އީރާނަށް ހަމަލާދޭން އެމެރިކާ ތައްޔާރުވަނީ
ވޮޝިންޓަން (14 ޖަނަވަރީ 2026) : އީރާނާ ދެކޮޅަށް އަސްކަރީ ބާރުގެ ބޭނުންކުރާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް ދެއްވައިފިއެވެ. ޓްރަމްޕް ވިދާޅުވީ އީރާނުގެ އެތެރޭގެ ހާލަތު ބަލަމުން ގެންދާ ކަމަށާއި އެއަށްފަހު އީރާނަށް ހަމަލާދިނުމާމެދު ގޮތެއް ނިންމާނެކަމުގައެވެ. ޓްރަމްޕް މީގެކުރިންވެސް އެތައް ފަހަރަކު ވަނީ އީރާނަށް އިސްވެ ހަމަލާދޭނެކަމުގެ އިންޒާރުތައް ދެއްވާފައެވެ. މި އިންޒާރުތައް ދެއްވީ މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާއަށް ގޮސް ޓްރަމްޕް އާ ބައްދަލުކޮށް އީރާނަށް ހަމަލާދިނުމަށް އިސްރާއީލަށް ވާގިވެރިވުމަށާއި އަދި އީރާނަށް ހަމަލާ ދިނުމުގައި އިސްރާއީލާއެކު އެމެރިކާ ބައިވެރިވުމަށް ޓްރަމްޕަށް ބާރު އެޅުމަށްފަހުއެވެ. އީރާނާމެދު މިގޮތަށް އަމަލުކުރުމާ ގުޅޭގޮތުން ޓްރަމްޕާ ވާހަކަދެއްކިކަން ބައިނަލްއަގްވާމީ ކޯޓަށް ބޭނުންވެފައިވާ ނަތަންޔާހޫ ވަނީ ކަށަވަރުކޮށްދެއްވައިފައެވެ. އީރާނުގައި ކުރަމުން އަންނަ މުޒާހަރާތައް: އެ ގައުމުން ބުނީ މިއީ އެމެރިކާއާއި އިސްރާއީލުން ކުރާ ޓެރަރިޒަމްގެ ހަނގުރާމައެއް ކަމަށް -- ފޮޓޯ/ އޭޕީ އެއަށްފަހު ޓްރަމްޕާއި ނަތަންޔާހޫ ވަނީ އީރާނުގައި ތަންތަނަށް ހަމަލާދީ ފުލުހުންގެ ގަޔަށް ބަޑިޖަހައި ސަރުކާރުގެ އިމާރާތް ތަކުގައާއި އާންމުންގެ ގެދޮރުގައި ހުޅުޖަހައި ހަމަނުޖެހުމާއި ޓެރަރިޒަމްގެ އަމަލުތައް ހިންގަމުން ގެންދާ ފަރާތްތަކަށް ހިއްވަރުދީ ހަމަނުޖެހުންތައް ކުރިޔަށް ގެންދިޔުމަށް ތަކުރާރުކޮށް އެ މީހުންނަށް އަންގާފައެވެ. މިއާއެކު އީރާން ވަނީ ޓެރަޒަމް ސްޕޮންސާކުރާ ކަމުގެ ތުހުމަތު އެމެރިކާއާއި އިސްރާއީލުގެ މައްޗަށް ކޮށްފައެވެ. އެމެރިކާއާއި އިސްރާއީލުން ސްޕޮންސާ ކުރާ ޓެރަރިޒަމްގެ އަމަލުތަކާ ގުޅިގެން 2000 އަށް ވުރެ ގިނަ މީހުން އީރާނުގައި މަރުވެފައިވާއިރު މީގެތެރޭގައި އީރާނުގެ ފުލުހުންގެ 110 މީހަކާއި އާންމުންގެ އެތައް ސަތޭކަ ބަޔަކާ އަދި އަލިފާންޖަހައި ހަމަނުޖެހުންތައް ހިންގާ ޓެރަރިސްޓުންގެ އެތައް ބަޔަކުވެސް ހިމެނޭކަމަށް އީރާނުގެ މީޑިއާ ބުނެއެވެ. މިސްކިތްތަކާއި ސަރުކާރުގެ އިމާރާތްތަކާ އަދި އަމިއްލަ މީހުންގެ ގެދޮރު ހިމެނޭގޮތަށް ސަތޭކައެއް ހާ އިމާރާތަކާއި އެތައް ސަތޭކަ ވެހިކަލެއްގައި ވަނީ ހުޅުޖަހައި އަންދާލާފައެވެ. ހަމަނުޖެހުންތައް މައިތިރި ކުރުމަށްޓަކައި އީރާނުން އިންޓަނެޓް ކަނޑާލުމުން އެމެރިކާގެ ރައީސް ވަނީ އިލޮން މާސްކްގެ ސްޓާލިންކް މެދުވެރިކޮށް ހަމަނުޖެހުން ހިންގާ ފަރާތްތަކަށް ހަމަނުޖެހުންތަކަށް ހިތްވަރު ދިނުމަށްޓަކައި އިންޓަނެޓް ލިބޭނެ ގޮތް ހަމަޖައްސާފައެވެ. ނަމަވެސް ރަޝިއާގެ ފަންނީ އެހީއާއެކު އީރާނުން ސްޓާލިންކްގެ އިންޓަނެޓް ޚިދުމަތް ޖޭމް ކޮށްލުމުން އެމެރިކާ ވަނީ ނުރުހުން ފާޅުކޮށް އެކަން ކުށްވެރިކޮށްފައެވެ. ރިޕޯޓްތައް ބުނާގޮތުން އީރާނަކީ ޗައިނާއާއި ރަޝިއާ ފިޔަވައި ސްޓާލިންކްގެ ޚިދުމަތްތައް ޖޭމްކޮށްލުމުގެ ފަންނީ ގާބިލްކަން ހޯދި ތިންވަނަ ގައުމެވެ. ސްޓާލިންކްގެ ޚިދުމަތްތައް ޖޭމްކޮށްލުމަށް ބޭނުންވާ ހުރިހާ ޑިވައިސްތަކެއް މިހާރު އީރާނުގައި ހުރިކަމަށްވެއެވެ. ސްޓާލިންކުގެ ޚިދުމަތްތަކުގެ 85 އިންސައްތަ ޖޭމް ކޮށްލުމުގައި އީރާން ކާމިޔާބު ހޯދިކަމަށް ރިޕޯޓްތައް ބުނެއެވެ. އީރާން ބުނާގޮތުން އެ ގައުމުގައި ތަންތަނުގައި ހުޅު ރޯކޮށް އާންމުންނާއި ސަލާމަތީ ބާރުތަކުގެ މީހުންނަށް ހަމަލާދީ އެ މީހުން މެރުންފަދަ ޓެރަރިޒަމްގެ އަމަލުތައް ހިންގުމުގައި ޝާމިލްވިކަން ޝަރީއަތަށް ސާބިތުވާ ހުރިހާ ފަރާތްތަކަށް މަރުގެ އަދަބު ދޭނެއެވެ. އޭގެތެރެއިން ގިނަ މީހުންގެ މައްސަލަ މިހާރު ވަނީ ތަހުގީކޮށް ޝަރީއަތަށް ފޮނުވާފައެވެ. އީރާންގެ ރޫޚާނީ ލީޑަރު: -- ފޮޓޯ/ އޭޕީ އީރާނުގެ ރަސްމީ ޓީވީ ބުނާގޮތުން ހަމަނުޖެހުން އުފެއްދުމުގައި އުޅޭ މީހުންގެ މުޒާހަރާތައް މިހާރުވަނީ ބޮޑުތަނުން ކޮންޓްރޯލް ވެފައެވެ. މިހާރު މައިގަނޑު ގޮތެއްގައި ކުރިޔަށްދަނީ ސަރުކާރަށް ތާއީދުކުރުމުގެ ގޮތުން ރައްޔިތުން ކުރިޔަށް ގެންދާ ހިނގާލުންތަކެވެ. އަނެއްކޮޅުން އީރާނަށް ހަމަލާދީފިނަމަ މެދުއިރުމަތީގައިވާ އެމެރިކާގެ މަސްލަހަތުތަކަށް ރައްދު ހަމަލާ ދޭނެކަމުގެ އިންޒާރު އީރާނުގެ ދިފާއީ ވަޒީރު ޖެނެރަލް އަމީރު ނަސީރު ޒާދާ އާއި އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ކޮމާންޑަރު ޖެނެރަލް މުހައްމަދު ބާގިރީ ވަނީ ދެއްވާފައެވެ. އެމެރިކާ ނޫނީ އިސްރާއީލުން ހަމަލާދީފިނަމަ ހުރުމުޒް ކަނޑުއޮޅި ބަންދުކުރުމަކީވެސް އޮތް ޗޮއިސް އެއްކަމަށް އެބޭފުޅުން ވިދާޅުވިއެވެ. އީރާނުގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކަށް ހިއްވަރުދީ އެކަމުގައި އިސްރާއީލު ބައިވެރިވާކަން ސާބިތު ވެފައިވާތީ އެމެރިކާ އީރާނަށް ހަމަލާދީފިނަމަ އެކަމަށް ދޭ ރައްދުގައި އިސްރާއީލަށް ހަމަލާ ދޭނެކަމަށްވެސް އީރާނުގެ މަސްއޫލުވެރިން ވަނީ ވިދާޅުވެފައެވެ. މި އިންޒާރާ ގުޅިގެން އިސްރާއީލު ގެ ބޮޑުވަޒީރު ނަތަންޔަހޫ ވަނީ އީރާނުގައި ހިނގަނީ އެގައުމުގެ ދާޚިލީ ކަމެއްކަމަށާ އެކަމުގައި އިސްރާއީލުގެ އެއްވެސް އަތެއް ނޯންނާނެކަމަށް ބުނެ މިކަމުން ރެކިގަންނަން މަސައްކަތްކޮށްފައެވެ. ރިވޮލިއުޝަނަރީ ގާޑުންގެ ކޮމާންޑަރު ޖެނެރަލް މުހައްމަދު ބާގިރީ ވިދާޅުވިގޮތުގައި އެމެރިކާ ނޫނީ އިސްރާއީލުން އީރާނަށް ހަމަލާދީފިނަމަ މިދިޔަ ޖުލައިމަހު އީރާނުން އިސްރާއީލަށް ދިން މިސައިލް ހަމަލާތަކަށްވުރެ މާ ވަރުގަދަ ރައްދެއް އީރާނުން ދޭނެއެވެ. އޭރު އީރާނުގައި ނެތް އެތަށް ހަތިޔާރެއް މިހާރު އީރާނުގައި އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިސްރާއީލުގެ ދިފާއުތަކުގެ ބަލިފައިތައް ވަރަށް ރަނގަޅަށް އީރާނަށް އެނގޭކަމަށްވެސް ޖެނެރަލް މުހައްމަދު ބާގިރީ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ