އިނގިރޭސިވިލާތާއެކު އަސްކަރީ ގުޅުން ބަދަހި ކުރަން ރާއްޖޭގެ ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު މަޝްވަރާ ކުރައްވައިފި އެވެ.
ޑިފެންސް މިނިސްޓަރު ރަޝީދު އެ މަޝްވަރާތައް ކުރެއްވީ އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ނިކް ލޯއާއެކު ވެރި ރަށް މާލޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ.
ޑިފެންސް މިނިސްޓްރީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އަސްކަރީ ގޮތުން ގުޅުން ބަދަހި ކުރުމުގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ފުޅާކުރަން ވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކުރި ކަމަށެވެ.
"ރާއްޖޭގެ އަސްކަރީ ގާބިލްކަން އިތުރުކުރަން އިނގިރޭސިވިލާތުން ދެމުންގެންދާ އެހީތެރިކަމަށް ބައްދަލުވުމުގައި މިނިސްޓަރު، ސަފީރަށް ޝުކުރު އަދާ ކުރެއްވި،" ޑިފެންސް މިނިސްޓްރީ އިން ބުނެފައިވެ އެވެ.
އެމެރިކާއާއެކު އަސްކަރީ ގުޅުން ބަދަހި ކުރަން ވެސް މިދިޔަ ހަފުތާގައި ދިވެހިރާއްޖެއިން ވަނީ މަޝްވަރާކޮށްފަ އެވެ. އެ މަޝްވަރާތައް ކުރިއަށްގެންދިޔައީ ރާއްޖެއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަ އެމްބެސެޑަރު އަބްދުލް ގަފޫރު މޫސާ އަދި އެމެރިކާގެ މޮންޓާނާ ސްޓޭޓްގެ ނޭޝަނަލް ގާޑްގެ އާ އެޖުޓަންޓް ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ޓްރެންޓް ގިބްސަން އެ ގައުމުގައި ބޭއްވި ބައްދަލުވުމެއްގަ އެވެ.
އެމެރިކާގައި ހުންނަ ރާއްޖޭގެ އެމްބަސީއިން ބުނީ މަޝްވަރާ ކުރެވުނީ ރާއްޖެ އާއި މޮންޓާނާ ސްޓޭޓްއާ ދެމެދު އެކުލަވާލާފައިވާ ސްޓޭޓް ޕާޓްނާޝިޕް ޕްރޮގްރާމް އިތުރަށް ފުޅާކޮށް، ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ މެދު ކަމަށެވެ.
ސްޓޭޓް ޕާޓްނާޝިޕް ޕްރޮގްރާމްގައި ރާއްޖެއިން ބައިވެރިވީ 2022 ވަނަ އަހަރު އެވެ. މިއީ އެމެރިކާގެ ސްޓޭޓްތަކުގެ ނޭޝަނަލް ގާޑުންގެ ތަޖުރިބާގެ އަލީގައި ގައުމުތަކަށް ތަމްރީން ހިންގުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އިނގިރޭސިވިލާތާއެކު އަސްކަރީ ގުޅުން ބަދަހި ކުރަން ރާއްޖެއިން މަޝްވަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ