަށު ކައުންސިލުތަކުގެ ކަންބޮޑުވުން ސަރުކާރަށް އަންނަނީ ހުށަހަޅަމުންނެވެ. އެހެންވެ، ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމެވީ އެމަނިކުފާނުގެ ޒާމަތުގައި 55 ކައުންސިލް އިމާރާތް އުމްރާނީ ގޮތުން ތަރައްގީ ކުރުމަށް ކަމަށް މީގެ ކުރިން މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ