ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ވަގުންގެ ބޮޑު ގޭންގެއްގެ ގޮތުގައި ސިފަކުރައްވައި، އެމްޑީޕީގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައިއިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އަބްދުﷲ ސޯދިގު (ސޯބެ) ގެ ކެމްޕޭނު ނިންމުމަށް ރޭ ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޣަފޫރު ވިދާޅުވީ މި ސަރުކާރަށް ފާއިތުވި ތިން އަހަރުގެ ތެރޭގައި އެއްވެސް ސަރުކާރަކަށް ނުދޭ މިންވަރަށް ފައިސާ ދެވިފައިވާ ކަމަށެވެ.
މި ސަރުކާރަށް 170 ބިލިއަން ރުފިޔާ ދީފައިވާއިރު، ރައްޔިތުންނަށް ފައިދާހުރި އެއްވެސް ކަމެއް ކުރެވިފައި ނުވާ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ. ނަމަވެސް ތާރީހުގައި ވެސް އެއްވެސް ސަރުކާރަކުން ނުއުފައްދާ މިންވަރަށް މި ސަރުކާރުން ވަނީ ދަރަނި ވެސް އުފައްދާފަ އެވެ. އެގޮތުން ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެކަނިވެސް 43 ބިލިއަން ރުފިޔާގެ ދަރަނި އުފައްދާފައިވާ ކަމަށާއި، ނަމަވެސް ގައުމަށް ލިބުނު ކުރިއެރުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ސިނގިރޭޓުގެ ޑިއުޓީ ބޮޑުކޮށްގެން ވައްކަން ކުރުމުގެ ސަބަބުން ކަސްޓަމްސްއަށް ދެ ބިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް ވެސް ޣަފޫރު ތުހުމަތުކުރެއްވި އެވެ.
ސަރުކާރުގެ ތެރޭގައި ހިނގަމުންދާ ކަމަށް ބުނާ ކޮރަޕްޝަނުގެ ބައެއް މިސާލުތައް ދައްކަވަމުން ޣަފޫރު ވިދާޅުވީ، ސަރުކާރަށް ނޭނގި ދެ ތެޔޮ ބޯޓު ރާއްޖޭގެ ސަރަހައްދުގައި ހަތް ދުވަސް ވަންދެން އޮތް ކަމަށެވެ.
އެ ބޯޓުތައް ފަހުން ބެލިއިރު އޭގައި އެއްވެސް އެއްޗެއް ނެތް ކަމަށާއި، އެއީ އޮމާނުން ރާއްޖެއަށް "ފެހިކަހަން" އައި ބޯޓުތަކެއް ކަމަށް ބުނެ އޮޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު، ކަސްޓަމްސް އާއި އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުރި 40 ފޫޓުގެ ދެ ކޮންޓޭނަރުގެ ސިނގިރޭޓަށް ވީގޮތެއް ނޭނގި ގެއްލިފައިވާ ކަމަށް ވެސް ޣަފޫރު ވިދާޅުވިއެވެ.
"މިތަނުގައި ސަރުކާރެއް އެބަ އޮތްތޯ. މިއީ ވަގުންގެ ބޮޑު ގޭންގެއް މިތާ މިއޮތީ. މުޅި ދައުލަތުގެ ރައްޔިތުންގެ ފައިސާ ވަގަށް ނޮޅައި ކައި ހުސްކުރަމުން މި މީހުން މިދަނީ. މަރުވާނެކަން ވެސް މިމީހުން ހިތަށް ނާރައޭ،" އޭނާ ވިދާޅުވި އެވެ.
"ކޮންފަދަ ހަޔާތްކުޑަ ގޮތެއް ނެތް ވިޔާނުދާ ބައެއް މި ގައުމުގެ ވެރިކަމަށް އައިސްގެން މިއުޅެނީ."
ޣަފޫރު ވިދާޅުވީ މަރުވާނެ ކަމާއި ﷲ ގެ ކޯފާއަށް ބިރެއް ނެތި ރައްޔިތުންގެ ފައިސާއިން ވައްކަން ކުރަމުންދާ ކަމަށާއި، މިކަމަށް ޖަވާބުދާރީވާން ޖެހޭނެ ދުވަހެއް އަންނާނެ ކަމަށެވެ. އަދި ސަރުކާރުގެ އިސްވެރިންނަކީ ލަދުހަޔާތުގެ ކަންފުޅެއް ނެތް، ބުއްދި ފިލާގޮސްފައިވާ ބައެއްގެ ގޮތުގައި ވެސް ޣަފޫރު ސިފަކުރެއްވި އެވެ.
އައްޑޫ ސިޓީގެ ރައްޔިތުންނާ މުޚާތަބު ކުރައްވައި ޣަފޫރު އެދިވަޑައިގަތީ، ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރައްވާ ސޯބެ ހޮވައިދިނުމަށެވެ.
އޭނާ ވިދާޅުވީ މި ސަރުކާރު ބަލިކޮށް ކުޑަކަކޫ ޖެއްސުމަކީ ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ ކަމެއް ކަމަށެވެ. ގައުމުގެ ހާލަތު އޮތީ "ކަރުތާފެނުގައި" ކަމަށާއި، އާސަންދަ އާއި ތެޔޮ ނުލިބި ރައްޔިތުން ހާލުގައި އުޅެމުންދާއިރު، ސަރުކާރުން 170 ބިލިއަން ރުފިޔާ ކައި ހުސްކޮށްލާފައިވާ ކަމަށް ވިދާޅުވެ ޣަފޫރު ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފަ އެވެ.
މި ސަރުކާރަކީ ވަގުންގެ ބޮޑު ގޭންގެއް، ކައި ހުސްކޮށް ދަރަނިވެރިކޮށްފި: ޣަފޫރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ