މިއަހަރު ޙައްޖުގެ އަޅުކަމަށް އައި ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓްގެ ޙައްޖުވެރިން އަޅުކަމަށްފަހު ދިވެހިރާއްޖެއަށް ފުރައިފިއެވެ. ޙައްޖުވެރިންނަށް ރާއްޖެ ދެވޭނީ މިރޭގެ ވަގުތެއްގައެވެ.
ދިވެހިރާއްޖެއިން މިއަހަރު ޙައްޖަށް އައި ފަރާތްތަކުން މައްކާއަށް އައީ މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފަށައިގެންނެވެ. 4 ތާރީޚެއްގައި ޖުމުލަ 4 ފްލައިޓް ވަނީ ބާއްވާފައެވެ. ދިވެހިން މިފަހަރު މައްކާއަށް ދަތުރުކުރީ ސައުދިއާ އަދި މޯލްޑިވިއަން އެއަރލައިންގެ ފްލައިޓްގައެވެ. ޙައްޖުގެ އަޅުކަމަށް އައިސް، ކޮންމެ ފްރޫޕަކުންވެސް ފުރަތަމަ ޢުމްރާ އަދާކުރިއެވެ.
ޙައްޖުގެ އަޅުކަމަށް މަޝާއިރުގައި މިއަހަރު ޙައްޖުވެރިން ތިބީ، މޭ މަހުގެ 24 ވަނަ ދުވަހުން ފަށައިގެން، 29ވަނަ ދުވަހުގެ ނިޔަލަށެވެ. މިއަހަރުގެ ޙައްޖު ދުވަހަކީ މޭ މަހުގެ 26ވަނަ ދުވަހުއެވެ. ޙައްޖުގެ މާތް ދުވަހު، އިރުއޮއްސުމާއި ހަމައަށް ޙައްޖުވެރިން އަރަފާތުގެ މާތް ބިމުގައި އަޅުކަމާއި ދުޢާ ކުރުމުގައި ވަގުތު ހޭދަކުރިއެވެ.
އެނބުރި މިނާއަށް ދިޔައީ، މުޒްދަލިފާގައި ވަގުތުކޮޅެއް ހޭދަކުރުމަށްފަހު، ޢީދު ދުވަހުގެ ފަތިހަށެވެ. އަދި އެދުވަހު ހެނދުނު ބޮޑު ޖަމުރާއަށް ހިލަ އުކާ، ފުރަތަމަ ތަޙައްލުލު ނުވަތަ އިޙްރާމް ކެނޑިއެވެ.
ޙައްޖުގެ މަޝާޢިރަށް ފަހު، ޙައްޖުވެރިން އެނބުރި މައްކާ ހޮޓަލަށް ދިޔައީ، އައްޔާމުއްތަޝްރީޤްގެ ދެވަނަ ދުވަހު، 3 ޖަމުރާއަށް ހިލަ އުކުމަށްފަހު ފައިމަގުގައެވެ. އެއީ ޖަމުރާއިން މައްކާ ހޮޓަލަށް ފައިމަގުގައި ދެ ގަޑިއިރާ 30 މިނެޓުގެ ވަގުތެވެ.
މައްކާގައި އިތުރު 3 ދުވަސް މަޑުކުރުމަށްފަހު ޙައްޖުވެރިންގެ މަދީނާ ދަތުރުތައް މިހާރު މިވަނީ ފަށާފައެވެ. މަދީނާގައި ޙައްޖުވެރިންގެ ކޮންމެ ގްރޫޕަކުންވެސް 2 ދުވަހުގެ މުއްދަތައް މަޑުކުރެއެވެ.
މަދީނާގައި ރައުޟާއަށް ޒިޔާރަތްކުރުމާއި، ޤުބާ އަދި އުހުދުގެ މައިދާނަށް ޒިޔާރަތްކުރެއެވެ. އަދި ކަދުރު ބާޒާރަށްވެސް ޒިޔާރަތްކުރެއެވެ. ޙައްޖުގެ މަތިވެރި ދަތުރަށްފަހު މިހާރު މިވަނީ އަޅުގަނޑުމެންގެ ދިވެހި ޙާޖީން ދިވެހިރާއްޖެއަށް ފުރަން ފަށާފައެވެ.
ޙައްޖުގެ އަޅުކަމަށްފަހު ޙައްޖުވެރިން ފުރަން ފަށާފައިވަނީ ހިތްހަމަޖެހުމާއެކުގައެވެ. އަޅުކަމުގެ ކަންކަމާއި އަދި ތިބުމުގެ އެންމެހާ އިންތިޒާމްތައްވެސް ވަރަށް ރަނގަޅަށް ކުރިއަށްދިޔަކަން ފާހަގަކުރިއެވެ.
"ޙައްޖު ފުރިހަމަކުރެވުނީތީ ވަރަށް އުފާކުރަން. ނަމަވެސް މި ބިމުން ދާންޖެހުމުގެ ހިތްދަތިކަން ލިބޭ. އުއްމީދަކީ އަދި މިފަދަ ފުރުޞަތެއް ލިބުން. އެންމެހާ ޚިދުމަތްތަކާއި އިންތިޒާމްތައް ވަރަށް ފުރިހަމަ." ޙައްޖުވެރިން ފާހަގަކުރިއެވެ.
ޙައްޖުވެރިން 4 ދުވަހުގެ ފްލައިޓުން ރާއްޖެއަށް ދަތުރުކުރާނެއެވެ. ދެން ބާކީ ފްލައިޓްތައް ފުރާނީ އާދިއްތަ ހޯމަ އަދި އަންގާރަ ދުވަހުއެވެ. އެންމެ ފަހު ފްލައިޓް އޮންނާނީ މިމަހުގެ 9އެއްވާ އަންގާރަ ދުވަހުއެވެ.
ފުރަތަމަ ފްލައިޓްގެ ޙައްޖުވެރިން ރާއްޖެއަށް ފުރައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ