ނަފްސާނީ ހާލަތު މަތީ ދަރަޖައަކަށް ހުންނާތީ އެކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ކުށްކުރުވަނީ ކަމަށް ބުނެ، ބަންދަށް ލުއިދޭން، މަސްތުވާތަކެތި ގެންގުޅެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ކޯޓުގައި އެދިއްޖެ އެވެ.
ވީ ކިހިނެއް؟ - މި މަހުގެ 5 ވަނަ ދުވަހު ފުލުހުން ހިންގި ޑްރަގު އޮޕަރޭޝަނެއްގައި މާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ފެނުނު މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފައިވެ އެވެ.
އެ ދެ މީހުންނަކީ:
މުހައްމަދު އީވާން ހާމިދު، 23، ވަލުތެރޭގެ/ގދ. މަޑަވެލި
މުހައްމަދު ރާއިދު އަލީ އަސްގަރު، 31، ހ. ސަކީނާމަންޒިލް
ތަފްސީލް - މި ދެ މީހުންގެ ބަންދަށް ފުރަތަމަ ޖެހި ހަތް ދުވަހުގެ މުއްދަތު ހަމަވެގެން، ބަންދު މުރާޖައާކުރަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން، މީގެ ތެރެއިން ރާއިދު ވަނީ އޭނާގެ "ބަލިހާލަތަށް" ބަލައި ގޭބަންދަށް ނަމަވެސް ދޫކޮށްލައިދޭން އެދިފަ އެވެ. އެގޮތުން އޭނާ ކޯޓުގައި ބުނީ:
އޭނާއަކީ ނަފްސާނީ ބަލި މަތީ ދަރަޖައަކަށް ހުންނަ މީހެއް ކަމަށް
މީގެ ކުރިން ވެސް އެ ކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ކުށްކުރުވުމަށް އޭނާ ބޭނުންކޮށްފައިވާ ކަމަށް
ބަލިހާލަތަށް ރިއާޔަތްކޮށް ގޭބަންދަށް ނަމަވެސް ދޫކޮށްދިނުމަށް
މި މައްސަލާގައި ހައްޔަރުކޮށް ފުރަތަމަ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމުން ވެސް ރާއީދު މިވާހަކަތައް ހަމަ މިގޮތަށް ދައްކާފައިވެ އެވެ. އޭރު ވެސް އޭނާގެ ބަންދަށް ލުއި ދީފައެއް ނުވެ އެވެ.
މި މައްސަލައިގައި ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލައި، އޭނާގެ ބަންދުގެ މުއްދަތު އިއްޔެ ޖެހި ގާޒީ އިސްމާއިލް ޝަފީއު ވެސް ނިންމެވީ ބަންދުން ދޫކުރަންޖެހޭ ފަދަ ހާލަތެއް އޮތް ކަމަކަށް ނުފެންނަ ކަމަށެވެ. އެހެންވެ، އޭނާގެ ބަންދަށް 30 ދުވަސް އިތުރުކޮށްފައިވެ އެވެ.
ދެން މި މައްސަލާގައި ހައްޔަރުކޮށްފައިވާ އީވާން ކޯޓުގައި ވަކި ކަމެއް ފާހަގަކޮށްފައެއް ނުވެ އެވެ. އޭނާގެ ބަންދަށް ވެސް 30 ދުވަސް އިއްޔެ އިތުރުކޮށްފައިވެ އެވެ.
މި ދެ މީހުންގެ މައްޗަށް ވެސް ކުރަނީ މަސްތުވާތަކެތި ގެންގުޅެ ވިޔަފާރި ކުރި ކަމުގެ ތުހުމަތެވެ.
1 ކިލޯގެ ޑްރަގާ އެކު ހައްޔަރުކުރުމުން ބުނީ ނަފްސާނީ ހާލަތު މަތީ ދަރަޖައަކަށް ހުންނާތީ ދޫކޮށްލައިދޭން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ