ކަބީރުގެ އާ ފިލްމަށް ވެސް ކާތިކް
ބޮލީވުޑްގެ ޑައިރެކްޓަރު ކަބީރު ޚާންގެ ކުރިއަށް އޮތް އާ ފިލްމުގެ ލީޑް އެކްޓަރުގެ ރޯލް ކާތިކް އާރިއަންއަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ކަބީރު މިދިޔަ އަހަރު ގެނެސްދިން ކުޅިވަރު ބައޮޕިކް ޑްރާމާ "ޗަންދޫ ޗެމްޕިއަން"ގެ ލީޑް އެކްޓަރަކީ ވެސް ކާތިކްއެވެ. އެ ފިލްމަކީ ކަބީރުއާ އެކު ކާތިކް މަސައްކަތްކުރި ފުރަތަމަ ފިލްމެވެ. އިންޑިއާގެ ޕެރަލިމްޕިކްސްގައި އިންޑިއާއަސް ރަން މެޑެލް ހޯދައިދިން ކުރީގެ އެތުލީޓް މުރްލީކާންތު ޕެޓްކަރުގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފެއްދި އެ ފިލްމުން ކާތިކަށް މި އަހަރުގެ ފިލްމުފެއަ އެވޯޑުގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑު ވެސް ވަނީ ލިބިފައެވެ. ބޮލީވުޑް ރިޕޯޓުތައް ބުނާގޮތުން ކާތިކް ލީޑް އެކްޓަރެއްގެ ގޮތުގައި ފެންނާނެ ކަބީރުގެ ކުރިއަށް އޮތް ފިލްމަކީ ވެސް ސްޕޯޓްސް އެކްޝަން ފިލްމެއް ކަމަށެވެ. އަދި، އެ ފިލްމު ބިނާކޮށްފައި ވަނީ ހަގީގީ ހާދިސާތަކެއްގެ މައްޗަށެވެ. ބޮލީވުޑް އެކްޓަރު ކާޓިކް އާރްޔަން އަދި ޑައިރެކްޓަރު ކަބީރު ޚާން--ފޮޓޯ/ބޮލީވުޑްހަންގާމާ މި ފިލްމަށް ކާތިކް އެއްބަސްވެފައިވާއިރު މިއީ ކާތިކްގެ ކެރިއަރުގެ އެންމެ އަގުބޮޑު ފިލްމު ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ބައެއް ރިޕޯޓުތައް ބުނާގޮތުން މި ފިލްމަކީ 150 ކްރޯޑު ރުޕީސް (17.01 މިލިއަން ޑޮލަރު)ގެ ބަޖެޓަކުން އުފައްދާ ފިލްމެއް ކަމަށް ފިލްމީ ރިޕޯޓުތައް ބުނެއެވެ. މި ފިލްމު ރަސްމީކޮށް އިއުލާނުކުރަން ނިންމާފައިވަނީ އަންނަ އަހަރު ކަމަށް ރިޕޯޓުތައް ބުނެއެވެ. ކާތިކްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން ދަރުމާ ޕްރޮޑަކްޝަންސްއިން އުފައްދާ "ނާގްޒިއްލާ"އަކީ ވެސް 80 ކްރޯޑު ރުޕީސްގެ ފިލްމަކެވެ. ފިލްމު "ޗަންދޫ ޗެމްޕިއަން"ގައި ކާތިކްގެ ކެރެކްޓާ ގެނެސްދިނީ ވަރަށް ފުރިހަމައަށް ކަމަށާއި ކާތިކާ މެދު ފަޚުރުވެރިވާ ކަމަށް ކަބީރު ޚާން ވަނީ ބުނެފައެވެ. ކަބީރުގެ ކެރިއަރުގެ މަގުބޫލު ފިލްމުތަކުގެ ތެރޭ "ބަޖްރަންގީ ބައިޖާން" އަދި "އެކްތާ ޓައިގާ" ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ