ސަންޓަ ކްލާރާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 23) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު އަލްޖީރިއާ އިން ފަހަތުން އަރައި 2-1 އިން ޖޯޑަން ބަލިކޮށްފި އެވެ.
ގްރޫޕް ޖޭގައި ކުުޅުނު ފުރަތަމަ މެޗުތަކުން ޖޯޑަން އާއި އަލްޖީރިއާ ވެސް ވަނީ ބަލިވެފަ އެވެ. އާޖެންޓީނާ އަތުން 3-0 އިން އަލްޖީރިއާ ބަލިވިއިރު، އޮސްޓްރިއާ އަތުން ޖޯޑަން ބަލިވީ 3-1 އިންނެވެ.
އެހެންކަމުން، މިއަދުގެ މެޗަށް ނުކުތްއިރު، އަލްޖީރިއާ އާއި ޖޯޑަން އަށް ވެސް އޮތީ މުބާރާތުގައި ކުރިއަށްދިއުމަށްޓަކައި މޮޅެއް ހޯދަން މަޖޫބޫރުވެފަ އެވެ. މި މެޗުން ބަލިވުމާ އެކު، މުޅިން އަލަށް މި ފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރި ޖޯޑަން ވަނީ ކަޓައިފަ އެވެ. އަދި، އަލްޖީރިއާ އަށް ވަނީ ގަދަ 32 ޓީމުގެ ބުރުން ފުރުސަތު ހޯދުމުގެ އުންމީދު އާ ވެފަ އެވެ.
ގްރޫޕް ޖޭގެ އެއް ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން، އާޖެންޓީނާ އޮތީ ދެ މެޗުން ހަަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އޮސްޓްރިއާ އަށް ދެ މެޗުން ތިން ޕޮއިންޓް އަދި ތިން ވަނައިގައި އޮތް އަލްޖީރިއާ އަށް ވެސް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވެ އެވެ. ޖޯޑަން އަށް ދެ މެޗުން ވެސް ބަލިވުމުން ޕޮއިންޓެއް ލިބިފައިނުވެ އެވެ.
ސެން ފްރަންސިސްކޯ ސްޓޭޑިއަމްގައި ކުޅުނު މިއަދުގެ މެޗުގައި، އަލްޖީރިއާ ކައިރިން ޖޯޑަން ވަނީ ފުރަތަމަ ހާފުގައި ލީޑުކޮށްފަ އެވެ. އެ ގޮތުން، އަލްޖީރިއާގެ ނިޒާރު އަލް ރަޝްދާން ވަނީ 36 ވަނަ މިނިޓްގައި ލަނޑު ޖަހައިފަ އެވެ. ޖޯޑަންގެ ތަރި، މޫސާ އަލް ތަމާރީ ދިން ބޯޅައަކުން ރަޝްދާން ޖެހި ލަނޑާ އެކު، ޖޯޑަން އިން ފުރަތަމަ ހާފު ނިންމާލީ ކުރީގައި އޮވެ އެވެ. އެކަމަކު، އަލްޖީރިއާ އިން ވަނީ މެޗުގެ ދެ ވަަނަ ހާފުގައި ކުޅެން އަރައި، ފަހު ވިއްސަކަށް މިނިޓް ތެރޭ ދެ ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ.
ތަފްސީލް އަންނަނީ...
އަލްޖީރިއާ އިން ފަހަތުން އަރައި ޖޯޑަން ބަލިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ