ވޯލްޑް ޗެމްޕިއަންޝިޕުގައި ސާއިދަށް ސީޒަނަލް ބެސްޓެއް
ޖަޕާނުގެ ޓޯކިޔޯގައި ކުރިއަށްދާ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުގައި ވާދަކޮށް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އޭނާ މި ސީޒަނުގައި ހޯދި އެންމެ ރަނގަޅު ނަތީޖާ ހޯދައިފިއެވެ. އުމުރުން 33 އަހަރުގެ ސާއިދު ވަނީ މި މުބާރާތުގެ ޕްރިލިމިނަރީ ބުރުގެ ހީޓް ތިނެއްގައި ވާދަކޮށް 10.84 ސިކުންތާއެކު ދުވުމުގެ ހަތަރުވަނަ ހޯދާފައެވެ. މި ނަތީޖާއާއެކު ސާއިދު ވަނީ އޭނާ ކެރިއަރުގައި ޖެހިޖެހިގެން ހަތަރުވަނަ ވޯލްޑް ޗެމްޕިއަންޝިޕުގެ ފުރަތަމަ ބުރަށް ދަތުރުކޮށްފައެވެ. މީގެކުރިން 2015 ގައި ބެއިޖިންގް، 2017 ގައި ލަންޑަން، އަދި 2022 ގައި އޮރެގަންގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕުގެ ޕްރިލިމިނަރީ ބުރުން ސާއިދު ސާއިދު ކަޑައްތުކުރި އެވެ. ފުރަތަމަ ބުރުގައި ސާއިދު ވާދަކުރީ ދުނިޔޭގެ އެއްވަނަ ދުވުންތެރިޔާ ކަމަށްވާ ޖެމެއިކާގެ ކިޝޭން ތޮމްޕްސަން އާއެކު ހީޓް ދޭއްގައެވެ. މި ހީޓުން އެއްވަނަ ހޯދާފައިވަނީ 9.95 ސިކުންތުން ދުވެގެން ތޮމްޕްސަންއެވެ. ސާއިދު މި ބުރުގައި 10.81 ސިކުންތުން ދުވެގެން ލިބުނީ ހީޓުގެ އަށްވަނަ އެވެ. ސާއިދަކީ އަދިވެސް ރާއްޖޭގައި ހުރި އެންމެ ބާރު ދުވުންތެރިޔާއެވެ. އޭނާގެ ރިކޯޑުތައް މުގުރާލެވޭވަރުގެ ދުވުންތެރިއެއް އަދި ނުފެނެއެވެ. ނަމަވެސް އަރަމުން އަންނަ ޒުވާން ދުވުންތެރިން ދަނީ ފަހަރަށްފަހު ފަހަރެއް ޓައިމިންގެ ފަރަގު ކުޑަކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ