ހަފުތާއެއް ތެރޭ އަމިއްލަ ވިޔަފާރިއަކަށް 6.8 މިލިއަން ރުފިޔާ ދައްކަން ފެނަކައިގެ މައްޗަށް ހުކުމެއް
ހަފުތާއެއްގެ ތެރޭގައި، އަމިއްލަ ވިޔަފާރި ކުންފުންޏަކަށް 6.8 މިލިއަން ރުފިޔާ ދައްކަން ފެނަކަ ކޯޕަރޭޝަންގެ މައްޗަށް ސިވިލް ކޯޓުން ހުކުމެއް ކޮށްފިއެވެ. މިއީ، 2022 ވަނަ އަހަރު ފެނަކައިން ހޯދާފައިވާ ޚިދުމަތްތަކަކަށް ފައިސާ ނުދައްކައި އޮތް ކަމަށް ބުނެ، ވެށި ލިންކް އިންވެސްޓްމެންޓް ކިޔާ ކުންފުންޏެއްގެ ފަރާތުން ގ. އަސްރީމާ ފާތިމަތު ޝިފާޒް ޝަހީމް ދައުވާ ކުރި މައްސަލައެކެވެ. މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި އެ ކުންފުނިން ފޯރުކޮށްދީފައިވާ މުދަލާއި ޚިދުމަތުގެ އަގަށްވާ، 12 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ތެރެއިން ފެނަކައިން މިހާތަނަށް 8.5 މިލިއަން ރުފިޔާ ނުދައްކައި އެބައޮތެވެ. މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި މި ފައިސާއަކީ، ލ. އަތޮޅުގެ ދެ ރަށެއްގައި ހުރި ފެނަކައަށް ބޭނުންވާ ޚިދުމަތްތަކުގެ ފައިސާއެވެ. މި މައްސަލައިގައި ވެށި ލިންކް އިންވެސްޓްމެންޓުން އެދިފައިވަނީ، ބާކީ މިހާތަނަށް ނުދައްކައި އޮތް، 8.5 މިލިއަން ރުފިޔާއާއި، ވަކީލު ފީގެ ގޮތުގައި 70،000 ރުފިޔާ ފެނަކައިން ހޯދާށެވެ. އެ ކުންފުނިން އެދުނީ ވެސް ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ހޯދާށެވެ. އެކަމަކު، އެ ކަމަށް ޝަރީއަތުގައި ފެނަކައިންވަނީ އިންކާރުކޮށްފައެވެ. ފެނަކައިން ބުނެފައިވާ ގޮތުގައި އެ ފައިސާއަކީ ބައިބަޔަށް ބަހާލައިގެން ދައްކަމުން އަންނަ ފައިސާއެކެވެ. އަދި، ކުރިން އެނގުމަކާ ނުލައި ކުއްލިއަކަށް ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން ޖެހުމަކީ ފެނަކައިން ދެމުން އަންނަ ޚިދުމަތްތަކަށް ބުރޫ އަރާނެ ކަމެއް ކަމަށް ފެނަކައިންވަނީ ބުނެފައެވެ. މި މައްސަލަ ހޯމަ ދުވަހު ނިންމަވަމުން، ސިވިލް ކޯޓުގެ ގާޒީ އާއިޝަތު އަޒްފާ އަބްދުލްގަފޫރުވަނީ އެ ފައިސާއަކީ ފެނަކައިން އެ ކުންފުންޏަށް ދައްކަން ޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި، ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދައްކައި ހަލާސް ކުރުމަށް ފެނަކައަށް އަންގައި ހުކުމްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ