އޮސްޓްރޭލިއާ ސަރުކާރުން ހަދިޔާކުރި މަނަވަރު ރާއްޖެއަށް މިއަދު ގެނެސްފި އެވެ.
ވީ ކިހިނެއް؟ - މި އުޅަނދަކީ، ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ދެގުނަކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުރިހަމައަށް ބެލެހެއްޓޭނެ ފަދަ ބާރަކަށް އެމްއެންޑީއެފް ހެއްދުވުމަށް އެމަނިކުފާނުވެފައިވާ ވައުދުފުޅުގެ ދަށުން، އޮސްޓްރޭލިއާ ސަރުކާރާ އެކު ކުރެއްވި މަސައްކަތްޕުޅުން ހޯއްދަވައިދެއްވި އުޅަނދެއް ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
ރާއްޖެއާއި ދެމެދުގައި އޮތް ވަރުގަދަ ބަދަހި ގުޅުމުގެ ރަމްޒެއްގެ ގޮތުގައި އޮސްޓްރޭލިއާގެ ޑިފެންސް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން ހަދިޔާކޮށްފައިވާ މިއުޅަނދަކީ، އޮސްޓްރޭލިއާގެ ޕާތުގެ ހެންޑަސަން ޝިޕްޔާޑުގައި، އޮސްޓަލް ލިމިޓެޑުން ބަނދެފައިވާ މުޅިން އާ އުޅަނދެއް ކަމަށް ވެސް ބުންޏެވެ.
ތަފްސީލް - މި އުޅަނދު އޮސްޓްރޭލިއާގެ ޕާތުން ފުރައިގެން، ހުޅުމާލޭ ބަނދަރަށް މިއަދު އައުމުން، ރަސްމީކޮށް މަރުހަބާ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީގެ އިތުރުން، އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު، ޑޭވިޑް ޖެސަޕް އެވެ.
އެމްއެންޑީއެފް ކޯސްޓްގާޑުގެ ސެރެމޯނިއަލް އެސްކޯޓާ އެކު މި އުޅަނދު ހުޅުމާލެ ބަނދަރަށް ވަނުމާއެކު ވޯޓާ ސެލިއުޓެއް ވަނީ އަރުވާފަ އެވެ. އެމްއެންޑީއެފްއިން ބުނީ، އެ އުޅަނދު މިއަދު ރާއްޖެ އައީ ދިވެހި އަސްކަރިއްޔާގެ ތާރީހުގައި ކަނޑުމަގުން ކުރި އެންމެ ދިގު ދަތުރަށްފަހު ކަމަށެވެ.
މި އުޅަނދު ރާއްޖެއަށް އައުމުގެ ކުރިން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަޅުވެރިން ވަނީ އޮސްޓްރޭލިއާގައި މި އުޅަނދު އޮޕަރޭޓްކުރާނެ ގޮތުގެ ހާއްސަ ތަމްރީނުތަކާއި ފެމިލިއަރައިޒޭޝަން ޓްރަޔަލްސްތައް ފުރިހަމަކޮށްފަ އެވެ.
އެމްއެންޑީއެފް އިން ބުނިގޮތުގައި މި އުޅަނދާއެކު:
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން މިހާރަށްވުރެ އިތުރުވެގެންދާނެ
ކަނޑުމަތީގައި ހިންގާ ގައިރުގާނޫނީ އަމަލުތައް ހުއްޓުވުމުގެ ގާބިލުކަން މިހާރަށްވުރެ އިތުރުވެގެންދާނެ
ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި މީހުން ހޯދުމާއި ސަލާމަތްކުރުމުގެ ގާބިލުކަން މިހާރަށް ވުރެ އިތުރުވެގެންދާނެ
މިއީ ސަރަހައްދީ ސަލާމަތާއި ހަމަޖެހުމަށް ރާއްޖެއިން އަދާކުރާ ދައުރަށް ވެސް ލިބިގެންދާނެ ވަރަށްބޮޑު ކުރިއެރުމެއް
މި އުޅަނދަށް މަރުހަބާ ދެންނެވުމަށް މިއަދު ހެނދުނު ހުޅުމާލޭ ބަަނދަރު ސަރަހައްދުގައި އޮތް މި ހަރަކާތުގައި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ކޯސްޓްގާޑުގެ އޮފިސަރުންނާއި ސެއިލަރުންގެ އިތުރުން އުޅަނދުގެ ފަޅުވެރިންގެ އާއިލާތަކުގެ މެންބަރުން ބައިވެރިވި އެވެ.
އޮސްޓްރޭލިއާ އިން ހަދިޔާކުރި މަނަވަރު ރާއްޖެއަށް ގެނެސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ