އައްޑޫ ބަނދަރަށް ވަގަށް އެތެރެ ކުރި 1.8 މިލިއަން ސިނގިރޭޓު ނައްތާލައިފި

އައްޑޫ ބަނދަރަށް ވަގަށް އެތެރެކުރި 1.8 މިލިއަން ސިނގިރޭޓު މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މިއަދު ނައްތާލައިފިއެވެ. ކަސްޓަމްސްއިން ނެރުނު ބަޔާނެއްގައި ބުނީ ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް 1,830,000 (އެއް މިލިއަން އަށްލައްކަ ތިރީސްހާސް) ސިނގިރޭޓު ސްޓިކްސް ނައްތާލާފައިވާ ކަމަށެވެ. އަދި އެ ސިނގިރޭޓުތައް ނައްތައިލީ ހިތަދޫ ބަނދަރު ސަރަހައްދުގައި އެ ތަކެތީގައި ރޯކޮށްލައިގެން ކަމަށް ކަސްޓަމްސްއިން ބުންޏެވެ. https://x.com/CustomsMv/status/1997690325385781381 މި ސަރުކާރުން ދުންފަތާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ސިނގިރޭޓުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 31ގައެވެ. އެގޮތުން 20 ސިނގިރޭޓް ހިމެނޭ ފޮއްޓަކަށް ޑިއުޓީގެ ގޮތުގައި ނަގަމުން އައި 60 ރުފިޔާ ވަނީ، 160 ރުފިޔާއަށް ބޮޑުކޮށްފައެވެ. އެ ބަދަލާއެކު، ސިނގިރޭޓުގެ އަގުތައް ވަރަށް ބޮޑަށް އުފުލުނެވެ. އެގޮތުން ކުރިން 110 އަށް ލިބުނު ސިނގިރޭޓް ފޮށީގެ އަގު 250އަށް އެރިއެވެ. އޭގެ ފަހުން ސިނގިރޭޓު ވިކޭ މިންވަރު ދަށްވި ކަމަށް ވިޔަފާރިވެރިން ރިޕޯޓުކުރިއެވެ. ނަމަވެސް އަމިއްލައަށް ސިނގިރޭޓު އުފައްދަން ބޭނުންކުރާ ތަކެތީގެ ވިޔަފާރި އިތުރުވުމާއި ވަގަށް ސިނގިރޭޓު އެތެރެކުރުމުގެ ކަންބޮޑުވުންތައް ވަނީ އިތުރުވިއެވެ. އެގޮތުން މި އަހަރު ތެރޭގައި، ބޮޑެތި އަދަދުތަކުން ސިނގިރޭޓު ވަގަށް އެތެރެކުރުމާއި ވަގަށް ނެގުން ފަދަ މައްސަލަތަކެއް ފެންމަތިވެފައިވެއެވެ. https://sun.mv/214970 ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރު ސިނގިރޭޓު އެތެރެކުރި އަދަދު ވަރަށް ބޮޑަށް ދަށަށް ދިޔައިރު، އިމްޕޯޓް ޑިއުޓީއަށް ލިބޭނެ ކަމަށް އަންދާޒާކުރި އަދަދުން މިހާތަނަށް ލިބުނީ 61 ޕަސެންޓް ކަމަށް ފިނޭންސް މިނިސްޓްރީން ތަފާސްހިސާބުން ވަނީ ދައްކައިފައެވެ. ކަސްޓަމްސްގެ ތަފާސްހިސާބުން ވެސް ވަނީ ކުރީ އަހަރުތަކާ އަޅައިބަލާއިރު ސިނގިރޭޓު އެތެރެކުރިން ދަށްވެފައިވާކަން ދައްކައިފައެވެ. އެގޮތުން، 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖޫން މަހަށް، 167 މިލިއަނަށް ވުރެ ގިނައިން ސިނގިރޭޓު އެތެރެކުރި ކަމަށް ތަފާސްހިސާބުން ދައްކައެވެ. ނަމަވެސް މި އަހަރުގެ ޖަނަވަރީން ޖުލައި މަހަށް އެތެރެކޮށްފައިވަނީ 41 މިލިއަން ސިނގިރޭޓު ކަމަށް އެ ތަފާސްހިސާބުން ދައްކައެވެ. އެއީ 126 މިލިއަންގެ ފަރަގެކެވެ. ޑިއުޓީ ބޮޑުކުރިތާ ގާތްގަނޑަކަށް ހަތަރު މަސް ފަހުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ، މި އަހަރުގެ ކުރީކޮޅު ދައުލަތުގެ އާމްދަނީ ދަށްކަން ފާހަގަކުރައްވައި، އެ ތަފާތު ފެންނަނީ ސިނގިރޭޓު އެތެރެކުރުން މަޑުޖެހިފައި އޮތުމުން ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ