މިއަހަރުގެ ފަހު ދައުރު ނިންމައި މަޖިލިސް 2 މަހުގެ ޗުއްޓީއަކަށް

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރު ނިންމައި ދެ މަސްދުވަހުގެ ޗުއްޓީއަކަށް ހިނގައްޖެ އެވެ.
ވީ ކިހިނެއް؟ - ކޮންމެ އަހަރަކު ވެސް ތިން ދައުރަށް ބަހާލައިގެން ބާއްވާ މަޖިލީހުގެ ތިން ވަނަ ދައުރު ނިމެނީ ނޮވެމްބަރަށެވެ. ނަމަވެސް ބައެއް ބިލުތަކުގެ މަސައްކަތް ނުނިމޭތީ އިތުރު ހަފްތާއަކަށް މި ދައުރު ދިގު ދަންމާލި އެވެ.
ތަފްސީލު - މިއަދުގެ ޖަލްސާ ނިންމާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިއަދަކީ މަޖިލީހުގެ މިއަހަރުގެ ފަހު ޖަލްސާ ކަމަށެވެ. އަދި މި ދައުރުގައި ކުރެވުނު ބައެއް މަސައްކަތްތަކުގެ ތަފާސްހިސާބުތައް އޭނާ ވިދާޅުވެދެއްވި އެވެ.
އެގޮތުން، އަބްދުއްރަހީމް ވިދާޅުވީ:
28 ޖަލްސާ ބާއްވާފައިވޭ؛ ގާތްގަނޑަކަށް 64 ގަޑިއިރު ހޭދަކޮށްފައިވޭ
ކޮމިޓީތަކުގެ 143 ބައްދަލުވުން ބާއްވާފައިވޭ؛ ގާތްގަނޑަކަށް 120 ގަޑިއިރު ހޭދަކޮށްފައިވޭ
15 ބިލެއް ފާސްކޮށްފައިވޭ
ޖަލްސާތަކުގައި 29 ސުވާލު ވަޒީރުންނާކޮށްފައިވޭ
ސަރުކާރުން ހުށަހެޅި 16 މައްސަލަ އާއި ރިޔާސަތުން ހުށަހެޅި 9 މައްސަލައެއް ނިމިފައިވޭ
"އަޅުގަނޑު އުންމީދު ކުރަނީ މި ފަށާ ޗުއްޓީ ވެގެން ދާނީ އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ އާއިލާތަކަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތަކަށް. މި ޗުއްޓީގެ ބޭނުން ހުރިހާ އިއްޒަތްތެރި މެންބަރުން ވެސް ހެޔޮ ގޮތުގައި ހިއްޕަވާނެ ކަމަށް އަޅުގަނޑު ހިތުގައި އެއްވެސް ސުވާލެއް، ޝައްކެއް ނެތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"މި ޗުއްޓީ ނިންމުމަށް ފަހު، އަލުން އެނބުރި މަސައްކަތަށް ވަޑައިގަންނަވާއިރު، ތިޔަ ބޭފުޅުން ވަޑައިގަންނަވާނީ އާ ވިސްނުންތަކާއި އާ ހިޔާލުތަކާއެކުކަން އަޅުގަނޑު ޔަގީން ކުރަން."
އެ އާ ވިސްނުންތަކާއި އާ ހިޔާލުތަކުގެ ބޭނުން ހިފައިގެން ކުރިއަށް އޮތް އަހަރު މަޖިލީހުގައި އުފެއްދުންތެރި، ބިނާކުރަނިވި މަސައްކަތްތަކެއް މެންބަރުން ކުރައްވާނެކަމުގެ ޔަގީންކަން ވެސް އެބަ އޮތް ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ. އަދި މިއަހަރު މެންބަރުން ކޮށްދެއްވި މަސައްކަތްތަކަށް އޭނާ ޝުކުރު ވެސް އަދާ ކުރެއްވި އެވެ.
"ވިހި ވަނަ ރައްޔިތުންގެ މަޖިލީހަކީ އެކުވެރިކަމާއި އެއްބައިވަންތަކަމާ އެކު ސިޔާސީ ފިކުރަކަށް ބެލުމެއް ނެތި، ގައުމީ މަސްލަހަތު އިސްކޮށްގެން ކުރިއަށްދާ މަޖިލީހެއްގެ ގޮތުގައި އަބަދު ވެސް ދެމި އޮތުން،" އެ މަގަށް މަސައްކަތް ކުރުމުގައި ރިޔާސަތުން ދޭން ޖެހޭ އެއްބަރުލުން ދެއްވާނެ ކަމުގެ ޔަގީންކަމާ އެކު، ވާހަކަ ނިންމާލައްވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.
އެނގުން މުހިންމު - ދެ މަސްދުވަހުގެ ޗުއްޓީއަށް ފަހު އަންނަ އަހަރަށް މަޖިލިސް ހުޅުވާނީ ފެބްރުއަރީ މަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ