އޮސްޓްރޭލިއާއިން ހަދިޔާކުރި ނޭވީ މަނަވަރު ރާއްޖެ ގެނެސްފި

ދިވެހި އަސްކަރިއްޔާގެ ތާރީޚުގައި ކަނޑުމަގުން ކުރި އެންމެ ދިގު ދަތުރަށްފަހު، އޮސްޓްރޭލިއާއިން ހިލޭ އެހީގެ ދަށުން ރާއްޖެއަށް ހަދިޔާކުރި ނޭވީ މަނަވަރު، މިއަދު ރާއްޖެ ގެނެސްފިއެވެ. މި އުޅަނދު އޮސްޓްރޭލިއާގެ ޕާތުން ފުރައިގެން، ހުޅުމާލޭ ބަނދަރަށް މިއަދު އައުމުން، ރަސްމީކޮށް މަރުޙަބާ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން، އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނާ، ޑޭވިޑް ޖެސަޕްއެވެ. މި އުޅަނދު، ހުޅުމާލޭ ބަނދަރަށް ވަނީ ކަނޑުމަތީގެ އާދަކާދަތަކާ އެއްގޮތަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ސެރެމޯނިއަލް އެސްކޯޓާ އެކުއެވެ. އަދި، ހުޅުމާލެ ބަނދަރަށް ވަނުމުން ވޯޓާ ސެލިއުޓެއް ވަނީ އަރުވާފައެވެ. މި އުޅަނދު ހުޅުމާލޭގައި ކޯސްޓްގާޑް ޝިޕްތައް އޮންނަ ސަރަހައްދުގައި ބަނދަރުކުރުމުން ޗީފް އޮފް ޑިފެންސް ފޯސް ޙިލްމީއާއި ހައިކޮމިޝަނާ، ޑޭވިޑް ޖެސަޕް ވަނީ މަރުޙަބާ ދަންނަވާ އުޅަނދު ބައްލަވާލައްވާފައެވެ. މި އުޅަނދަކީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ މުޙައްމަދު މުޢިއްޒު، ދިވެހި އަސްކަރިއްޔާގެ ދިފާއީ ވަސީލަތްތައް ވަރުގަދަކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އޮސްޓްރޭލިއާ ސަރުކާރާ އެކު ކުރެއްވި މަސައްކަތްޕުޅުން ހޯއްދަވައިދެއްވި އުޅަނދެއް ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ދެގުނަކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުރިހަމައަށް ބެލެހެއްޓޭނެ ފަދަ ބާރަކަށް އެމްއެންޑީއެފް ހެއްދެވުމަކީ ރައީސްގެ ވައުދުފުޅެކެވެ. އެމްއެންޑީއެފްއިން ބުނިގޮތުގައި އޮސްޓްރޭލިއާ އާއި ދިވެހިރާއްޖެއާ ދެމެދުގައި އޮތް ވަރުގަދަ ބަދަހި ގުޅުމުގެ ރަމްޒެއްގެ ގޮތުގައި އޮސްޓްރޭލިއާގެ ޑިފެންސް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން ހަދިޔާކޮށްފައިވާ މިއުޅަނދަކީ، އޮސްޓްރޭލިއާގެ ޕާތުގެ ހެންޑަސަން ޝިޕްޔާޑުގައި، އޮސްޓަލް ލިމިޓެޑުން ބަނދެފައިވާ މުޅިން އައު އުޅަނދެކެވެ. މި އުޅަނދު ރާއްޖެއަށް އައުމުގެ ކުރިން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަޅުވެރިން ވަނީ އޮސްޓްރޭލިއާގައި މި އުޅަނދު އޮޕަރޭޓްކުރާނެ ގޮތުގެ ޚާއްޞަ ތަމްރީނުތަކާއި ފެމިލިއަރައިޒޭޝަން ޓްރަޔަލްސްތައް ފުރިހަމަކޮށްފައެވެ. މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކަމިޝަންކޮށް ރަސްމީކޮށް ޚިދުމަތަށް ނެރުމަށް ހަމަޖެހިފައިވާ މިއުޅަނދުގެ ސަބަބުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމާއި، ކަނޑުމަތީގައި ހިންގާ ޣައިރުޤާނޫނީ ޢަމަލުތައް ހުއްޓުވުމާއި، ކަނޑުމަތީގައި ދިމާވާ ޙާދިސާތަކުގައި މީހުން ހޯދުމާއި ސަލާމަތްކުރުމުގެ ޤާބިލުކަން މިހާރަށް ވުރެ އިތުރުވެގެންދާނެ ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެއެވެ. އަދި މިއީ ސަރަޙައްދީ ސަލާމަތާއި ހަމަޖެހުމަށް ދިވެހިރާއްޖެއިން އަދާކުރާ ދައުރަށް ވެސް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. މިދިޔަ އަހަރުގެ ތެރޭގައި ތުރުކީއިން ވެސް ވަނީ ރާއްޖެއަށް އަސްކަރީ މަނަވަރެއް ހަދިޔާކޮށްފައެވެ. އޭގެ އިތުރުން ރާއްޖޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ޑްރޯންތަކެއް ވެސް ތުރުކީއިން ގަނެ, ވަނީ ރާއްޖެ ގެނެސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ