އުރީދޫގެ އެމް-ފައިސާ ވޮލެޓުގެ ތެރެއިން ޕޭޕަލް ރާއްޖެއަށް ތައާރަފުކޮށްފި

އުރީދޫގެ ޑިޖިޓަލް ވޮލެޓު 'އެމް-ފައިސާ' ގެ ތެރެއިން، ޕޭޕަލްގެ ހިދުމަތް ލިބޭ ގޮތަށް، އެ ހިދުމަތް ރާއްޖެއަށް ރަސްމީކޮށް މިއަދު ތައާރަފުކޮށްފި އެވެ.
ބާސެލޯ ނަސަންދުރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް ތައާރަފުކުރިއިރު، އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ ވެރިންނާއި އުރީދުގެ ވެރިން ބައިވެރިވެވަޑައިގަތެވެ.
އުރީދުން ބުނި ގޮތުގައި މި ހިދުމަތް ތައާރަފުކުރުމާއެކީ ދިވެހި ވިޔަފާރިތަކަށް ބޭރު ގައުމުތަކުގައި ތިބޭ ކަސްޓަމަރުންނަށް މުދަލާއި ހިދުމަތް ވިއްކައިގެން، ފައިސާ ބަލައިގަނެވޭނެ އެވެ. 
ޕޭޕަލް ތައާރަފު ކުރުމުން ދިވެހިންނަށް އޮތީ ބޭރުގެ ބާޒާރުގައި ދިވެހިންގެ އުފެއްދުންތައް ވިއްކުމުގެ އުފާވެރިކާމާއި ނަފާވެރިކަން އެކަންޏެއް ނޫން. އޮންލައިންކޮށް މަސައްކަތްކޮށްގެން އާމްދަނީއެއް ހޯދަން ބޭނުންވެފައި ތިބި ފްރީލާންސަރުންނަށް ވެސް މި ލިބެނީ ފުރުސަތުގެ މައްޗަށް ފުރުސަތު.
މީގެ ކުރިން އުރީދޫން ބުނެފައިވާ ގޮތުގައި ބޭރުން ފޮނުވާ ފައިސާ އެމް-ފައިސާގެ ތެރޭގައި އިންނަ ޕޭޕަލް ވޮލެޓަށް ޖަމާވުމުން، އެ ފައިސާ އެމް-ފައިސާގެ ޑޮލަރު ވޮލެއްޓަށް ފޮނުވޭނެ އެވެ. މި ޑޮލަރު ވޮލެޓުގައި ހުންނަ ފައިސާ ބީއެމްއެލް އާއި އެމްއައިބީ ފަދަ ލޯކަލް ބޭންކުތަކަށް ފޮނުވައިގެން ނަގުދު ފައިސާގެ ގޮތުގައި ނެގޭނެ އެވެ. 
ގިނަ އަހަރުތަކެއްގެ އިންތިޒާރަކަށް ފަހު ޕޭޕަލް ތައާރަފުވެގެންދާއިރު، މިއީ ފްރީލާންސަރުންނާއި އަމިއްލައަށް ތަކެތި އުފައްދައިގެން ވިއްކާ މީހުންނާއި، އެހެން ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ވެސް ގިނަ ފުރުސަތުތަކެއް ހުޅުވިގެން ދާނެ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ