ދައުރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނިންމައި ވައުދު ފުއްދޭނެ: ރައީސް

މި ސަރުކާރުގެ ދައުރު ނިމުމުގެ ކުރިން ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އިއުލާނުކޮށް، ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ އެންމެ ބޮޑު ވައުދުފުޅަކީ ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށާއި، އެ މަސައްކަތް ކުރިއަށް ގެންދަވަނީ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކަމަށެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި އެއްވެސް ނުފޫޒެއް ނެތި، ދެފުށް ފެންނަ ގޮތަކަށް ކަންކަން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ކުރީގެ ސަރުކާރުތަކުގައި ނުފޫޒުގެ ތެރެއިން ކަންކަން ހިނގާފައިވާ ކަމުގެ ޝަކުވާތައް ހުރި ނަމަވެސް، މި ސަރުކާރުގައި ވަކި މީހަކަށް ވީތީ ނުވަތަ ސިޔާސީ ނުފޫޒަކުން ފްލެޓު ނުލިބޭނެ ކަމުގެ ކަށަވަރުކަން އެމަނިކުފާނު ދެއްވިއެވެ.
 ”އިރާދަކުރެއްވިއްޔާ މި ސަރުކާރުން ދޭ އެއްވެސް ބޯހިޔާވަހިކަމަކީ ވަކި މީހެއްގެ މީހަކަށް ވީތީ ލިބޭ އެއްޗަކަށް ވެގެންނުވާނެ،“ ރައީސް ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެތަނުގެ 60 އިންސައްތަ ބިން މިހާރު ހިއްކާ ނިމިފައިވާ ކަމަށެވެ. ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން މަސައްކަތަށް ކުޑަ މަޑުޖެހުމެއް އައި ނަމަވެސް، މިހާރު އަލުން މަސައްކަތް ފަށާފައިވާ ކަމަށާއި، އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ބިން ހިއްކާ ނިންމާލުން ކަމަށް ވިދާޅުވިއެވެ. ހަރަދު ކުޑަކުރުމުގެ ގޮތުން މިހާރު ބޭނުންކުރަނީ ދެ ޑްރެޖަރު ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހައުސިންގ މިނިސްޓްރީން މިހާރު ވަނީ ބޯހިޔާވަހިކަމުގެ ސްކީމަށް ހުށަހަޅާފައިވާ ފޯމުތަކުގެ ކްރޮސް ވެރިފިކޭޝަންގެ މަސައްކަތް ޖޫން 22 އިން ފެށިގެން ކުރިއަށް ގެންދަން ފަށާފައެވެ. މި މަރުހަލާގައި ސަރުކާރުގެ އެކި އިދާރާތަކުގައި ހުރި މައުލޫމާތުތަކަށް ބަލައި، ފޯމު ހުށަހެޅި ފަރާތްތަކުގެ ޝަރުތު ހަމަވޭތޯ ކަށަވަރު ކުރާނެއެވެ.
”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ޖުމްލަ 58,505 ފޯމު ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހެޅި 35,930 ފޯމާއި، ގޯއްޗަށް އެދި ހުށަހެޅި 22,575 ފޯމެވެ. މިއީ މި ސަރުކާރުން ބޯހިޔާވަހިކަމަށް ހުޅުވާލި ދެވަނަ ފުރުސަތު ކަމަށްވާއިރު، މިއީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ފޯމު ހުށަހެޅި ފަހަރުކަން ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ