ގަތަރުގެ އެންމެ ބޮޑު ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ޕްރޮސެސިން ފެސިލިޓީ ކަމަށްވާ ރަސް ލައްފާން އިންޑަސްޓްރިއަލް ސިޓީގައި ބާރުގަދަ ގޮވުމެއް ގޮވައި، މަދުވެގެން 13 މީހުން މަރުވެ ގިނަ ބަޔަކަށް އެކިވަރުގެ އަނިޔާތައް ވެއްޖެއެވެ.
މި ހާދިސާއާ ގުޅިގެން ގަތަރުގެ އެނާޖީ މިނިސްޓަރު ސާދު އަލް ކައާބީ ވިދާޅުވީ، މިއީ އެއްވެސް ކަހަލަ ބޭރުގެ ހަމަލާއެއް ނުވަތަ ބައެއްގެ ނުބައި ނިޔަތެއް އޮވެގެން ދިން ނިރުބަވެރި ހަމަލާއެއް ނޫން ކަމަށެވެ. އަދި މި ގޮވުމުގެ ސަބަބުން ގަތަރުން ބޭރު ގައުމުތަކަށް އެކްސްޕޯޓް ކުރާ ގޭހުގެ ސަޕްލައިއަށް އެއްވެސް ބުރޫއެއް ނާރާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ވަނީ ދެއްވާފައެވެ.
މި ހާދިސާ ހިނގާފައިވަނީ މަރާމާތުގެ ބޮޑު މަސައްކަތަކަށްފަހު، ކާރުޚާނާގެ މަސައްކަތްތައް އަލުން ފެށުމަށް މުވައްޒަފުން އުޅުމުގެ ތެރޭގައެވެ. މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މަރާމާތަށް ބަންދުކޮށްފައި އޮތް މި ފެސިލިޓީ އަލުން ހުޅުވައި، އޮޕަރޭޝަންތައް ފަށާފައިވަނީ ހާދިސާ ހިނގުމުގެ އެންމެ ދެ ދުވަސް ކުރިންނެވެ.
ގަތަރުގެ ރަސްމީ ފަރާތްތަކުން ހާމަކުރި ގޮތުގައި، މި ހާދިސާގައި މަރުވި އެންމެންނަކީ ވެސް އެ ކާރުޚާނާގައި މަސައްކަތް ކުރަމުންދިޔަ އިންޑިއާ އާއި ޕާކިސްތާނަށް ނިސްބަތްވާ ރައްޔިތުންނެވެ. ނަމަވެސް، މި ހާދިސާގައި އަނިޔާވި މީހުންގެ ސީދާ އަދަދާއި އެމީހުންގެ ހާލަތުގެ އިތުރު ތަފްސީލެއް ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.
ދުނިޔޭގެ އެލްއެންޖީ ސަޕްލައިގެ ފަސް ބައިކުޅަ އެއްބައި އުފައްދާ ރަސް ލައްފާން އިންޑަސްޓްރިއަލް ސިޓީއަކީ ދުނިޔޭގެ އެންމެ ބޮޑު އެލްއެންޖީ އެކްސްޕޯޓް ކޮމްޕްލެކްސްއެވެ. މި ފެސިލިޓީގެ އެކިއެކި ބައިތަކަށް، ކިހާ ވަރެއްގެ ގެއްލުމެއް ލިބުނުކަން ކާރުޚާނާ ހިންގާ ގަތަރު އެނާޖީން ސީދާ ހާމަނުކުރި ނަމަވެސް، ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް މިހާރު ވަނީ ރަސްމީ ތަހުގީގެއް ފަށާފައެވެ.
މި ފެސިލިޓީއަށް މިދިޔަ މާރިޗު މަހުގެ ތެރޭގައި އީރާނުން ދިން މިސައިލް އަދި ޑްރޯން ހަމަލާތަކެއްގައި ބޮޑެތި ގެއްލުންތަކެއް ލިބި، ގޭސް އުފެއްދުމުގެ މަސައްކަތްތައް މެދުކަނޑާލަން ޖެހުނެވެ.
އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ގަލްފުގެ އެހެން ގައުމުތަކެކޭ އެއްފަދައިން ގަތަރަށް ވެސް މިފަދަ ނުރައްކާތަކާ ކުރިމަތިލާން ޖެހިފައިވާއިރު، މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މި ކާރުޚާނާ ބަންދުކޮށްފައި އޮތީ ބޮޑެތި މަރާމާތުތަކެއް ކުރުމަށެވެ.
ގަތަރުގެ ގޭސް ކާރުޚާނާއެއްގައި ބާރުގަދަ ގޮވުމެއް ގޮވައި 13 މީހުން މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ