އެތައް އަހަރެއްގެ އިންތިޒާރަށް ފަހު، ދުނިޔޭގެ އެންމެ ބޮޑު އެއް އޮންލައިން ޕޭމަންޓް ޕްލެޓްފޯމް ކަމަށްވާ ޕޭޕަލްގެ ހިދުމަތް އުރީދޫން ރަސްމީކޮށް މިއަދު ރާއްޖެއަށް ތައާރަފުކޮށްފި އެވެ.
ބާސެލޯ ނަސަންދުރާގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މި ހިދުމަތް ރާއްޖެއަށް ތައާރަފުކޮށްފައިވާއިރު، މި އިވެންޓުގައި ޕޭޕަލްގެ ރީޖަނަލް ވައިސް ޕްރެޒިޑެންޓް އެންޑް ޖެނެރަލް މެނޭޖަރު އާމިރް ވަލިއާނީ ބައިވެރިވެ ވަޑައިގަތެވެ.
ރާއްޖެއަށް ޕޭޕަލްގެ ވިތުޑްރޯވަލް (ފައިސާ ނެގޭނެ) ހިދުމަތް ހޯދުމަށް މި ސަރުކާރުން އެންމެ ފުރަތަމަ ރަސްމީކޮށް މަސައްކަތް ފެށީ ޖޫން 6، 2014 ގައެވެ. އެއީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ޕޭޕަލްގެ ސީއީއޯ އެލެކްސް ކުރިސްއަށް ފޮނުވި ސިޓީއަކާ އެކުގަ އެވެ.
އޭގެ ފަހުން، އެމެރިކާއަށް ކުރި ދަތުރެއްގައި އެ ގައުމުގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް ރިޗަަޑް ވަރްމާގެ އެހީތެރިކަމާ އެކު ޕޭޕަލްގެ އިސް ވެރިންނާ ބައްދަލުކޮށް، ދިވެހި ސަރުކާރުން ރަސްމީ ޕްރޮޕޯޒަލް ހުށަހެޅި އެވެ. އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ އޯގަސްޓް 2024 ގައި ޕޭޕަލްގެ ގްލޯބަލް ލީޑަޝިޕް ޓީމާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރައްވައިފަ އެވެ.
މި މަސައްކަތުގެ ތެރެއިން ޕޭޕަލްއިން ރާއްޖޭގެ ލޯކަލް ޕާޓްނަރެއްގެ ގޮތުގައި ކަނޑައެޅީ އުރީދޫ މޯލްޑިވްސް އެވެ. ނަމަވެސް، އެންޓި-މަނީ ލޯންޑްރިން (އޭއެމްއެލް) ކޮމްޕްލަޔަންސްގެ ބައެއް މިންގަނޑުތައް ހަމަަނުވުމުގެ ސަބަބުން 2025 ވަނަ އަހަރުގެ އޮގަސްޓް މަހު ހިދުމަތް ފެށުން ލަސްވި އެވެ. އުރީދޫ މޯލްޑިވްސްއިން އެ ކުންފުނީގެ އޭއެމްއެލް ޕްރޮގްރާމް އިތުރަށް ވަރުގަދަކޮށް، ޕޭޕަލްއިން ބޭނުންވި ހުރިހާ ބަދަލުތަކެއް ގެނެސް ނިންމީ މި އަހަރުގެ ކުރީކޮޅު އެވެ.
މި މަސައްކަތްތައް ފުރިހަމަވުމާ އެކު، މިއަހަރުގެ މޭ މަހުގެ ތެރޭގައި ސިސްޓަމް ޓެސްޓުކުރުމުގެ މަސައްކަތް ފަށައި، ހިދުމަތް ލޯންޗުކުރާނީ މިއަދު ކަމަށް އޮތީ ތާވަލްކޮށްފަ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އުރީދޫ އަށް އިންވާޑް ރެމިޓެންސް ލައިސަންސް ވެސް ރަސްމީކޮށް ހަވާލުކޮށްފަ އެވެ.
މި އަހަރުގެ ރިޔާސީ ބަޔާނުގައި ވެސް ރައީސް ވަނީ ޕޭޕަލް ރާއްޖެއަށް ގެނައުމަށް ސަރުކާރުން ދޭ ސަމާލުކަން ތަކުރާރުކުރައްވައިފަ އެވެ.
މި ހިދުމަތް ތައާރަފުވުމާ އެކު، ރާއްޖޭގައި ތިބެގެން އޮންލައިންކޮށް މަސައްކަތްކުރާ ފްރީލާންސަރުންނަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭރުގައުމުތަކުން ފަސޭހަކަމާ އެކު ފައިސާ ލިބޭނެ މަގު ތަނަވަސްވާނެ އެވެ. މިއީ ރާއްޖޭގެ ޑިޖިޓަލް އިގްތިސާދާއި ކްރިއޭޓިވް އިގްތިސާދު ކުރިއެރުވުމަށް އެޅުނު ވަރަށް މުހިންމު ފާލަމެއްގެ ގޮތުގައި އުރީދޫން ފާހަގަކުރެ އެވެ.
ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ