ޣައްޒާގެ މީހުން ދިރިއުޅޭ ގެއަކަށް ހަމަލާދީ 19 މީހަކު ޝަހީދު ކޮށްލައިފި

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ މީހުން ދިރިއުޅޭ ގެއަކަށް ހަމަލާދީ 19 މީހަކު ޝަހީދު ކޮށްލައިފިއެވެ.
މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި މިއަދު ގިނަ ވަގުތު ނިރުބަވެރި އިސްރާއީލުން ދިޔައީ ޣައްޒާއަށް އެކި ގޮތްގޮތުން ހަމަލާތައް ދެމުންނެވެ. އެގޮތުން ދެމުން ދިޔަ ހަމަލާތަކުގައި އިތުރު 19 މީހަކު ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.
ރިޕޯޓްތަކުން ބުނެފައިވާ ގޮތުގައި މިމީހުން ޝަހީދުވެފައިވަނީ ޣައްޒާގެ ރަފާހް ސިޓީގައި އެމީހުން ދިރިއުޅެމުން ދިޔަ ގެއަށް އަމާޒުކޮށް ނިރުބަވެރި އިސްރާއީލުން ދިން ބޮމުގެ ހަމަލާގައެވެ.
މިހަމަލާގެ އިތުރުން ވެސް ނިރުބަވެރިން ވަނީ މިއަދުގެ ވަގުތެއްގައި ގެދޮރު ގެއްލިފައިވާ ބައެއް މީހުންނަށް ވެސް ހަމަލާތަކެއް ދީފައެވެ. މިހަމަލާގައި ވެސް 16 މީހަކު ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. ޝަހީދުވެފައިވާ މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 31،000 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 70،000 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ