އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓު ދިރާސާކުރުމަށް އެކުލަވާލި ކޮމިޓީގެ މުގައްރިރަކަށް އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް އިންތިހާބުކޮށްފި އެވެ.
ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި ހިމެނެނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި އިގުތިސޯދީ ކޮމިޓީގައި ހިމެނޭ 22 މެންބަރުންނެވެ. މިއަދު ބޭއްވި ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވީ އޭގެތެރެއިން 18 މެންބަރެކެވެ.
މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ ސަލީމް، ބަޖެޓު ކޮމިޓީގެ މުގައްރިރުކަމަށް ހޮވީ މެންބަރުންގެ އިއްތިފާގުންނެވެ. ބަޖެޓު ކޮމިޓީގެ ނައިބު މުގައްރިރަކަށް އިންތިހާބުކުރި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދަކީ އިގުތިސޯދީ ކޮމިޓީގެ މުގައްރިރެވެ. އޭނާ އިންތިހާބު ކުރީ ވެސް މެންބަރުންގެ އިއްތިފާގުންނެވެ.
މުގައްރިރާއި ނައިބު ހޮވުމަށްފަހު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ނިންމީ މީގެ ކުރިން ވެސް ބަޖެޓުގެ ކަންކަން ކުރިއަށް ގެންދާ އުސޫލުން މިފަހަރުގެ ކޮމިޓީ މަރުހަލާ ވެސް ކުރިއަށް ގެންދިއުމަށެވެ. ބަޖެޓު ދިރާސާކޮށް ނިންމާނެ ތާރީހެއް ކަމުގައި ކަނޑައަޅާފައިވަނީ ނޮވެމްބަރު 19، ގަ އެވެ.
ބަޖެޓު ދިރާސާކުރުމުގެ މަސައްކަތުގެ ތެރެއިން ފިނޭންސް މިނިސްޓަރާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަދި އޮޑިޓާ ޖެނެރަލް އޮފީހުގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކުރާނެ އެވެ.
އެމްއެމްއޭ ގަވަރަނަރު އަހުމަދު މުނައްވަރު ހާޒިރު ވެވޭނެ ކަމަށް އަންގާފައިވަނީ ނޮވެމްބަރު 15، ގަ އެވެ. އޮޑިޓާ ޖެނެރަލް އަލީ ނިޔާޒީ އަށް ހާޒިރުވެވޭނެ ތާރީހެއް ކަމަށް އަންގާފައިވަނީ އަންނަ އާދިއްތަ ދުވަހެވެ. ނަމަވެސް، ކޮމިޓީން ބޭނުންވާ ދުވަހެއްގައި ހާޒިރުވުމަށް އަންގާނެ ކަމަށް މުގައްރިރު ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅީ 64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެކެވެ. ފިނޭންސުން ލަފާކުރާ ގޮތުގައި އަންނަ އަހަރު 43 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ އެވެ. އަދި ހަރަދަކީ 57 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން އަންނަ އަހަރު ހަރަދުތައް ފޫބައްދަން 14 ބިލިއަން ރުފިޔާ ހޯދަން ޖެހޭނެ އެވެ.
ބަޖެޓުގެ 62 ޕަސެންޓަކީ ރިކަރަންޓު ހަރަދެވެ. ރިކަރަންޓު ހަރަދުގެ ގޮތުގައި ޖުމްލަ ބަޖެޓުގެ 39.9 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށްވެ އެވެ. މީގެ ތެރޭގައި މި ފަހުން ރައީސް މުހައްމަދު މުއިއްޒު ބޮޑުކުރަން ނިންމި މުވައްޒަފުންގެ މުސާރަ ހިމެނޭ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުގައްރިރަކަށް ސަލީމް، ނައިބަކަށް ފަޒާދު ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުގައްރިރަކަށް ސަލީމް، ނައިބަކަށް ފަޒާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ