ވެރިރަށް މާލެ ސަރަހައްދު ނެގުމަށް ފަހު އެންމެ އާބާދީ ބޮޑީ އައްޑޫގަ އެވެ. މި ސަބަބަށް ޓަކައި އެކަނި ވެސް ސިޔާސީ ލީޑަރުންނަށް އައްޑޫ މުހިންމުވާން ޖެހެ އެވެ. ވޯޓަކާ ދިމާކޮށް އެކަން ވަރަށް ރަނގަޅަށް ފެނެ އެވެ. ވައުދު ފުންޏެކެވެ. ޖުމްލަ 35،000 މީހުންގެ ވަޒަނެއް ކަމަށްވާ، ރާއްޖޭގެ އެންމެ ދެކުނު ނުވަތަ އައްޑޫ އަކީ ސިޔާސީ އެންމެ ބޮޑު ކިއްލާ އެވެ. އައްޑުއަކީ އަބަދުވެސް ދިވެހި ސިޔާސީ މަސްރަހުގައި މުހިންމު ދައުރެއް އޮތް ތަނެކެވެ. ސިޔާސީތަނެކެވެ.
ދިވެހި ތާރީހަށް ބަލާއިރު 'ސްވަދީބް' ގެ ސަފުހާތަކުން އެ ކަން ފެނިގެންދެ އެވެ. ރާއްޖޭގެ އެންމެ ދެކުނުގެ ތިން އަތޮޅު މީހުން އެތެރެކުރާ މުދަލުން ބޮޑު ޓެކްސްއެއް ދިވެހި ސަރުކާރަށް ދައްކާ ގޮތަށް ގަވައިދެއް ހަދާ އިއުލާންކުރުމާއެކު، އައްޑު އަތޮޅު ހިތަދޫ އަބްދުﷲ އަފީފު އިސްވެ ހުންނަވައި ވަކި ދައުލަތެއް އުފެއްދުމުގެ މަސައްކަތަކީ ވެސް ސިޔާސީ ބޮޑު އިންގިލާބެކެވެ.
އެހެން ނަމަވެސް، އެ ވަކިވެގަތުމާއި ވޭތުވެދިޔަ އަހަރުތަކުން ވެސް ފެންނަ އެއް ހަގީގަތަކީ އައްޑޫގެ ރައްޔިތުން ކޮންމެހެން ބޭނުންވަނީ ވަކި ދައުލަތެއް ހެދުމެއް ނޫނެވެ. އެ މީހުން އެދެނީ އައްޑޫއަކީ މި ދިވެހި ދައުލަތުގެ މުހިންމު ބައެއް ގޮތުގައި ދެކުމެވެ. މާލެއާ ދުރު މި އަތޮޅުތަކަށް ވެސް ސަރުކާރުން އަޅައިލުމެވެ. އައްޑޫން ދައްކާ ސިޔާސީ ބުންވަރާއެކު، ތަރައްގީގެ ދުވެއްޔެއް ލިބުމެވެ. ހަގީގީ މާނައެއްގައި ރާއްޖެ ލާމަރުކަޒުކޮށް، އައްޑޫ ތަރައްގީކުރަން އައްޑޫގެ މީހުންނަށް ދޫކޮށްލުމެވެ. ވެރިރަށް މާލޭގައި ހިންގާ ސަރުކާރުގެ އަތްދަށުގައި އޮތް ބާރުތަކެއް އެ ސަރަހައްދުތަކަށް ވެސް ދީގެން ތަރައްގީކުރުމެވެ.
ފެހި ގާނޫނުއަސާސީ ހޯދަން އައްޑޫން ހިންގި ސިޔާސީ ހަރަކާތްތަކާއި ލާމަރުކަޒީ ބާބަކާއެކު ގާނޫނުއަސާސީއެއް ލިބުމުން ވެސް އައްޑޫ ތަރައްގީވުމުގައި ހުރި ގޮންޖެހުންތައް އެންމެ ކައިރިން ދެކޭނެ އެއް ބޭފުޅަކީ 10 އަހަރު އައްޑޫގެ މޭޔަރުކަން ކުރެއްވި އަބްދުﷲ ސޯދިގު (ސޯބެ) އެވެ. މޭޔަރުކަމަށްފަހު ވެސް ސޯދިގު ތިން އަހަރު ހުންނެވީ އައްޑޫގެ ތަރައްގީގެ މަސައްކަތްތައް ކަައިރިން ބެއްލެވޭނެ ގޮތަށެވެ. އައްޑޫގައި ހުންނަވައިގެން މަސައްކަތްކުރައްވާ ސްޓޭޓް މިނިސްޓަރެއް ގޮތުގައި މިދިޔަ ސަރުކާރުން އޭނާ ކަނޑައެޅުއްވި އެވެ. ސަރުކާރު ބަދަލުވެގެން ހިނގި ދެ އަހަރު ސޯދިގު ވެސް ދުރުގައި ހުންނެވުމަށްފަހު އަލުން ނުކުމެ އެ ހުންނެވީ ސިޔާސީ ބޮޑު މަސައްކަތަކަށެވެ. އައްޑޫގެ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑި ހުސްވުމުން، އެ ގޮނޑި ވާދަކުރައްވަން އެމްޑީޕީގެ ޓިކެޓަށް ނުކުންނެވީ ވެސް އޭނާ އެކަންޏެވެ.
'ދައުރު'ން ކޮންމެ ހުކުރު ދުވަހަކު ގެނެސްދޭ 'އެއްބަސްވެ ދެބަސްވަމާ' ވޮޑްކާސްޓްގައި މި ހުކުރު ދުވަހުގެ ހާއްސަ މެހެމާނަކީ ސޯދިގެވެ. މައުލޫއަކީ ސޯދިގު ވެސް ހިމެނޭ ގޮތަށް އައްޑޫން ސިޔާސީ ބުންވަރު ދައްކުވައިދިން އެ އަތޮޅު ތަރައްގީގެ ދުވެލީގައި މިހާ ފަހަތުގައި އުޅެނީ ކީއްވެގެން ކަމެވެ.
ގްރޭޑް ހަތެއް ފުރިހަމަކުރުމަށްފަހު ތައުލީމުގެ ފުރުސަތެއް އޭރު ލިބޭ ތަަންތަން ވަރަށް މަދެވެ. އައްޑޫން ވެސް ނެތެވެ. ސޯދިގު ވެސް އުމުރުގެ ވަކި ހިސާބަކުން ދިރިއުޅުން ބަދަލުކުރައްވަން ޖެހުނީ މާލެއަށެވެ. މާލޭން ކިޔަވައިވިދާޅުވެ، ރާއްޖޭން ބޭރުގައި މަތީ ތައުލީމު ހާސިލްކުރެއްވުމަށް ފަހު ސޯދިގު އަނބުރާ ވަޑައިގަތީ އޭނާގެ އުފަން ވަޒަން އައްޑޫއަށެވެ.
ގްރޭޑް ހަތަކުން މަތީގެ ގްރޭޑްތަައް އައްޑޫގައި ކިޔަވައިދެމުން ގެންދިޔައީ ސަދަން ސެކަންޑަރީ ސްކޫލް ނަމުގައި އޭރު ސަރުކާރުން ހިންގަމުންދިޔަ ސްކޫލުގަ އެވެ. މުޅި ދެކުނުގައި ވެސް އޭރު ހުންނާނީ މި ސްކޫލެވެ. އެކަމަކު ސްކޫލްގެ ޖާގަ، ގްރޭޑް ހަތެއް ފުރިހަމަކުރާ ހުރިހާ ދަރިވަރުން ކިޔަވަން ދެވޭ ވަރަށް ނެތެވެ. ދަރިވަރުން ތިބި އަދަދަކަށް އެ ސްކޫލް ނުތަކަ އެވެ. ސްކޫލްގެ ނަމާ އެއްވަރަށް ސްކޫލުން ލިބެން އޮތް ފުރުސަތު ނުފެތެ އެވެ.
ސޯދިގު ފާހަގަކުރެއްވި ގޮތުގައި، ކިޔަވަން މާލެއަށް ހިޖުރަކުރަން މަޖުބޫރުވާން ޖެހޭ އެންމެ ބޮޑު ސަބަބަކީ އެއީ އެވެ. ސޯދިގަށް ޖެހުނު ދަތުރު އައްޑޫގެ އޭރުގެ ޖީލަށް ވެސް ޖެހެން އޭނާ ބޭނުމެއް ނުވެ އެވެ. އެހެންވެ އެހެން ބައެއް ޓީޗަރުންނާއެކު އަމިއްލަ ސްކޫލެއް އޭރު ހިންގެވި އެވެ. 1996ވަނަ އަހަރުން ފެށިގެން 2008ވަނަ އަހަރާ ހަމައަށް ހިންގި އެ ސްކޫލްގައި 1000އަށްވުރެ ގިނަ ދަރިވަރުން ކިޔެވިކަން ސޯދިގު ފާހަގަކުރެއްވި އެވެ.
"އައްޑޫ، ފުވައްމުލައް، ހުވަދޫ އަތޮޅުގައި ވެސް އޭރު ހުރީ އެ ސްކޫލް އެކަނި. އުތުރުގައި އޭގެ އެއް ސްކޫލް، ދެކުނުގައި މި ސްކޫލް. ސަދަން ސެކަންޑަރީ ސްކޫލްގައި ވަރަށް ޖާގަ މަދު. އައްޑޫގެ އާބާދީން އެކަނި ވެސް %40 ކުދިން ބާކީވޭ، އެ ސްކޫލްގައި ޖާގަ ނެތިގެން،" ސޯދިގު ވިދާޅުވި އެވެ.
ކުނީގެ މައްސަލައާއި އައްޑޫގެ ތިމާވެށި ބެލެހެއްޓުމުގެ ކަންކަން ހުރި ގޮތުން ސޯދިގު ހިތަދޫގެ ރަށްކުރިއަރުވާ ކޮމިޓީ (ރާކާފު ކޮމިޓީ)އަށް ކުރިމަތިލެއްވި އެވެ. އެ ކޮމިޓީގައި މަސައްކަތްކުރެއްވުމުގެ އިތުރުން ޖަމިއްޔާއެއް ވެސް ހިންގެވި އެވެ. މި އިޖުތިމާއީ ހަރަކާތްތަކުގެ ތެރެއިން، ސިޔާސީ މަސައްކަތަށް ވެސް ނުކުންނެވި އެވެ.
އެއީ 2004ވަނަ އަހަރު އައްޑު އަތޮޅުގެ މެންބަރުކަމަށް މުހައްމަދު އަސްލަމް ނުކުންނެވުމުން، އޭނާގެ ކެމްޕެއިން ހަރަކާތްތަކުގައި ސޯދިގު ވަރަށް އިސްކޮށް އުޅުއްވި އެވެ. 2005ވަނަ އަހަރު އެމްޑީޕީ ވުޖޫދުވުމާއެކު، ލާމަރުކަޒީ ބާބު ހިމެނޭ ގާނޫނުއަސާސީއެއް ހޯދުމަށް އެ ޕާޓީން ހިންގި ހަރަކާތްތައް އައްޑޫގައި ހިންގުމުގައި އެންމެ އިސްކޮށް ހުންނެވީ ސޯދިގެވެ.
"އަޅުގަނޑަށް ފެނުނީ އަޅުގަނޑުމެން މި ތިބި ލެވެލްއަށްވުރެ އެހެން ލެވެލްއަކަށް ދާން ޖެެހެއޭ ރަށްރަށުގެ ކަންކަން. ހަމައެކަނި އަޅުގަނޑުމެންގެ ރަށެއްގައެއް ވެސް ނޫން. ހަމައެކަނި އަޅުގަނޑުމެންގެ އަތޮޅުގައެއް ވެސް ނޫން. މުޅި ރާއްޖޭގެ އެހެން ރަށްރަށުގެ ހާލަތު ވެސް ހުރީ އެ ލެވެލްގައޭ،" ސޯދިގު ވިދާޅުވި އެވެ.
ޒަމާނީ ލާމަރުކަޒީ ނިޒާމު އައިސް ބޭއްވި ފުރަތަމަ ކައުންސިލް އިންތިހާބުގައި އައްޑޫގެ ކައުންސިލަރަށް ސޯދިގު އިންތިހާބުވެ، ކައުންސިލަރުންގެ ވޯޓުން މޭޔަރަކަށް ވެސް ވީ ސޯދިގެވެ. 2011ވަނަ އަހަރު އައްޑޫގެ މެޖޯރިޓީ ކައުންސިލް އެމްޑީޕީއަށް ލިބުނުއިރު، އޭރު އޮތީ އެމްޑީޕީގެ ފުރަތަމަ ސަރުކާރެވެ.
ސޯދިގު މޭޔަރުކަމާ ހަވާލުވެވަޑައިގެންނެވިތާ މާ ގިނަ ދުވަސްތަކެއް ނުވެ އައްޑޫގައި ދެކުނު އޭޝިއާ ސަރަހައްދު (ސާކް) ސަމިޓް ބޭއްވިގެން ދިޔަ އެވެ. އެ ސަމިޓާއެކު، ސިޓީ ކައުންސިލާއި އޭރުގެ އެމްޑީޕީ ސަރުކާރާ ގުޅިގެން އައްޑޫގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށް ސޯދިގު ގަބޫލުކުރައްވަ އެވެ.
"ސާކް ސަމިޓަށް ގެނެވުނު ތަރައްގީއެއް ގެނެވުނީ. ނަރުދަމާގެ މަސައްކަތް ފެށުނު. ބޯފެނުގެ ނިޒާމު ފެށުނު. އިންޖީނުގެ އެ ވަގުތަށް ރަނގަޅު. ބައެއް ބޮޑެތި މަގުތައް ހެދުނު. ބަނދަރުތަކެއް ވެސް ހެނދުނު،" ސޯދިގު ވިދާޅުވި އެވެ.
އޭގެ ފަހުން 2012ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ބަދަލުވެ، ދެން އައި ސަރުކާރުތަކުގައި ތަރައްގީގެ މާ ގިނަ މަސައްކަތްތަކެއް ނުހިނގާ ކަމަށް ސޯދިގު ވިދާޅުވި އެވެ. އަދި ކައުންސިލްތަކަށް ލިބެން ޖެހޭ ބާރުތައް ވެސް މައި ސަރުކާރުން އަތުލުމުން، ކުރެވެން އޮތްހާ ވެސް ކަމަކަށްވީ ވަކާލާތުކުރުމާއި ހިތްހަމަނުޖެހުން ފާޅުކުރުން ކަމަށް ވިދާޅުވި އެވެ.
"އެ ގެނައި ބަދަލުގެ ސަބަބުން ކައުންސިލްތަކަށް އެއްވެސް މަސައްކަތެއް ކުރެވޭނެ ފުރުސަތެއް ނުލިބޭ. ކައުންސިލްތަކުގެ މަސައްކަތް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާއޭ، އެ ލެވެލްއަށް ލާމަރުކަޒީ ގާނޫނު ގެންދިޔައީ،" ސޯދިގު ވިދާޅުވި އެވެ.
ސޯދިގުގެ ތަޖުރިބާއިން ދެން ކިޔައިދެއްވީ އައްޑޫ އަދި ރާއްޖޭގެ އެހެން ސަރަހައްދުތައް ވެސް ތަރައްގީކުރުމުގައި ދިމާވި، އަދި ދިމާވަމުންދާ ކަމަށް އޭނާއަށް ފެނިވަޑައިގެންނެވި ގޮންޖެހުންތަކެވެ.
މައިގަނޑު ކަމަކަށް ސޯދިގަށް ފެނިވަޑައިގަތީ މަރުކަޒީ ސަރުކާރުގެ ގޮތް ދޫނުކުރުމެވެ. ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް އެ ރަށެއް ނުވަތަ ސިޓީއެއްގެ ޕްލޭން ހެދުމަށް ލާޒިމުކޮށްފައި އޮވެ އެވެ. އެކަމަކު ކައުންސިލަކުން ޕްލޭނެއް ހެދުމުން، އެ ކަމަށް ސަރުކާރުން އިހުތިރާމެއް ނުކުރެ އެވެ. ސަރުކާރުގެ ވައުދުތައް ހާސިލްކުރެވޭ ވަރަށް ވުރެ ބިޔަވެފައި، މާލޭގެ ސަރަހައްދު ދަނީ ދުވަހުން ދުވަހަށް ބޮޑުވަމުންެވެ.
"މި ގާނޫނުއަސާސީ ލިބުނު ފަހުން ވެސް މާލެ، މާލެ ކިޔާފައި ބިންތައް ހިއްކަމުން ގޮސް ރަސްމާލެ ހަދާ ހިސާބުގައި. މާލެ ސިޓީ ކައުންސިލެއްގެ ކޮން ޕްލޭނެއްގައިތޯ ރަސްމާލެ އޮތީ؟" ސޯދިގު ވިދާޅުވި އެވެ.
އައްޑޫގައި އެޅި ފްލެޓްތަަކަކަށް އެތައް ހާސް މީހުން ކުރިމަތިލިކަން ފާހަގަކުރައްވަމުން ސޯދިގު ވިދާޅުވީ އެއިން ވެސް ފެންނަ ކަމަކީ އައްޑޫގައި މީހުން ދިރިއުޅެން ބޭނުންވާ ކަމަވެ. އެކަމަކު އޭރުގެ ޕީޕީއެމް ސަރުކާރުން ކުރި ކަމަކީ 200 ހައުސިން ޔުނިޓް އެޅުމަށްފަހު، ކުރިން ޕްލޭންކުރި ދެން ހުރި ފްލެޓްތައް ހުޅުމާލެ ބަދަލުކުރުން ކަމަށް ސޯދިގު ވިދާޅުވި އެވެ.
އައްޑޫ ފަދަ އަދި ކުރިއެރުންތައް ނެތް އަތޮޅެއްގައި އިންވެސްޓަރުން އިންވެސްޓްކުރުމަށް ހިތްވަރު ލިބޭނެ، އެ ކަމަށް ފަހިވާނެ ސިޔާސަތުތަކެއް ކަނޑައަޅަން ޖެހޭ ކަމަށް ސޯދިގު ވިދާޅުވި އެވެ. މިދިޔަ ސަރުކާރުން ކުރި މަސައްކަތުން ބިމުގެ ކުލި އެންމެ ކުޑަ އަތޮޅަކަށް އައްޑޫ ހަމަޖެހި، ބައެއް މަސައްކަތްތައް އޭރު ކުރެވުނު ކަން ވެސް ސޯދިގު ފާހަގަކުރެއްވި އެވެ.
އެހެން ނަމަވެސް އައްޑޫގައި އިގުތިސޯދެއް ހިންގުމަށް ޓަކައި އެ ކަމަށް ފަހިވާނެ އިތުރު ސިޔާސަތުތައް އަންނަން ޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. މަޖިލީހުން އެ ކަމަށް ފަހިވާނެ ގޮތަށް ގާނޫނުތައް ބަދަލުކުރަން ޖެހޭ ކަމަށް ވެސް ސޯދިގު ވިދާޅުވި އެވެ.
އޭނާގެ މޭޔަރުކަމުގައާއި މިހާރު އޮތް ސިޓީ ކައުންސިލުން ގެސްޓްހައުސް ވިޔަފާރިއަށާއި ޓޫރިޒަމަށް ދޫކުރާ ބިންތައް ވެސް ތަރައްގީކުރުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އިންވެސްޓަރުންނަށް އެ ޔަގީންކަން ނެތުން ކަމަށެވެ.
"އެނދު ނެތީމައޭ ފްލައިޓްތައް ނާންނަނީ. ސީދާ ފްލައިޓްތައް އައްޑޫއަށް ނުޖައްސާތީއޭ. މި ގޮތަށް މި ކަންކަން ދިގުލައިގެން މި ދަނީ. އިންވެސްޓަރުންނަށް ކޮންފިޑެންސް ދެވޭނެ ކަންކަން ހޯދައިގެން އެ ކަންކަން ކުރަންވީ،" ސޯދިގު ވިދާޅުވި އެވެ.
ވޮޑްކާސްޓްގައި އައްޑޫގެ ވާހަކަ ދެކެވެމުން ގޮސް، އެންމެ ފަހަށް ދެކެވުނީ މުޅި ދެކުނުގެ ވާހަކަ އެވެ. އައްޑުއާއި ފުވައްމުލައް އަދި ހުވަދު އަތޮޅު އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށްގެން އެކަތިގަނޑެއްގެ ގޮތުގައި ތަރައްގީ ކުރުމެވެ. މިއީ މީގެ ކުރީގައި، ސޯދިގު ވެސް ވަރަށް ގިނައިން ދައްކަވާފައިވާ ވާހަކަ އެވެ.
މީގެ ކުރިން ދެކުނުގެ މި ތިން އަތޮޅުގެ ކައުންސިލަރުން ބައިވެރިވާ 'ދެކުނު މަހާސިންތާ' އެއް ވެސް ބާއްވާނެ އެވެ.
ސޯދިގު ވޮޑްކާސްޓްގައި ވާހަަކަ ދައްކަވަމުން ވިދާޅުވީ އެ މަހާސިންތާގެ އެއް ބޭނުމަކީ ތިން އަތޮޅު ތަރައްގީކުރުމުގައި ހުރި ގޮންޖެހުންތަކާއި ދިމާވާ މައްސަލަތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމެވެ. އަނެއް ބޭނުމަކީ މި ކަންކަން ހައްލުކޮށް ރަނގަޅު ކުރުމަށް ޓަކައި ތިން އަތޮޅު އެކަތިގަނޑެއްގެ ގޮތުގައި ކުރެވޭނެ ކަންކަން ހޯދުމާއި އެ ކަންކަމަށް މަސައްކަތްކުރުމެވެ.
ތިން އަތޮޅުގެ ވަސީލަތްތައް އެކުވުމުން މާ ވަރުގަދަ ހަބަކަށްވާ ކަމަށް ސޯދިގު ގަބޫލުކުރައްވަ އެވެ. އެހެންކަމުން ދެކުނު މަހާސިންތާ އަލުން ގަވާއިދުން ބާއްވަންޖެހޭ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"މުޅި ސަރަހައްދުގެ އަތޮޅުތައް އެކުގައި މަސައްކަތްކުރަން ޖެހޭ. ރިސޯސަސް ޝެއާކުރަން ޖެހޭ ގޮތަށް (ވަސީލަތްތަކުގެ ބޭނުން ބެހޭ ގޮތަށް) ތަރައްގީ ފަހިކުރުމަކީ މުޅި ދައުލަތަށް ވެސް އެންމެ ރަނގަޅު، އެންމެ ލުއި ގޮތް،" ސޯދިގު ވިދާޅުވި އެވެ.
އެއްބަސްވެ ދެބަސްވަމާ: ސިޔާސީ ބޮޑު ކިއްލާ އައްޑޫ، ތަރައްގީ ނުވީ ކީއްވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ