ކޯޗު ޓުޗެލްގެ ހަޅޭކަށް ފަރުވާލެއްނެތް، އިންގްލެންޑް ޓީމު އޮތީ ބަދަހިކޮށް: ސްޕެންސް

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ފަރިތަކުރުންތަކެއްގެ ތެރެއިން އިންގްލެންޑްގެ ކޯޗު ތޯމަސް ޓުޗެލް، އެ ޓީމުގެ ޑިފެންޑަރު ޖެޑް ސްޕެންސާ ދިމާލަށް ވަރަށް ބާރަށް ހަޅޭއްލަވައިގަންނަ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައިވީ ނަމަވެސް، އެކަމާ މެދު ކަންބޮޑުނުވާ ކަމަށް ސްޕެންސް ބުނެފިއެވެ. އިންގްލެންޑް ގައުމީ ޓީމުގެ ޕާސިން ޑްރިލްއެއްގެ ތެރެއިން ޓުޗެލް "ޖެޑް، ޖެޑް، ޖެޑް، ވޭކް އަޕް" ގޮވައި ހަޅޭއްލެވި ވީޑިއޯ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވަނީ ވައިރަލްވެފައެވެ. ޓޮޓްނަމް ހޮޓްސްޕާސްގެ ސްޕެންސް ބުނީ އެއީ އޭނާއަށް އަމާޒުކޮށް ކުރި ޒާތީ ފާޑުކިޔުމެއް ނޫން ކަމަށާއި، އެއީ ކޯޗު ބޭނުންވާ ކުޅުން ނުދެއްކޭތީ ވި ކަމެއް ކަމަށެވެ. އިންގްލެންޑް ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ސްޕެންސް އަދި ޓީމުގެ އެހެން ކުޅުންތެރިން-- ޓުޗެލް އަކީ ކުޅުންތެރިންގެ ފަރާތުން އެންމެ ފުރިހަމަ ކުޅުން ބޭނުންވާ، ވަރަށް މަތީ މިންގަނޑުތަކެއް ހިފަހައްޓާ މޮޅު މެނޭޖަރެއް ކަމަށާއި، މިފަދަ މުބާރާތެއް ކާމިޔާބުކުރަން ބޭނުންނަމަ ކޮންމެ ފަރިތަކުރުމެއްގައިވެސް އެންމެ މަތީ ފެންވަރު ދައްކަންޖެހޭނެ ކަމަށް ސޕެންސް ފާހަގަކުރިއެވެ. މީގެ އިތުރުން ސްޕެންސް ބުނީ 52 އަހަރުގެ ޖަރުމަނު ކޯޗު ޓުޗެލް ވަނީ އިންގްލެންޑް ސްކޮޑުގެ ތެރޭގައި ވަރަށް ބަދަހި ރޫހެއް އުފައްދާފައި ކަމަށެވެ. އެގޮތުން މުޅި ޓީމަކީ އެއް އާއިލާއެއްގެ ބައެއްގެ ގޮތުގައި ކޯޗު ސިފަކުރާ ކަމަށާއި، އެންމެންގެވެސް އޮތީ އެއް ހުވަފެނަކާއި އެއް ވިސްނުމެއް ކަމަށް އޭނާ ބުންޏެވެ. އިންގްލެންޑްގެ ފޯވާޑް އޮލީ ވަޓްކިންސްވެސް ވަނީ މިކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ކޯޗުގެ ހަރުކަށިކަމަށް ތާއީދުކޮށްފައެވެ. ވަޓްކިންސް މަޖާޒީގޮތަކަށް ބުނީ އެ ވަގުތު ކޯޗުގެ ހަޅޭކުން ސަލާމަތްވީތީ އުފާކުރާ ކަމަށާއި، ނަމަވެސް މިއިން ދޭހަވަނީ ކޯޗަކީ އަބަދުވެސް މޮޅުވާން ބޭނުންވާ އަދި ޓީމުގެ ފެންވަރު އެންމެ މަތީގައި ހިފަހައްޓަން މަސައްކަތްކުރާ ލީޑަރެއް ކަމަށެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ކްރޮއޭޝިއާ 4-2 އިން ބަލިކުރި އިންގްލެންޑް ޓީމު ދެން ބައްދަލުކުރާނީ މިރޭ ރާއްޖެގަޑިން މެންދަމު 01:00 ޖަހާއިރު ގާނާއާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ