ތިން އަހަރުގެ އާ މަޝްރޫއުތަކައް 2.5 ބަޖެޓެއް

ކުރިއަށް އޮތް ތިން އަހަރުގެ އާ މަޝްރޫއުތަކަށް 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، އަންނަ އަހަރުގެ ބަޖެޓު އެކުލަވާލުމަށްޓަކައި "ނިއު ޕޮލިސީ އިނީޝިއޭޓިވް" ގެ ދަށުން ވަކި ވަކި މިނިސްޓްރީތަކުން ބަޖެޓުގައި ހިމަނަން ބޭނުންވާ އާ ކަންކަން ކަނޑައެޅުމަށް ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.
އެ މިނިސްޓްރީން އާންމުކުރި ސާކިއުލާއެއްގައިވާ ގޮތުން 2027-2029 ވަނަ އަހަރުގެ ޕްރޮގްރާމް ބަޖެޓުގައި ހިމަނަން ބެނުންވާ އާ ކަންކަން އަންނަ އޮގަސްޓް މަހުގެ 18 ގެ ކުރިން ބަނޑޭރި ޕޯޑަލް މެދުވެރިކޮށް ހުށަހަޅަން ޖެހެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، ބަޖެޓުގައި ހިމަނާ އާ ކަންކަން ވާން ޖެހޭނީ ސަރުކާރުގެ މެނިފެސްޓޯ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުތަކަށް ބިނާކޮށް ކަމަށެވެ. އަދި ގާނޫނަކުން ނުވަތަ އެއްބަސްވުމަކުން އެކަމެއް ކުރުމަށް ލާޒިމް ކުރާ ކަންކަން ވެސް އާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭނެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، ބަޖެޓުގައި ހިމަނާ އާ ކަންކަން މިނިްތީގެ ހަމަހަމަކަމާއި އިޖްތިމާއީ ބައިވެރިވުން ކުރިއެރުވުމަށް ގުޅުން ހުރި ދާއިރާތަކަށް ކުރާނެ އަސަރު ދެނެގަތުމަށްޓަކައި (ޖެންޑާ އިކުއިޓީ އެންޑް ސޯޝަލް އިންކްލޫޝަން) ބަޖެޓިންގެ ފެށުމަށް ނިންމާފައިވާ ކަމަށެވެ.
މޫސުމީ ބަދަލުތަކަށް އިސްކަންދޭ ބަޖެޓެއް އެކުލަވާލުމަށާއި އެކަމާ ގުޅުން ހުރި ހަރަދުތައް ދެނެގަތުމުގެ ގޮތުން ދައުލަތުގެ އިދާރާތަކުން ހުށަހަޅާ ކަމަކީ "ކްލައިމެޓް ރިލެވެންޓް" ޕްރޮޖެކްޓެއްކަން ސާފުކޮށް ބަޔާންކުރަން ވާނެ އެވެ.
ފިނޭންސް މިނިސްޓްރީން ވަނީ 2027-2029 ވަނަ އަހަރުގެ އާ މަޝްރޫއުތަކަށް 2.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފަ އެވެ. ވަކިވަކި މަޝްރޫއުތަކުގެ އެންމެ ބޮޑު އަގެއްގެ ގޮތުގައި 500 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ އުމްރާނީ މަޝްރޫއުތަކަށް ދެ ބިލިއަން ރުފިޔާގެ ސީލިންއެއް ބަޖެޓު ކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ