ހޭލުންތެރިވާން އެބަޖެހޭ!: ރައްޓެހިވެ ގެއަށް ވެއްދިތާ 3 މިނިޓްތެރޭ ވައްކަންކުރި އަންހެނެއްގެ ވާހަކަ!

ގޭކައިރިން ކޮންމެ ދުވަހަކު ބައްދަލުވާ ކުއްޖަކާއި އެކުވެރިވެ އެއް ދުވަހު ގެއަށް ވެއްދީމެވެ. ސިޓިންގރޫމްގައި ބައިންދާފައި ގޮސް 2 މީހުންނަށް ކޮފީ ގިރާލައިގެން އައިސް ކޮފީ ބޯން ބުނީމާ ވަޤުތު ނެތްކަމަށް ބުނެ އުޅުނީ އަވަހަށް ދާށެވެ. 
އެވަޤުތު ފިރިމީހާ ގެއަށްވަނުމުން އެކުވެރިޔާ ތަޢާރްފަކޮށްދިނީމެވެ. ފިރިމީހާވެސް އެދުނީ ކޮފީތަށިބޯލައިގެން ދިއުމަށެވެ. ފިރިމީހާއަށްވެސް ކޮފީތަށްޓެއް ގިރާލައިގެން އައުމުން ޝަކުވާކުރީ އަޅުގަނޑު ފިރިމީހާގެ ފޯނު ނުނަގާތީއެވެ. ފިރިމީހާ ބުނީ ގަޑިއެއްހާއިރު ކުރިން 2،3 ފަހަރު ގުޅިން ކަމަށެވެ. 
އެއިރު އަޅުގަނޑު އިންނާނީ ސައިކަލުގައެވެ. އެހެންވެ ގަޑި ޗެކްކޮށްލަން ފޯނު ބަލައިލަންވެގެން ދަބަސްހުޅުވިއިރަކު ފޯނެއް ނެތެވެ. އަނެއްކާ ދަބަހުން ބޭރު ކޮންމެވެސް ތަނެއްގައި ފޯނު ބޭއްވުނީތޯ ޗެކްކޮށްލަން ފޯނަށް ގުޅާލަން ފިރިމީހާގެ ގާތުގައި ބުނީމާ ގުޅާލުމުން ރިންގވާންފެށީ އެކުވެރިޔާގެ އަތްދަބަހުންނެވެ. 
އައިރުޅީގައި ދަބަސް އަތުލައި ބެލިއިރު ފޯނުއޮތީ އޭނާގެ ދަބަހުގައެވެ. ދެން ބަލައިލެވުނީ ގެއަށް އަންނަމުން އޭޓީއެމުން ނެގި ފައިސާކޮޅު ދަބަހުގައި ހުރިތޯއެވެ. ބަލިއިރު އެ 2000 ރުފިޔާވެސް ނެތެވެ. އެފައިސާވެސް އެކުވެރިޔާގެ ދަބަހުން ފެނުނެވެ. 
ބުނެވުނެވެ. "ކަލޭ ފުލުހުންނާ ޙަވާލުކުރާނީއެވެ. ގެއަށް އަލަށް ވެއްދިތާ 3 މިނިޓްތެރޭގައި ބިރެއްނެތި ވައްކަންކުރީމާ ދޫކޮށެއް ނުލެވޭނެއެވެ." ފިރިމީހާ ބުނީ އެކަމުން ކުރާނެ ފައިދާއެއް ނެތްކަމަށާއި ފައިދާކުރާނީ ރަނގަޅަށް ގޮތް ނުއެނގޭ މީހުންނާއިއެކުވެރިނުވުމުންނާއި ޚާއްޞަކޮށް ގެއަށް ނުވެއްދީމައި ކަމަށެވެ. އަންހެން ކުދިންގެ ތެރޭގައިވެސް ވައްކަންކުރާ ކުދިން މަދުނޫން ކަމަށެވެ. 
އެެހެންވެ މިހާރު އެކަމަށް ސަމާލުކަންދެމެވެ. ގޮތް ނުއެނގޭ އެކަކުވެސް ގެއަކަށް ނުވައްދަމެވެ. މިވާހަކަކޮޅު ހާމަމިކުރީ މިފަދަ ކަންކަމަށް އެންމެންވެސް ހޭލުންތެރިކުރުވުމުގެ ގޮތުންނެވެ.
 
- މިއަދުނުހުގެ ކިޔުންތެރިއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ