އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދިޔަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއާއި އީރާނާ ދެމެދު ސޮއިކުރި އެއްބަސްވުމާ ގުޅިގެން، ހުރްމުޒް ކަނޑުއޮޅީގައި ތާށިވެފައިވާ 11،000 އަށްވުރެ ގިނަ ފަޅުވެރިން އެ ސަރަހައްދުން ބޭރުކުރުމުގެ މަސައްކަތް އދ. ގެ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އިން ފަށައިފިއެވެ.
އައިއެމްއޯގެ ސެކްރެޓަރީ ޖެނެރަލް އާސެނިއޯ ޑޮމިންގޭޒް އަންގާރަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި، މި އޮޕަރޭޝަން ކުރިއަށްގެންދާނީ އީރާނާއި، އޮމާނާއި، އެ ސަރަހައްދުގެ އައްސޭރިފަށުގެ އެހެނިހެން ގައުމުތަކާއި، އެމެރިކާގެ އިތުރުން ކަނޑުދަތުރުފަތުރުގެ ސިނާއަތާ ގުޅިގެންނެވެ. އަދި މި މަސައްކަތް ފެށުމަށް ބޭނުންވާ ސަލާމަތީ ޔަގީންކަން ހޯދައި، ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެކަން ކަށަވަރުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ފެށި ހަނގުރާމައާ ގުޅިގެން އީރާނުން ވަނީ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. މީގެ ސަބަބުން ގިނަ އަދަދެއްގެ އާގުބޯޓުފަހަރު ވަނީ އެ ސަރަހައްދުގައި ތާށިވެފައެވެ. ނަމަވެސް، ފާއިތުވި ހަފުތާގައި ސޮއިކުރި އެއްބަސްވުމަށްފަހު އެ ސަރަހައްދުގެ ކަނޑުދަތުރުފަތުރު ވަނީ އިތުރުވާން ފަށާފައެވެ. ކަނޑުދަތުރުފަތުރުގެ މައުލޫމާތު އެއްކުރާ ކުންފުންޏެއް ކަމަށްވާ ކެޕްލަރ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހޯމަ ދުވަހު އެކަނިވެސް 36 ވިޔަފާރި ބޯޓު އެ ކަނޑުއޮޅި ހުރަސްކޮށްފައިވެއެވެ. މިއީ ހަނގުރާމަ ފެށުނު ފަހުން އެންމެ ގިނަ އަދަދަކަށް ބޯޓުފަހަރު ދަތުރުކުރި ދުވަހެވެ.
އޮމާންގެ ދިފާއީ ވުޒާރާއިން ބުނި ގޮތުގައި، އައިއެމްއޯގެ ޕްލޭނާ އެއްގޮތަށް ފަޅުވެރިން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެ ވުޒާރާއިން ފާހަގަކުރި ގޮތުގައި، މިހާރު އޮތް ހާލަތުގައި ބޯޓުފަހަރު އެކަތި އަނެކައްޗާ މުޑިއެރުމުގެ ނުރައްކާ ބޮޑުކަމުން، މި މަސައްކަތް ކުރަންޖެހެނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިގެންނެވެ. މީގެ އިތުރުން، ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން އިސްނަގައިގެން ކަނޑުއޮޅި އަލުން ހުޅުވުމަށް އެކުލަވާލާފައިވާ ބައިނަލްއަގުވާމީ މިޝަންގައި ބައިވެރިވާނެކަން ޑެންމާކުންވެސް ވަނީ އަންގާރަ ދުވަހު އިއުލާނުކޮށްފައެވެ.
ހުރްމުޒް ކަނޑުއޮޅީގައި ހުރެ އަލްޖަޒީރާއަށް މައުލޫމާތު ދެމުން އެ ނޫހުގެ ރިޕޯޓަރު ތޯހިދު އަސާދީ ބުނި ގޮތުގައި، ސުލްހައިގެ އެއްބަސްވުމަކާ ގުޅޭގޮތުން އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކަށް ވަނީ ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބިފައެވެ. އަދި ކަނޑުއޮޅި މެދުވެރިކޮށް ވިޔަފާރި އަލުން ފެށުމުގެ އުސޫލުތަކާ ގުޅޭގޮތުން އޮމާނާއި އީރާނުން ގުޅިގެން ބަޔާނެއް ނެރެފައިވުމަކީ ރަނގަޅު ފާލެއް ކަމަށް އޭނާ ފާހަގަކުރިއެވެ. އެހެންނަމަވެސް، ކަނޑުއޮޅި އެއްކޮށް ހުޅުވުމަށް ނަގާނެ ވަގުތެއް އަދި ނޭނގޭ ކަމަށާއި، އެ ސަރަހައްދުގެ ދެފަރާތުގައި އަދިވެސް އެތައް ސަތޭކަ ބޯޓެއް ތާށިވެފައިވާ ކަމަށް އޭނާ ރިޕޯޓުކޮށްފައިވެއެވެ.
މި ދަނޑިވަޅުގައި، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ އަންގާރަ ދުވަހު އެކުވެރި އަރަބި އިމާރާތް (ޔުނައިޓެޑް އަރަބް އެމިރޭޓްސް - ޔޫއޭއީ) އަށް ވަޑައިގެންފައެވެ. އޭނާ ވިދާޅުވި ގޮތުގައި، އެމެރިކާއާއެކު ވެވޭ އެއްވެސް އެއްބަސްވުމެއްގެ ދަށުން ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ބޯޓުފަހަރުން ޓޯލް ނެގުމުގެ ފުރުސަތު އީރާނަށް ނުދެވޭނެއެވެ. މިއީ ބައިނަލްއަގުވާމީ ކަނޑުއޮޅިއެއް ކަމަށާއި، އެފަދަ ތަނަކުން ފީ ނެގުމުގެ ހައްގު އެއްވެސް ގައުމަކަށް ލިބިގެން ނުވާކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، އީރާނުގެ އިސް ނެގޯޝިއޭޓަރު މުހައްމަދު ބާގިރު ގާލިބާފް މީގެ ކުރިން ވިދާޅުވެފައިވަނީ، ކަނޑުއޮޅި ހުޅުވާފައި ބޭއްވުމަށް މުވާސަލާތީ ގުޅުންތަކެއް ގާއިމުކުރަން އެއްބަސްވި ނަމަވެސް، ހަނގުރާމައިގެ ކުރިން ހުރްމުޒް ކަނޑުއޮޅި އޮތް ހާލަތަށް ދެން ދުވަހަކުވެސް ނުދާނެ ކަމަށެވެ.
ހުރްމުޒް ކަނޑުއޮޅީގައި ތާށިވެފައިވާ 11،000 އަށްވުރެ ގިނަ ފަޅުވެރިން ސަލާމަތްކުރަން އދ. އިން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ