ދައުލަތުގެ ބޮޑެތި މަޝްރޫއުތައް ބިޑް ކުރުމެއް ނެތި ނުވަތަ 'ސިންގަލް ސޯސް' އުސޫލުން ވަކި ބަޔަކާ ހަވާލުކުރުމުގައި އަމަލުކުރާ ގޮތްތަކާއި އެކަމާ ގުޅޭ ލިޔެކިޔުންތައް ހާމަކުރުމަށް ރައީސް އޮފީހުން އިންކާރުކޮށްފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ރައީސް އޮފީހަށް ހުށަހެޅި މި ހުށަހެޅުމުގައި، ސަރުކާރުން މަޝްރޫއުތައް ހަވާލުކުރުމުގައި ގެންގުޅޭ ދެފުށް ފެންނަ މިންވަރު ދެނެގަތުމަށްޓަކައި މުހިންމު މައުލޫމާތުތަކެއްގެ ތަފުސީލަށް އަދަދު ނޫހުގެ ނޫސްވެރިން ވަނީ އެދިފައެވެ.
ނަމަވެސް މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ރައީސް އޮފީހުން އަމަލުކޮށް މައުލޫމާތު ފޯރުކޮށްނުދިނެވެ.
މި މައުލޫމާތުތައް ހޯދުމަށް އެދިފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އުނިކުރަންޖެހޭ ޒާތީ ނުވަތަ ވިޔަފާރީގެ ސިއްރުތައް އުނިކުރުމަށްފަހު ނަމަވެސް، ރައީސް އޮފީހުން ވަނީ އެއްވެސް މައުލޫމާތެއް ހިއްސާކުރަން އުޒުރުވެރިވެފަ އެވެ.
ސިންގަލް ސޯސް ޕްރޮކިއުމަންޓަކީ ވާދަވެރި ބިޑަކަށް ނުގޮސް ސީދާ ވަކި ބަޔަކަށް މަޝްރޫއު ދިނުން ކަމަށްވާއިރު، މިއީ ކޮރަޕްޝަނުގެ ނުރައްކާ އޮތް ކަމެކެވެ.
ރައީސް މުއިއްޒުގެ ވައުދުތައް ފުއްދަން 2.7 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ވެސް ބަހާލީ ބީލަމަކަށް ނުލައި، ސަރުކާރުން ބޭނުންވި ބަޔަކަށެވެ. އޭގެ ތެރޭގައި ތަޖުރިބާއެއް ނެތް ކުންފުނިތަކާއި އުވައިލަން ނިންމާފައިވާ ކުންފުނިތައް ވެސް ހިމެނެ އެވެ.
ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މުއިއްޒު ކުރިއަށް ގެންދާ މި މަޝްރޫއުތަކަށް ފަންޑުކުރަނީ ބީއެމްއެލްއިންނެވެ.
ގާނޫނުގެ ދަށުން މައުލޫމާތު ނުދީ ސަރުކާރުން ހިފަހައްޓާއިރު، މުއިއްޒު ކުރިން ވިދާޅުވެފައި ވަނީ ސަރުކާރުގައި ފޮރުވާނެ އެއްޗެއް ނެތް ކަމާއި އެދޭ މައުލޫމާތު ދޭނެ ކަމަށެވެ. ނަމަވެސް މިވެރިކަން ފެށުނު ފަހުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަށް ސަރުކާރުން ދަނީ ހުރަސް އަޅަމުންނެވެ.
ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ މައުލޫމާތު ހާމަކުރަން ރައީސް އޮފީހުން ދެކޮޅު ހަދައިފި ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ މައުލޫމާތު ހާމަކުރަން ރައީސް އޮފީހުން ދެކޮޅު ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ