ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ހުރިހާ މަޖިލިސް މެމްބަރުންގެ ކުރިމަތީގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މާފައްނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު (އަސްމާއްތަ) ކިބައިން މައާފަށް އެދިވަޑައިގެންނެވި ކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި ޕީއެންސީގެ ޖަގަހަ ޖަލްސާގައި ސަލީމް ވިދާޅުވީ، ރައީސް ޑރ. މުއިއްޒު މި ފަހުން ޕާލިމެންޓަރީ ގްރޫޕުގެ ބޭފުޅުންނާ ވަކިވަކިން ބައްދަލުކުރައްވައި ކަންކަން ދިމާވި ގޮތުގެ ވާހަކަފުޅު ދައްކަވައި ކުރިއަށް އޮތްތަނުގައި މަސައްކަތްކުރަންވީ ގޮތް ވެސް ކިޔައިދެއްވި ކަމަށެވެ. އަދި ގޯހެއް ހެދިފައި އޮތިއްޔާ އެކަމަކަށް މައާފަށް ވެސް އެދިވަޑައިގެންނެވި ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.
އޭގެ އިތުރުން، ކަމެއް ގޯސްކޮށް ކުރެވުމުން އެކަމަށް މައާފަށް އެދުމަކީ މުހިންމު ސިފައެއްކަން އޭނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ރައީސް މުއިއްޒަކީ އެފަދަ ސިފަތައް ހުންނެވި ހުލްގު ރަނގަޅު ބޭފުޅެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.
އެގޮތުން، މިފަހުން މާފައްނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު (އަސްމާއްތަ)އާ މެދު ހިތްހަމަނުޖެހިގެން ޕާޓީ ތެރޭގައި ކަންތައްތަކެއް ހިނގައިދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، ޕާޓީގެ ހުރިހާ މަޖިލިސް މެމްބަރުން ތިބި ތަނެއްގައި ރައީސް ޑރ. މުއިއްޒު އަސްމާއްތަގެ ކިބައިން މައާފަށް އެދިވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ.
”އަސްމާއްތަ އާ ދޭތެރޭގައި ހިތްހަމަނުޖިގެން ކޮންމެވެސް ވަރަކަށް ޕާޓީ ތެރޭގައި ކަންތައްތަކެއް ހިނގި. ނަމަވެސް، ނިކަން ވިސްނާ ބައްލަވާ އެމަނިކުފާނު އެ ދުވަހު އަޅުގަނޑުމެން ޕާލިމެންޓު މެމްބަރުން އެންމެންގެ ކުރިމަތީގައި އަސްމާއްތަގެ ކިބައިން އެމަނިކުފާނު މައާފަށް އެދިވަޑައިގެންނެވިއޭ. މިހިރީ މީހުންގެ ހުލްގު ރަނގަޅުކަން،“ ސަލީމް ވިދާޅުވިއެވެ.
އަސްމާއްތައާ މެދު ޕާޓީ ތެރޭގައި ހިތްހަމަނުޖެހުން އުފެދުނީ އޭނާ ރައީސް ޑރ. މުއިއްޒަށް ފާޑުވިދާޅުވެ، ފޯނު ކޯލެއްގައި ދެއްކެވި ވާހަކަތަކެއް ލީކުވުމުންނެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުން ޕީއެންސީ ބަލިވެފައިވާއިރު، ޕީއެންސީގައި ވަކި ބަޔަކު ކަމެއް ނުކޮށްދީގެން ނުވަތަ ވަކި ބަޔަކު ނެތިގެން ނަސްރު ނުލިބި ނުހުންނާނެ ކަމަށާއި ނަސްރަކީ މާތްﷲ ދެއްވާ އެއްޗެއްކަން ވެސް ސަލީމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ދައުލަތުގެ ދަރަނީގެ މައްސަލައާ ގުޅޭގޮތުން ވެސް ސަލީމް ރޭ ވާހަކަ ދެއްކެވިއެވެ. އެގޮތުން 20 ބިލިއަނަށް ވުރެ ގިނަ ފައިސާ ކުރިއަށް އޮތް ދެ އަހަރާއި ބައިގެ ތެރޭގައި ދަރަންޏަށް ދައްކާނެ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ރައީސް މުއިއްޒުގެ ސަރުކާރުން ނެގި ދަރަނީގެ ތެރެއިން ބޮޑު ބައެއް ދައްކައި ނިމެނޭނެ ކަމަށް ވިދާޅުވިއެވެ.
މައްސަލައަކަށް ވެގެން އުޅެނީ ދަރަނި އުފައްދާ މީހުން ދަރަނި ނުދައްކާތީ ކަމަށާއި ދަރަނި އުފައްދާ މީހުން އެ މީހުން އުފައްދާ ދަރަނި ދައްކާނަމަ ދައުލަތުގެ ދަރަނި ބޮޑުވެގެނެއް ނުދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައީސް މުއިއްޒު ވެގެންދާނީ އެއްވެސް ހިދުމަތެއް ނުކެނޑި، ހުރިހާ ހިދުމަތެއް ދެމުން، މަޝްރޫއުތައް ކުރިއަށް ގެންދަމުން ދަރަނި ދެއްކި ރައީސަކަށް ކަމަށް ވިދާޅުވިއެވެ.
ޕީއެންސީގެ މަޖިލިސް މެމްބަރުން ކުރިމަތީގައި ރައީސް އަސްމާއްތަގެ ކިބައިން މައާފަށް އެދިވަޑައިގަތް: ސަލީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ