ބާކީ އެއް މެޗް އޮއްވައި ގދ. ގައްދޫން ސައުތު ރީޖަނަލް ލީގުގެ ޗެންޕިއަންކަން ޔަގީން ކޮށްފި އެވެ.
ގައްދޫ ޗެންޕިއަންކަން ޔަގީން ކުރީ އިއްޔެ ހަވީރު އަމިއްލަ ދަނޑުގައި ސ. ފޭދުއާ ވާދަކޮށް 4-0 އިން މޮޅު ވެގެންނެވެ.
ގައްދޫ ވަނީ ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް މޮޅުވެ، 15 ޕޮއިންޓް ހޯދައިފަ އެވެ. ދެވަނައިގައި އޮތް ލ. ގަމަށް ފަސް މެޗުން ލިބިފައި ވަނީ 10 ޕޮއިންޓެވެ. ފޭދުއަށް ހަ މެޗުން ފަސް ޕޮއިންޓް ލިބިފައި ވާއިރު ލ. ކުނަހަންދުއަށް ހަ މެޗުން ލިބިފައި ވަނީ އެއް ޕޮއިންޓެވެ.
ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ގެންދާ މި ލީގުގައި ބާކީ އޮތީ ގައްދު އާއި ލ. ގަން ވާދަ ކުރާ ފަހު މެޗެވެ. މި މެޗު ކުޅޭނީ ގައްދޫގަ އެވެ.
ދެކުނު ލީގުގެ ޗެންޕިއަންކަމާ އެކު ގައްދޫ ވަނީ އަންނަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގެ ޕްލޭ އޮފުން ފުރުސަތު ހޯދައިފަ އެވެ.
މި އަހަރު އެފްއޭއެމުން މުޅި ރާއްޖެ ޝާމިލްވާ ފަދަ ލީގު ސިސްޓަމެއް ގާއިމު ކުރުމަށް މަސައްކަތް ފަށާފައި ވާއިރު، ރީޖަނަލް ހަތަރު ލީގަކީ ރާއްޖެގެ ފުޓްބޯޅަ ޕިރަމިޑްގައި ދެވަނަ ޑިވިޝަނެވެ. އެއްވަނަ ޑިވިޝަނަކީ ދިވެހި ޕްރިމިއާ ލީގެވެ. މި ސީޒަންގެ ޕްރިމިއާ ލީގުގެ ހަތް ވަނަ އާއި އަށް ވަނައަށް ދިޔަ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް އާއެކު އަންނަ ސީޒަންގެ ޕްރިމިއާ ލީގު ޕްލޭއޮފްގައި ޖުމްލަ ހަ ޓީމު ކުޅޭނެ އެވެ.
ޓީސީ އާއި ގްރީން އަދި ގައްދޫގެ އިތުރުން ޕްލޭއޮފްގައި ދެން ވާދަ ކުރާނީ ނޯތު ރީޖަން ލީގުގެ ޗެމްޕިއަން ހއ. ދިއްދު އާއި ސެންޓްރަލް ލީގު ޗެމްޕިއަން ކ. ހުރާ އަދި މާލޭ ރީޖަން ލީގު ދެވަނަ ޑިވިޝަނުގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް ކްލަބެވެ.
ދިވެހި ޕްރިމިއާ ލީގު 2026/2027 ގައި ޖުމްލަ 10 ޓީމު ވާދަ ކުރާނެ އެވެ. އެއީ، މި ސީޒަންގެ ލީގުގެ ގަދަ 6 ކަމަށްވާ މާޒިޔާ، އޮޑި ސްޕޯޓްސް، ނިއު ރޭޑިއަންޓް، ބުރު ސްޕޯޓްސް، އީގަލްސް އަދި ވިކްޓަރީގެ އިތުރުން، ޕްލޭއޮފްގެ ގަދަ ހަތަރު ޓީމެވެ.
ދެކުނުގެ ޗެމްޕިއަންކަން ހޯދައި ދިވެހި ޕްރިމިއާ ލީގުގެ ޕްލޭއޮފްގެ ފަހު ޖާގަ ގައްދުއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ