ބޮޑު ތިން ބައްޔަށް ފަހު ނަޝީދު އަނެއްކާވެސް އެމްޑީޕީގެ ރަސްކަމަށް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެ މަނިކުފާނު ތާއީދުކުރެއްވި ކެންޑިޑޭޓުންނާ ވާދަކޮށް ބޮޑު ތިން އިންތިޚާބަކުން ބަލިވުމަށް ފަހު، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަނެއްކާވެސް އެ ޕާޓީގެ ކޮންޓްރޯލް ހޯއްދަވައިފިއެވެ. ޗެއާޕާސަން އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކޮށް، ނަޝީދު އަލުން ޕާޓީގެ އެންމެ އިސް ބާރުވެރިކަން ހޯއްދަވާފައި މިވަނީ، ރައީސް ޞާލިޙުގެ ފެކްޝަނާ ވާދަކުރައްވައި ވިދިވިދިގެން ތިން ނާކާމިޔާބީއަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައި ވަނިކޮށެވެ. https://sun.mv/223260 މިގޮތުން އެންމެ ފުރަތަމަ ކުރިމަތިވި ބައްޔަކީ ޞާލިހުގެ ވެރިކަމުގައި ފައްޔާޒް އިސްމާޢީލާއި އިމްތިޔާޒް ފަހުމީ (އިންތި) ވާދަކުރެއްވި އިންތިޚާބެވެ. އެ އިންތިޚާބުން އިންތި ވަނީ ބަލިވެވަޑައިގެންފައެވެ. އޭގެ ފަހުން، 2023 ގެ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގައި ޞާލިޙާ ސީދާ ވާދަކުރައްވައި ނަޝީދަށް ވަނީ ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފައެވެ. އެހާ ހިސާބުން ނަޝީދު އެމްޑީޕީ ދޫކުރައްވައި، ދަ ޑިމޮކްރެޓިކްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް ހެއްދެވިއެވެ. އަލުން އެމްޑީޕީއަށް ވަޑައިގަތީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓުންނަށް ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުން ލިބުނު ނާކާމިޔާބީއަށް ފަހުގައެވެ. މީގެ އިތުރުން، މިއަހަރު މާލޭގެ މޭޔަރު ހޮވުމަށް އެމްޑީޕީގެ ޓިކެޓް ދިނުމަށް އާދަމް އާޒިމް އަދި ޢަލީ އާޒިމް ވާދަކުރެއްވި އިންތިޚާބުގައި ވެސް ނަޝީދުގެ ފެކްޝަނަށް ވަނީ ނާކާމިޔާބުވެފައެވެ. އެ އިންތިޚާބުގައި ކާމިޔާބު ހޯއްދެވީ އާދަމް އާޒިމްއެވެ. މި ސިލްސިލާ ނާކާމިޔާބީތަކަށް ފަހު، ނަޝީދު އަނެއްކާވެސް އެމްޑީޕީގެ "ރަސްކަން" ނުވަތަ ލީޑަރޝިޕްގެ އެންމެ އިސް ދައުރެއް ހޯއްދަވާފައިވާކަން މިހާރު ވަނީ ހާމަވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ