ވައުދާ އެއްގޮތަށް ޖޭއެސްސީ އިސްލާހުކުރަން ތާރީޚެއް ނުދެއްވި

ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިސްލާހުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެޑައިގެން ގޮތަށް އެކަން ކުރައްވާނެ ތާރީޚެއް ވިދާޅުވާން ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ދެކޮޅު ހައްދަވައިފިއެވެ. ޖޭއެސްސީން ސިޔާސީ ނުފޫޒު ނައްތާލުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ. އެ މަނިކުފާނު ރިޔާސީ ކެމްޕޭން ތެރޭގައި ވިދާޅުވީ، ޖޭއެސްސީގައި ސިޔާސީ އެއްވެސް ބޭފުޅަކު ހުރެގެން ނުވާނެ ކަމަށެވެ. އެހެންވެ، ސިޔާސީ އެއްވެސް ބޭފުޅަކު ނުހިމެނޭ ގޮތަށް ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން އެ މަނިކުފާނު ވައުދުވެވަޑައިގެންނެވިއެވެ. އެކަމަކު، ސަރުކާރަށް ދެ އަހަރުވާން ކައިރިވިއިރު މިހާތަނަށް ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން ހުށަހަޅާފައެއް ނުވެއެވެ. ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގައި މިއަދު އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އުޝާމް ވިދާޅުވީ، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރެވެން އޮތީ ގާނޫނުއަސާސީ އިސްލާހުކޮށްގެން ކަމަށެވެ. އެހެންވެ، އެ މަސައްކަތްކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. https://sun.mv/183108 އެކަމަކު، ޖޭއެސްސީ އިސްލާހުކުރަން ހުށަހަޅުއްވާނެ މަޖިލީހުގެ ކޮޮން ދައުރެއްގައިތޯ އޭނާ ވިދާޅެއް ނުވިއެވެ. "ސީދާ ކޮން ދުވަހަކުތޯ، ކޮން ދައުރަކުތޯ ދަންނަވާކަށް ނޭނގެ. އެ މަސައްކަތް ކުރަމުން މި ދަނީ،" ސީދާ ތާރީޚެއް ވިދާޅުވާން ދެކޮޅު ހައްދަވަމުން ބަންޑާރަނައިބު ވިދާޅުވިއެވެ. "އަޅުގަނޑުމެން ގާނޫނުއަސާސީއަށް ގެންނަ ބައެއް އިސްލާހުތައް މި އަހަރު ތެރޭގައި މަޖިލީހަށް ހުށަހަޅާނަން. އަދި، މި އަހަރު ހުށަނޭޅޭ އިސްލާހުތައް އަންނަ އަހަރު ތެރޭގައި ހުށަހަޅާނަން،" އުޝާމް ވދިާޅުވީ، ގާނޫނުއަސާސީއަށް ބަދަލު ގެންނައިރު ކުރަންޖެހޭ ބައިވަރު ކަންކަން އެބަހުރި ކަމަށާއި ހަމައެކަނި ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ ބަދަލުގައި ގެންނަންޖެހޭ އެހެނިހެން ބަދަލު ވެސް އެބަހުރި ކަމަށެވެ. އެކަމަކު، އެއާ ގުޅޭ ތަފުސީލެއް ނުދެއްވައެވެ. https://sun.mv/203861 އެހެންވިޔަސް ވީހާ ވެސް އަވަހަށް ވައުދާ އެއްގޮތަށް ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު ޖޭއެސްސީ އެކުލެވިގެންވާ ގޮތް: ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ރައީސުލްޖުމްހޫރިއްޔާގެ މެންބަރު ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް ހައިކޯޓުގެ ފަނޑިޔާރެއް ދަށު ކޯޓެއްގެ ފަނޑިޔާރެއް އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރު ސިވިލްސާވިސް ކޮމިޝަނުގެ ރައީސް އެޓާނީ ޖެނެރަލް ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ބޭފުޅެއް މިހެން އޮތުމުގެ ސަބަބުން ސިޔާސީ ނުފޫޒު އޮންނަ ކަމަށް ބުނެ މިދިޔަ އެމްޑީޕީގެ ސަރުކާރުން ވެސް ވެރިކަމަށް އައި ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރާނެ ކަމަށް ވައުދުވެގެންނެވެ. އެކަމަކު، އެ ޕާޓީގެ ފަސް އަހަރުގެ ވެރިކަން ނިމުނުއިރު ވެސް އެކަން ކުރެވިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ