މީޑިޔާ ރެގިއުލާޓްކުރާ ބިލު މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި

މިހާރި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިޔާ އެންޑް ރެގިއުލޭޝަން ބިލަށް ބައެއް އިސްލާހުތަކެއް ހުށަހެޅުމަށްފަހު ކޮމެޓީން ފާސްކޮށްފިއެވެ.
މި ބިލު ކޮމެޓީން ފާސްކޮށްފައިވަނީ، އެ ބިލު ދިރާސާކުރާ މަޖިލީހުގެ މިނިވަން މުއްއައްސަސާތަކޭ ބެހޭ ކޮމެޓީގެ ބައެއް މެންބަރުންތަކެއް ބަދަލުކުރުމަށްފަހު، ޗުއްޓީގައި އޮތް މަޖިލީހުން މިއަދު ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައެވެ. މި ކޮމެޓީގައި ބިލަށް ވޯޓު ފާސްކުރުމާ އެއްކޮޅަށް، ސަރުކާރަށް ނިސްބަތްވާ ހުރިހާ މެންބަރުން ވަނީ ވޯޓުދެއްވާފައެވެ.
އެ ބިލު ކޮމެޓީން ފާސްކުރިއިރު، އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ 150 އަށް ވުރެ ގިނަ ނޫސްވެރިންގެ ސޮޔާއެކު މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނަށް ކޮމެޓީން ރިއާޔަތްނުކުރާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެ ވަގުތު އެތަނުގައި ތިބި ނޫސްވެރިންނާއި ޢާންމުން ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ޙަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ މީޑީޔާގެ ރެގިއުލޭޓަރީ ބިލާ ދެކޮޅަށް ވަރަށް ގިނަ ނޫސްވެރިން ވަނީ ޚިޔާލު ފާޅުކޮށްފައެވެ. އެގޮތުން ނޫސްވެރިންގެ ޚިޔާލު ހޯދުމަށް އެ ކޮމެޓީން މި މަހުގެ ފުރަތަމަ ދުވަހު ބޭއްވި ކޮމެޓީގެ ޖަލްސާގައި ވެސް ހުރިހާ ނޫސްވެރިން ވަނީ އެ ބިލާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.
އަދި އެ ބިލު ބޭރުކުރުމަށް ގޮވާލައި 150 އަށް ވުރެ ގިނަ ނޫސްވެރިންގެ ސޮޔާއެކު، ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭއިން ވަނީ މަޖިލީހަށާއި ރައީސް އޮފީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ