ޓިކްޓޮކް ލައިވަކުން ޔާމްބެއަށް 200،000ރ. ގެ އެހީ

"މިސްޓަ މޯލްޑިވްސް" ގެ ޓައިޓްލް އެތައް ފަހަރެއްގެ މަތިން ހާސިލުކޮށްފައިވާ މުހައްމަދު ޔާމީން (ޔާމްބެ) ގެ ދެ ކިޑްނީ ފެއިލްވެ، އާންމުންގެ އެހީއަށް އެދުމާއި ގުޅިގެން ޓިކްޓޮކްގައި ރޭ ކުރިއަށްގެންދިޔަ ލައިވެއްގައި ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހޯދައިފި އެވެ.
މިދިޔަ އަހަރުގެ "މިސްޓަ މޯލްޑިވްސް" މުބާރާތް ކާމިޔާބުރި ޔާމްބެގެ ކިޑްނީ ފެއިލްވެ، ބަލީގެ އެންމެ ފަހު ސްޓޭޖުގައި ހުރިކަން އެނގުނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ.
ޔާމްބެއަށް އެހީވާން ރޭ ޓިކްޓޮކްގައި ކުރިއަށްގެންދިޔަ ލައިވް ގައި ވަނީ 210،308.28ރ. އަދި 1،382 ޑޮލަރު ހޯދައިފަ އެވެ.
ޔާމްބެގެ ފަރުވާ އަށް، ގިނަ އަދަދެއްގެ ފައިސާ ބޭނުންވާނެތީ އޭނާގެ އުފަން ރަށް ށ. ފުނަދޫގައި ވެސް ފަންޑްރެއިޒިން ހަރަކާތެއް ވަނީ ފަށައިފަ އެވެ.
ޔާންބެ އަށް އެހީވުމަށް:
* އެކައުންޓު ނަންބަރު: 7770000138064، ރުފިޔާ
* އެކައުންޓު ނަންބަރު: 7730000569416، ޑޮލަރު
ޔާމްބެ އަށް އެންމެ ފުރަތަމަ "މިސްޓަ މޯލްޑިވްސް" ގެ ޓައިޓްލް ލިބުނީ 2017 ގަ އެވެ. އޭގެ ފަހުން 2021، 2022، ގެ އިތުރުން މިދިޔަ އަހަރު ވެސް އެ ޓައިޓްލް ހާސިލުކުރި އެވެ.
އޭނާ އަކީ ބައިނަލްއަގްވާމީ ބޮޑީބިލްޑިން މުބާރާތްތަކުގައި ވެސް ރާއްޖެ ތަމްސީލުކޮށްފައިވާ ފަރާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ