ޖުލައި މަހު ފަތުރުވެރިން އަންނަ ޢަދަދަށް ކުރިއެރުން

ޖުލައި މަސް ފެށުމާއެކު ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދަށް ކުރިއެރުން އަންނަމުންދާކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިމަހުގެ ފުރަތަމަ 4 ދުވަހު ރާއްޖެއަށް 22،000އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވެއެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ ފުރަތަމަ 4 ދުވަހު އެކަނިވެސް ރާއްޖެއަށް 22,636 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ 22,297 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ 1.5 އިންސައްތައިގެ އިތުރުވުމެކެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ހަތަރު ދުވަހު ދުވާލެއްގެ މައްޗަށް ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދަށްވެސް ކުރިއެރުމެއް އައިސްފައިވެއެވެ. އެގޮތުން މިދިޔަ މަހު އެވްރެޖުކޮށް ދުވާލަކު 3،000 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކުރިނަމަވެސް، މިމަހު އެވްރެޖުކޮށް ދުވާލަކު 5،000 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. އަދި އިއްޔެ އެކަނި 6,434 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވެއެވެ.
ޖުލައި 1 : 5,260 ފަތުރުވެރިން
ޖުލައި 2 : 5,568 ފަތުރުވެރިން
ޖުލައި 3 : 5,374 ފަތުރުވެރިން
ޖުލައި 4 : 6,434 ފަތުރުވެރިން
ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓްތަކުގެ އެއްވަނައިގައި އޮތީ ޗައިނާއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު ޗައިނާއިން 174,201 ފަތުރުވެރިން (16.3% މާކެޓް ހިއްސާ) ޒިޔާރާތްކޮށްފައިވެއެވެ.
* ޗައިނާ: 174,201 ފަތުރުވެރިން
* ރަޝިއާ: 154,198 ފަތުރުވެރިން
* އިނގިރޭސިވިލާތް: 87,768 ފަތުރުވެރިން
* އިޓަލީވިލާތް: 74,456 ފަތުރުވެރިން
* ޖަރުމަނުވިލާތް: 68,079 ފަތުރުވެރިން
މި އަހަރުގެ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1,092,518 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ވޭތުވެދިޔަ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ކުޑަ ދަށްވުމެކެވެ.
މި މުއްދަތުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރި ކަމަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، ކުރިއަށް އޮތްތަނުގައިވެސް މި ކުރިއެރުން ދެމެހެއްޓުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ވަކިން ޚާއްސަކޮށް މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން ފަތުރުވެރި ކަމަށް އޭރު ދިމާވަމުން އައި ގޮންޖެހުންތައް ކުޑަކުރުމަށް ކުރަމުންދާ މަސައްކަތާއެކު ކުރިއަށް އޮތްތަނުގައި މި ސިނާޢަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް މިދާއިރާގެ ތަޖުރިބާ ކާރުން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ